ވޮޝިންޓަން (18 އޮގަސްޓް 2026): ހަނގުރާމައިގައި އީރާން މުޅިން ބަލިކޮށްލެވިފައިވާ ކަމަށާއި އީރާންގެ ކުރިމަތީގައި މިހާރު އޮތް ހަމައެކަނި ގޮތަކީ ޝަރުތަކާ ނުލައި އަމާން ދިނުންކަމަށާއި ހަނގުރާމަ ނިންމާލުމަށްޓަކައި އެކަން އަވަހަށް ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް ގޮވާލައްވައިފިއެވެ.
އެމެރިކާގެ ކަނާތުފިޔައިގެ ހަރުކަށި ފިކުރުގެ މިޑީއާއެއް ކަމަށްވާ ފޮކްސް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވިދާޅުވީ އީރާން އާ ދެކޮޅަށް އެމެރިކާ އަޅާފައިވާ ހިސާރުގެ ފިޔަވަޅުތައް ނުހަނު ކާމިޔާބު ކަމަށާއި އީރާނުގެ އިގްތިސާދު ބަލިކަށިވެ އިނދަޖެހެމުންދާ ކަމަށެވެ. އެހެންކަމުން އީރާނަށް އޮތީ ޝަރުތަކާނުލައި އަމާން ދިނުން ކަމަށް ވިދާޅުވިއެވެ.
"އީރާނަށް އަދިވެސް އެންމެ ރަނގަޅުވާނީ ޝަރުތަކާ ނުލައި އެމެރިކާއަށް އަމާންދީ ހުދުދިދަ ނެގުން، އެހެންނޫނީ އިގުތިސާދު އިނދަޖެހި އީރާނުގެ އެތެރޭގައި ހަމަނުޖެހުންތައް އުފެދި ގައުމު ރޫޅިގެންދާނެ،" ޓްރަމްޕް ވިދާޅުވިއެވެ.
އީރާނާ ދެކޮޅަށް އެމެރިކާ ފަށާފައިވާ އުދުވާނީ ހަނގުރާމައިގެ ހަމަލާތަކުން ހާސިލްކުރަން އެމެރިކާ އިއުލާންކުރި އަސްކަރީ އަދި ސްޓްރެޓީޖިކް އެއްވެސް މަގްސަދެއް މިހާތަނަށް ހާސިލްވެފައިވާކަމަށް ބުނަން ޓްރަމްޕް އަށް ކެރިފައި ނުވެއެވެ. ނަމަވެސް ޓްރަމްޕްވަނީ ހުރުމުޒު ކަނޑުއޮޅީގެ ކޮންޓްރޯލްވެސް އޮތީ އެމެރިކާ އަތުގައި ކަމަށް ވިދާޅުވެ އޭނާ ދައްކަވާ ވާހަކަތައް ތަކުރާރު ކުރައްވައިފައެވެ.
އީރާނުގެ އަސްކަރިއްޔާވެސް މުޅިން ފުނޑާލެވިފައިވާ ކަމަށާއި އީރާނުގެ އަތުގައި ހަތިޔާރުވެސް ނެތްކަަމަށް ތަކުރާރުކޮށް ޓްރަމްޕް ވިދާޅުވިއެވެ. މިއީ އާންމު ގޮތެއްގައި ޓްރަމްޕް އަބަދުވެސް ދައްކަވާ ވާހަކަތަކެކެވެ.

ހުރުމުޒުގައި އީރާނުގެ ހަމަލާތަކެއް އަރާފައިވާ ޓޭންކަރެއް
މިފަދަ ވާހަކަތައް ދެއްކިނަމަވެސް، އީރާނުން ޓްރަމްޕް މަރާލާން އުޅޭކަމުގެ އިންޒާރެއް އިސްރާއީލުން ދިނުމުން ޓްރަމްޕް ބިރުން ކާބޯތަކެތި އުފުލާ ކޮންޓެއިނަރަކަށްވަދެ ފިލައި އޮތްކަންވެސް ދާދިފަހުންވަނީ ފަޅާއަރާފައެވެ.
ހުރުމުޒު ކަނޑުއޮޅީގެ ކޮންޓްރޯލް އޮތީ އެމެރިކާގެ އަތްދަށުގައި ކަމަށް ޓްރަމްޕް ވިދާޅުވިނަމަވެސް އީރާނުގެ އަސްކަރިއްޔާއިން އިއްޔެވެސްވަނީ އެގައުމުގެ ހުއްދަ ނުހޯދައި ހުރުމުޒުން ހުރަސްކުރަން އުޅުނު ބޯޓެއް ހިފަހައްޓައި އެބޯޓު އީރާނުގެ ބަނދަރަކާ ދިމާއަށް ދާން މަޖުބޫރުކޮށްފައެވެ. މީގެ ދެދުވަސްކުރިން މިގޮތަށް ހުރަސްކުރަން އުޅުނު ޔޫއޭއީގެ ދެބޯޓަކަށް އީރާނުންވަނީ ހަމަލާދީ އޭގެ ދަތުރު ހުއްޓުވައިފައެވެ.
އިއްޔެ ހިފެހެއްޓި ބޯޓު ދޫކޮށްލާނީ އެ ބޯޓު ބަލައި ފާސްކުރުމުގެ އިތުރުން އީރާނުން ކަނޑައަޅާ ފީއެއް އެ ބޯޓުން ދިނުމާއެކު، އީރާނުގެ ހުއްދައަކާ ނުލައި ދެން ހުރުމުޒު ހުރަސް ނުކުރާނެކަމުގެ ޔަގީންކަން ލިޔުމުން ދިނުމުންކަމަށް އީރާނުގެ ރަސްމީ މީޑީއާއިން ބުނެފައިވެއެވެ.
ހުރުމުޒު ކަނޑުއޮޅީގެ ކޮންޓްރޯލް އޮތީ އެމެރިކާގެ އަތުގައި ކަމަށް ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވި ނަމަވެސް ކުރިން ދުވާލެއްގެ މައްޗަށް 130 ވަރަކަށް ބޯޓު ހުރަސްކުރާ އެ ކަނޑުއޮޅިން މިހާރު ހުރަސްކުރަނީ ދުވާލެއްގެ މައްޗަށް އެންމެ ހައެއްކަ ބޯޓުކަމަށް މިކަން ބަލާ ކުންފުނިތަކުން ބުނެއެވެ. މިއީ އީރާނުގެ ހުއްދަ ހޯދައިގެން ހުރަސްކުރާ ބޯޓުތައް ކަމަށް އީރާނުން ބުނެއެވެ.
އެމެރިކާގެ އުދުވަނީ ހަމަލާތައް ހުއްޓާލުމަށް މިދިޔަ ޖޫންމަހު އީރާން އާއެކު ޓްރަމްޕް ސޮއިކުރި އެއްބަސްވުމުގެ މުއްދަތު އިއްޔެވަނީ ހަމަވެފައެވެ. މި އެއްބަސްވުމުގައި 14 ނުކުތާ ހިމެނޭއިރު މިއިން އެއްވެސް ނުކުތާއަކަށް ޓްރަމްޕް އަމަލުކޮށްފައެއް ނުވެއެވެ. ޓްރަމްޕް ވަނީ މި އެއްބަސްވުމުގެ މުއްދަތު ދެން އިތުރު ނުކުރާނެކަމަށް ވިދާޅުވެފައެވެ.
ޓްރަމް އީރާނަށް ދެމުންގެންދިޔަ ޣައިރު ގާނޫނީ ހަމަލާތައް ހުއްޓާލީ އުރުދުންގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ކުއްލި ހަމަލާތަކެއްދީ އެމެރިކާގެ ގިނަ އަދަދެއްގެ ހަތިޔާރުތައް ހަލާކުކޮށްލިކަމުގެ އަޑުތައް ގަދަވި ފަހުންނެވެ.
އީރާނުން ކުއްލި ގޮތަކަށް އިސްވެ ދިން މި ހަމަލާތަކުގައި އެމެރިކާގެ ގިނަ އަދަދެއްގެ ފައިޓާޖެޓް އާއި ދިފާއީ ނިޒާމުގެ ބެޓްރީތަކާއި ހަމަލާދޭ ގިނަ އަދަދެއްގެ މިސައިލް ހަލާކުވެފައިވާ ކަމަށާއި މި ހަމަލާތަކުގެ ވަރުގަދަކަމުން އެމެރިކާއަށް ބޮޑު ސިހުމެއް ލިބިފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. އީރާނުގެ މި ވަރުގަދަ ހަމަލާތަކަށް ޖާސޫސީ ގޮތުން މަގުފަހިކޮށްދިނީ ރަޝިއާ ކަމަށް އެމެރިކާ ތުހުމަތު ކުރެއެވެ.
އެމެރިކާ އީރާނަށް ދެމުންގެންދިޔަ ހަމަލާތައް ހުއްޓާލަން ޖެހުނީ އީރާނުގެ މި ވަރުގަދަ ހަމަލާތަކުގައި އެމެރިކާގެ ގިނަ ހަތިޔާރުތަކެއް ހަލާކުވުމުގެ ސަބަބުންނާއި އެމެރިކާގައި ބައެއް ބާވަތުގެ ހަތިޔާރުގެ ސްޓޮކް ވަރަށް ބޮޑަށް މަދުވުމުގެ ސަބަބުންކަމަށް ރިޕޯޓްތައް ބުނެއެވެ.