ވޮޝިންޓަން (15 ޖުލައި 2026) : އެމެރިކާއަކީ މިހާރު ފަނޑިޔާރުންނަށް ވަރަށް ނުރައްކާތެރި ގައުމެއްކަމަށް އެގައުމުގެ ފަނޑިޔާރުން ވިދާޅުވެއްޖެއެވެ.
އެމެރިކާގެ އެކިފަރާތްތަކުން ފަނޑިޔާރުންނަށް ބިރުދައްކައި އަދާލަތާއި އިންސާފަށް ހުރަސްއަޅަން މަސައްކަތްކުރަމުންދާކަން ހާމަކުރައްވައި އެމެރިކާގެ ސްޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު އިއްޔެވަނީ އެމެރިކާގެ ކޮންގްރެސްގެ ކުރިމަތީގައި އެމީހުންގެ ޝުއޫރުތައް ބަންޑުންކޮށްލާފައެވެ.
އެމެރިކާގެ ފަނޑިޔާރުންނަށް ކުރިމަތިވާ ތަފާތު މައްސަލަތަކާބެހޭގޮތުން ކޮންގްރެސް އަށް މައުލޫމާތު ދެއްވަމުން އެގައުމުގެ ސްޕްރީމް ކޯޓުގެ ފަނޑިޔާރުން ވިދާޅުވީ އެމެރިކާގެ އެތެރޭގެ ހާލަތު މިހާދަށުދަރަޖައަކަށް ވެއްޓިފައިވާ ދުވަސްވަރެއް މިފަހަކަށްއައިސް ނުފެންނަ ކަމަށެވެ. "އެމެރިކާގެ މުޖްތަމައުގައި ފަނޑިޔާރުންނަށް ބިރުދައްކައި ފަނޑިޔާރުންގެ ނިންމުންތައް ވަކިގޮތަކަށް އަނބުރާލުމަށް އެކިލެވެލްގައި ރާވައިގެން ބޮޑެތި މަސައްކަތްތަކެއް ކުރަމުން ގެންދޭ" ސްޕްރީމް ކޯޓުގެ ފަނޑިޔާރު އެލީނާ ވިދާޅުވިއެވެ.
ކުރިން މިފެންވަރަށް އެމެރިކާގައި ފަނޑިޔާރުންނަށް ބިރުވެރިކަން ނެތްކަމަށް ފަނޑިޔާރު އެމީ ކޯނޭ ވިދާޅުވިއެވެ. މިހާރު ގިނަ ފަނޑިޔާރުން އުޅެންޖެހެނީ އެމީހުންގެ ގަޔަށް ބަޑިޖަހާފާނެތީ ވަޒަންނާރާ ޖެކެޓް ލައިގެން ކަމަށާއި މިބިރުތަކުގެ ސަބަބުން ނަފްސާނީ ގޮތުންވެސް ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހޭކަމަށް ކޮންގްރެސްގެ މެންބަރުންގެ ކުރިމަތީގައި ޝުއޫރުތައް ބަންޑުންކޮށްލެއްވި އެމެރިކާގެ ސްޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ އެމީ ކޯނޭ އާއި އެލީނާ ކޭގަން ވިދާޅުވިއެވެ.
މިއީ އެމެރިކާގެ ފަނޑިޔާރުން ކޮންގްރެސްގައި މީގެކުރިން މިފެންވަރަށް ދައްކަވާފައިވާ ވާހަކަތަކެއް ނޫނެވެ. ނަމަވެސް ފަނޑިޔާރުންނަށް ކުރިމަތިވާ މައްސަލަތަކާބެހޭގޮތުން ކުރިންވެސް ކޮންގްރެސްއާ މައުލޫމާތު ހިއްސާ ކުރެއެވެ.
އެހެންގައުމުތަކެކޭ އެއްގޮތަށް އެމެރިކާގައިވެސް ފަނޑިޔާރުންނަކީ އާންމު ތަންތަނުގައާއި އާންމު ޖަލްސާތަކުގައި ވާހަކަދައްކާ ބައެއްނޫނެވެ. އެމެރިކާގައި ފަނޑިޔާރުންނަށް ނުރައްކާވުމުން އެމީހުންގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ވަރުގަދަ ކުރުމަށް ބޭނުންވާ ބަޖެޓް ލިބުންވެސް ދަތިވެފައިވާކަން ހިތާމައާއެކު ފަނޑިޔާރުން ފާހަގަ ކުރެއްވިއެވެ.
މިކަންބޮޑުވުންތައް ފާޅުކުރެއްވިޔަސް އެމެރިކާގެ ކޯޓުތަކުގެ ފަނޑިޔާރުން ކޮންގްރެސް އަށް ޔަގީންކަން ދެއްވީ އެއްވެސް ފަރާތެއްގެ ޕްރެޝަރަކަށް އަދި ބިރުދެއްކުމަކަށް ދީލާނުލައި ވަކި ފަރާތަކަށް ޖެހުމެއްނެތި ޝަރީއަތްކޮށް ހުކުމްތައް ކުރަމުން ގެންދާނެ ކަމުގައެވެ.
އެމެރިކާގައި ޝާއިއުކޮށްފައިވާ ރިޕޯޓްތައް ބުނާގޮތުން ބިރުދެއްކުންތަކާއި ޕްރެޝަރުތައް ބޮޑުވަނީ ޓްރަމްޕްގެ ސިޔާސަތުތަކާ ގުޅޭ ބޮޑެތި މައްސަލަތައް ނިންމާ ކޯޓުތަކުގެ ފަނޑިޔާރުންނަށެވެ. ޓްރަމްޕްވަނީ އޭނާގެ އަމުރަށް ފެޑްރަލް ސަރުކާރުން ތަންފީޒުކުރާ ސިޔާސަތުތަކާ ދެކޮޅަށް އެމެރިކާގެ ކޯޓުތަކުން ކުރާ ބައެއް ހުކުމްތައް ތަންފީޒު ކުރުމަށް ދެކޮޅު ހަދާފައެވެ.
ފަނޑިޔާރުން ވިދާޅުވާގޮތުގައި ސަރުކާރުގެ ސިޔާސަތާ ދެކޮޅަށް މިފަދަ ހުކުމްތައް ކުރަންޖެހެނީ އެސިޔާސަތުތައް ގާނޫނުތަކާ ފުށުއަރާތީއެވެ. ޓްރަމްޕަކީ އޭނާގެ ސިޔާސަތުތައް ހުއްޓުވާ ފަނޑިޔާރުންނަށް ފާޅުގައި ފާޑުވިދާޅުވާ ބޭފުޅެކެވެ. ޓްރަމްޕް ބަހުގެ ހަމަލާތައްދޭ ފަނޑިޔާރުންގެ ތެރޭގައި އެމެރިކާގެ ސްޕްރީމް ކޯޓުގެ ފަނޑިޔާރުންވެސް ހިމެނެއެވެ.
މީގެއިތުރުން ޓްރަމްޕްގެ ސަރުކާރުން ގެންދަނީ ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގެ ފަނޑިޔާރުންނަށް ބިރުދައްކައި އެމީހުންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައްވެސް އަޅަމުންނެވެ. ބައިނަލްއަގްވާމީ ޖިނާއީ ކޯޓުން އިސްރާއީލުގެ ބޮޑުވަޒީރު ހައްޔަރުކުރުމުގެ އަމުރު ނެރުމުން ޓްރަމްޕްގެ ސަރުކާރުންވަނީ އެކޯޓުގެ ފަނޑިޔާރުންނާއި ޕްރޮސެކިއުޓަރާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި އެމެރިކާގައިވާ އެބޭފުޅުންގެ އެކައުންޓްތަކާއި އެސެޓްތައް ހިފަހައްޓާފައެވެ. އެމެރިކާއަށް ވަނުންވެސް ބައެއް ފަނޑިޔާރުންނަށް ވަނީ މަނާކޮށްފައެވެ.