ޑޮލަރުގެ ދަތިކަން ހައްލުކުރުމަށް ކުރާ މަސައްކަތްތައް ދެނެގަތުމަށް، އެމްޑީޕީން ގަވަރުނަރާ ބައްދަލުކުރަން އެދިއްޖެ

އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުން މީގެ ކުރިން ގަވަރުނަރާ ބައްދަލުކުރަން އެމްއެމްއޭއަށް ވަޑައިގަތުން --- ފޮޓޯ: އެމްޑީޕީ

ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ ދަތިކަމުގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާކޮށް، މައުލޫމާތު އޮޅުންފިލުވުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަހުމަދު މުނައްވަރާ ބައްދަލުކުރުމަށް އިދިކޮޅު އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕް (ޕީޖީ)ން މިއަދު އެދިއްޖެއެވެ.

އެމްޑީޕީގެ ޕީޖީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނަވާ ކުޑޫ މުނައްވަރަށް ފޮނުއްވި ސިޓީގައި ވަނީ، ބޭރު ފައިސާއާ ބެހޭ ގާނޫނަށް މިދިޔަ އަހަރު އަމަލުކުރަން ފެށި ނަމަވެސް، އެ ގާނޫނު ތަންފީޒު ކުރުމުގައި ދިމާވެފައިވާ ނިޒާމީ މައްސަލަތަކުގެ ސަބަބުން ބޭރު ފައިސާގެ ރަސްމީ ނޫން، ކަޅު ބާޒާރެއް އުފެދިފައިވާ ކަމަށެވެ.

އެހެންވެ، އެ މައްސަލައިގެ ސަބަބުން ރައްޔިތުންނަށާއި ދިވެހި އިގުތިސާދަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ޓަކައި، އެންމެ އަވަސް ފުރުސަތެއްގައި ބައްދަލުވުމެއް ހަމަޖައްސައިދެއްވުމަށް ކުޑޫ އެދިވަޑައިގަތެވެ.

އެ ބައްދަލުވުމުގައި ސާފުކުރަން ބޭނުންވާ ކަންތައްތަކުގެ ގޮތުގައި ކުޑޫ ފާހަގަކުރެއްވި އެއް ކަމަކީ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ހުޅުވާލި ޑޮލަރު އިންވެސްޓްމެންޓް ފުރުސަތާއެކު، ރާއްޖޭގެ އެކްސްޗޭންޖް ނިޒާމަށް ކުރާނެ އަސަރާއި ކަޅު ބާޒާރުގެ ރޭޓަށް ކުރިމަތިވެދާނެ ނޭދެވޭ ނަތީޖާއާ ގުޅޭ ގޮތުންނެވެ. އަދި ބީއެމްއެލްއާއި އެހެނިހެން ބޭންކުތަކުން ކާޑު ލިމިޓު ދަށްކުރުމާ ގުޅިގެން، ބޭރުގައި ކިޔަވާ ކުދިންނާއި ބޭސްފަރުވާ ހޯދާ މީހުންގެ އިތުރުން އާންމު ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރަން ބޭނުންވާ ކަމަށް އެ ސިޓީގައިވެއެވެ.

ގަވަރުނަރު މުނައްވަރު: ޑޮލަރުގެ ދަތިކަން ހައްލުކުރުމަށް ކުރާ މަސައްކަތްތައް ދެނެގަތުމަށް، އެމްޑީޕީން ގަވަރުނަރާ ބައްދަލުކުރަން ވަނީ އެދިފައި --- ފޮޓޯ/ މަޖިލިސް

ހަމައެއާއެކު، ކަޅު ބާޒާރުގައި ވެސް ޑޮލަރުގެ އަގު އިންތިހާއަށް އުފުލި، ބޮޑު އަގުގައި ވެސް ޑޮލަރު ހޯދުމަށް ދަތިވެފައިވާތީ މުދާ އިމްޕޯޓް ކުރުމަށް ކުރިމަތިވާ ހުރަސްތަކާއި އޭގެ ސަބަބުން ތަކެތީގެ އަގު ބޮޑު ވަމުންދާ މައްސަލައާ މެދު މައުލޫމާތު ސާފުކުރަން ބޭނުންކަން ކުޑޫ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އެމްއެމްއޭގެ ގާނޫނުގެ ދަށުން މަނިޓަރީ ޕޮލިސީ ކަނޑައެޅުމުގެ ފުރިހަމަ އިޚުތިޔާރު މަރުކަޒީ ބޭންކަށް އޮތް ނަމަވެސް އެފަދަ މުހިންމު ނިންމުންތައް ސަރުކާރުގެ ސިޔާސީ ފަރާތްތަކުން އިއުލާން ކުރައްވަމުން ގެންދަވާ ކަމަށާއި އޭގެ ސަބަބުން މަރުކަޒީ ބޭންކުގެ މިނިވަންކަމާއި އިތުބާރާ މެދު ސުވާލު އުފެދޭ ކަމަށް ސިޓީގައިވެއެވެ.

ކުޑޫ ވަނީ، ވިޔަފާރިތަކަށާއި އާންމު ރައްޔިތުންނަށާއި ޖުމްލަ އިގުތިސާދަށް ކުރިމަތިވެފައިވާ ޑޮލަރުގެ ދަތިކަން ހައްލުކުރުމަށް މަރުކަޒީ ބޭންކުން ކުރަމުންދާ މަސައްކަތްތައް ދެނެގަތުމަށާއި، އެ މަސައްކަތްތައް ހަލުވި ކުރުމަށް މަޖިލީހުގެ ތެރެއިން އެމްޑީޕީ މެންބަރުންނަށް ދެވޭނެ އެއްބާރުލުންތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވަން ވެސް ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.

''މި މައްސަލަތަކަކީ ރައްޔިތުންގެ އާންމު ދިރިއުޅުމާއި ރާއްޖޭގެ އިގުތިސާދީ ހަމަޖެހުމާ ސީދާ ގުޅުންހުރި ކަންތައްތަކަށް ވާތީ، މަނިކުފާނާއި އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕާ ދެމެދު ބައްދަލުވުމެއް ބޭއްވުމަށް ޓަކައި ކުރިއަށް އޮތް ހަފުތާގެ ތެރެއިން ވަގުތެއް ހަމަޖައްސަވައި ދެއްވުމަށް އެދި ދެންނެވީމެވެ." އެ ސިޓީގައިވެއެވެ.

https://sun.mv/224133

ބީއެމްއެލްއިން ޑޮލަރު ލިމިޓުތަކެއް ކަނޑައަޅައިފައިވާއިރު، އެ ބެންކުން އަންނަނީ ލިބޭ ޑޮލަރަށް ވުރެ އިތުރަށް ވިއްކަން ޖެހޭ ޑޮލަރުގެ އަދަދު އިތުރު ކަމަށް ބުނަމުންނެވެ.

އެ ބެންކުން ޑޮލަރު ލިބޭ މިންވަރު އިތުރުކުރުމަށް، ޑޮލަރު އިންވެސްޓްކޮށް، 25 ޕަސެންޓާ ހަމައަށް ރުފިޔާއިން ފައިދާ ހޯދުމުގެ ފުރުސަތު މިދިޔަ މަހުގެ 30ގައި ވަނީ ހުޅުވާލައިފައެވެ. އެ ފުރުސަތު ހުޅުވާލުމާއެކު ލިބުނު ޑޮލަރުން، ޓީމޫ ފަދަ އޮންލައިން ވިޔަފާރި ޕްލެޓްފޯމްތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އިތުރުކުރެވުނު ކަމަށް ބެންކުން ބުނެފައިވެއެވެ.

ޑޮލަރުގެ މައްސަލައިގައި މިދިޔަ އަހަރު ވެސް އެމްޑީޕީ ޕީޖީން ގަވަރުނަރާ ބައްދަލުކުރަން މަސައްކަތް ކުރިއެވެ. އެގޮތުން ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި އިސްހާލުތަކާ ގުޅިގެން ޑޮލަރުގެ އަގު ބޮޑުވެ، އާންމުންނާއި ވިޔަފާރިވެރިންނަށް ޑޮލަރު ލިބުން ދަތިވެފައިވާ ކަމަށް ބުނެ ގަވަރުނަރާ ބައްދަލުކުރުމަށް އެ ބޭފުޅުން އެމްއެމްއޭއަށް ވަޑައިގަތެވެ.

ރާއްޖޭގައި އުފެދިފައިވާ ޑޮލަރުގެ ކަޅު ބާޒާރާއި، ބޭންކުތަކުން ކާޑު ލިމިޓު ދަށްކުރުމުގެ ސަބަބުން އާންމުންނާއި ވިޔަފާރިތަކަށް ދިމާވެފައިވާ ދަތިތަކަށް އަވަސް ހައްލެއް ހޯދުމުގެ ގޮތުން، އިދިކޮޅު އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަޙުމަދު މުނައްވަރާ ބައްދަލުކުރުމަށް މިއަދު ވަނީ ރަސްމީކޮށް ހުށަހަޅާފައެވެ. މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ، ގައުމުގެ އިގުތިސާދީ ހަމަޖެހުން ގާއިމުކުރުމަށް މަރުކަޒީ ބޭންކުން ކުރަމުންދާ މަސައްކަތްތައް ގާތުން ދެނެގަނެ، މަޖިލީހުގެ ތެރެއިން ދެވެން އޮތް އެއްބާރުލުން ފުޅާ ދާއިރާއެއްގައި ފޯރުކޮށްދިނުމެވެ. މީގެ އިތުރުން، ބޭރު ފައިސާއާ ބެހޭ ގާނޫނު ތަންފީޒުކުރުމުގައި ހުރި ނިޒާމީ މައްސަލަތަކާއި، އެކަމުގެ ސަބަބުން އިގުތިސާދަށް ކުރިމަތިވަމުންދާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އެޅިދާނެ ފިޔަވަޅުތަކާމެދު މަޝްވަރާކުރުމަށް ވެސް އެ ޕާޓީން ވަނީ އަމާޒުހިފާފައެވެ.

  • ބޭރު ފައިސާގެ ގާނޫނު ތަންފީޒުކުރުމުގައި ހުރި ގޮންޖެހުންތަކާއި ކަޅު ބާޒާރުގެ މައްސަލަ ހައްލުކުރުން.
  • ބޭންކުތަކުގެ ޑޮލަރު އިންވެސްޓްމަންޓް ފުރުސަތުގެ ސަބަބުން އެކްސްޗޭންޖް ނިޒާމަށް ކުރާނެ އަސަރު ދެނެގަތުން.
  • ބޭރުގައި ކިޔަވާ ކުދިންނާއި ބޭސްފަރުވާ ހޯދާ ފަރާތްތަކަށް ކާޑު ލިމިޓުގެ ސަބަބުން ދިމާވާ ދަތިތަކާމެދު މަޝްވަރާކުރުން.
  • މުދާ އިމްޕޯޓްކުރުމަށް ހުރި ހުރަސްތަކާއި ތަކެތީގެ އަގު އުފުލުމުގެ މައްސަލައަށް ހައްލު ހޯދުން.
  • އެމްއެމްއޭގެ މިނިވަންކަމާއި މަނިޓަރީ ސިޔާސަތުތަކަށް ސިޔާސީ ނުފޫޒު ވަންނަކަމަށް ތުހުމަތުކުރެވޭ މައްސަލަ ސާފުކުރުން.
comment ކޮމެންޓް