އިންވެސްޓްމެންޓްތަކުން ލިބުނު ޑޮލަރުން، ޓީމޫ ފަދަ ޕްލެޓްފޯމްތަކަށް އޮތް ލިމިޓު އިތުރުކުރެވިއްޖެ: ބީއެމްއެލް

މީހަކު ބީއެމްއެލްގެ ކާޑެއް ބޭނުންކުރަނީ: އިންވެސްޓްމެންޓްތަކުން ލިބުނު ޑޮލަރުން، ޓީމޫ ފަދަ ޕްލެޓްފޯމްތަކަށް އޮތް ލިމިޓު އިތުރުކުރެވިއްޖެ ކަމަށް ބީއެމްއެލްއިން ބުނޭ -- ފޮޓޯ/ ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި ޑޮލަރު އިންވެސްޓްކޮށް، ރުފިޔާއިން ފައިދާ ހޯދުމަށް ހުޅުވާލި ފުރުސަތުން ލިބުނު ޑޮލަރުން، ޓީމޫ ފަދަ އޮންލައިން ވިޔަފާރި ޕްލެޓްފޯމްތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އިތުރުކުރެވިފައިވާ ކަމަށް އެ ބެންކުން ބުނެފިއެވެ.

ބީއެމްއެލްގައި ޑޮލަރު އިންވެސްޓްކުރުމަށް އާންމުކޮށް ހުޅުވާލީ މިދިޔަ އަންގާރަ ދުވަހެވެ. އެ ބެންކުން ބުނެފައިވާ ގޮތުގައި ޑޮލަރު އިންވެސްޓް ކުރުމުން، އިންވެސްޓްކުރާ ޑޮލަރުގެ އަދަދަށްވާ ދިވެހި ރުފިޔާ އިންވެސްޓްކުރާ މީހާގެ އެކައުންޓަށް ވަގުތުން ޖަމާވާނެއެވެ. އަދި އިންވެސްޓްމަންޓްގެ ފައިދާ ޖެހިގެން އަންނަ ދުވަހު ކަސްޓަމަރުގެ ރުފިޔާ އެކައުންޓަށް ޖަމާވާނެއެވެ.

އެ ފުރުސަތު ތައާރަފު ކުރައްވައި، ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ، އިންވެސްޓްމެންޓްތައް ލިބުމުން ރުފިޔާ ކާޑުތަކުގެ ލިމިޓުތައް ލުއިކުރެވޭނެ ކަމަށެވެ.

https://sun.mv/224053

ބީއެމްއެލްއިން އެ ފުރުސަތު އިއުލާންކުރީ، އެ ބެންކަށް ޑޮލަރު ލިބޭ ވަރަށް ވުރެ އިތުރަށް ވިއްކަން ޖެހޭ ކަމަށް ބުނެ ލިމިޓުތަކެއް ކަނޑައެޅުމަށް ފަހުގައެވެ. އެގޮތުން ޓީމޫއާއި ޝެއިން ފަދަ ދިވެހީން އާންމުކޮށް ބޭނުންކުރާ ޕްލެޓްފޯމްތަކުން ވިޔަފާރި ކުރުމަށް ޖުމްލަ ބޭންކުން ވިއްކޭ ޢަދަދު ކޮންމެ ދުވަހަކަށް ކަނޑައެޅޭ ބަޖެޓެއްގެ ތެރެއިން ވިއްކުމަށް މިދިޔަ މެއި މަހު އެ ބެންކުން ނިންމިއެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަމުން ބީއެމްއެލްގެ ތަރުޖަމާނު މުހައްމަދު ސައީދު ރޭ ވިދާޅުވީ، އޮންލައިން ޕްލެޓްފޯމްތަކުން ވިޔަފާރިކުރުމަށް ލިމިޓު ކަނޑައެޅުމުން ގިނަ ބަޔަކު އެކަމުގެ ޝަކުވާ ކުރި ކަމަށެވެ. އެކަމަށް ހައްލެއް ގެނައުމަށް އެ ބޭންކު މެދުވެރިކޮށް އިންވެސްޓުކުރުމަށް ހުޅުވާލި ފުރުސަތުގައި ފުރަތަމަ 24 ގަޑިއިރުގެ ތެރޭގައި ލިބުނު ޑޮލަރާއެކު، ކުރިން ހުރި ލިމިޓަށްވުރެ އިތުރަށް ޑޮލަރު ދޫކުރެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.

"އެ ޑެއިލީ ލިމިޓް އާންމުކޮށް ބޭނުންކުރާ ސައިޓްތަކަށް މި އޮންނަނީ ޑެއިލީ ލިމިޓެއް ހަދައިފައި، އެ ޑެއިލީ ލިމިޓް އަޅުގަނޑުމެންނަށް މިއަަދު [އިއްޔެ] އިތުރަށް ފުޅާކުރެވިގެންމި ދިޔައީ، އެ ބަކެޓަށް ނޫނީ އެ ޕޫލްއަށް އަޅުގަނޑުމެން ލާ ފަންޑު ބޮޑުކުރެވިގެންދިޔައީ،" ސައީދު ވިދާޅުވިއެވެ.

އޭނާ ވަނީ، ދިވެހީން އެންމެ ގިނައިން ބޭނުންކުރާ ސައިޓުތައް ކަމަށްވާ ޓީމޫ، ޝެއިން އަދި އަލީ އެކްސްޕްރެސްއިން އެހެން ދުވަސްތަކަށްވުރެ އިތުރަށް ޑޮލަރު މުއާމަލާތްތައް ކުރެވުނުކަން އިއްޔެ މީހުން ފާހަގަކުރި ކަމަށް ވިދާޅުވެފައެވެ.

ސައީދު ވިދާޅުވީ ޑޮލަރު އިންވެސްޓްމެންޓުތަކުން ބޭންކުގެ އިތުރުން، ކާޑު މެދުވެރިކޮށް އޮންލައިން މުއާމަލާތްތައް ކުރާ މީހުންނަށާއި ޑޮލަރުން އިންވެސްޓުކުރާ މީހުންނަށް ވެސް ފައިދާ ވާނެކަން ފާހަގަކުރައްވާފައެވެ.

އޭނާ ވަނީ ބީއެމްއެލްއިން ނިންމާ ކޮންމެ ނިންމުމެއް ނިންމަނީ ދިވެހީންނަށް އެންމެ ރަނގަޅު އަދި އިގްތިސާދާއި ގައުމަށް ވެސް ވިސްނުމަށް ފަހުގައި ކަމަށް ވިދާޅުވެފައެވެ. އަދި ބައެއް ނިންމުންތަކަކީ މަދު ބަޔަކަށް ރަނގަޅު ނިންމުމަކަށް ނުވެދާނެ ކަމަށާއި ނަމަވެސް ގޮތް ނިންމުމުގައި އެ ހުރިހާ ކަމަކަށް އެ ބެންކުން ވިސްނާނެ ކަމަށް ސައީދު ވިދާޅުވިއެވެ.

ކާޑު ލިމިޓުތަކެއް އެ ބޭންކުން ގެނައީ މީގެ ފަސް ވަރަކަށް އަހަރު ކުރިން 2020 ވަނަ އަހަރު ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހުގައިކަން ފާހަގަކުރައްވައި އޭނާ ވަނީ، އޭގެ ކުރިން ވެސް ލިމިޓުތަކެއް އޮތްކަމަށް ވިދާޅުވެފައެވެ. ނަމަވެސް ކާޑުގެ ޚިދުމަތްތައް މިދިޔަ ފަސް އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު ވަރަށް ބޮޑަށް އިތުރުވެފައިވާކަން އޭނާ ވަނީ ފާހަގަކުރައްވައިފައެވެ.

މީގެ ތެރޭގައި އަޅުގަނޑު ފާހަގަކޮށްލާނަން އޮންލައިން ނުވަތަ އީކޮމާސް މުއާމަލާތްތަކާ އަދި ރާއްޖެއިން ބޭރުގަ ދިރިއުޅޭ ކިޔަވާކުދީންނާ މި ހުރިހާ ފަރާތްތަކާއެކު އަޅުގަނޑުމެންނަށް މި ފެންނަނީ ގާތްގަނޑަކަށް 2021 އަށް ބަލައިލާއިރު މަހެއްގެ ތެރޭގައި 10 މިލިއަން ވަރަކަށް ޑޮލަރު ރުފިޔާ ކާޑުތަކުން ޑޮލަރަށް ހަދަންޖެހޭ. ނަމަވެސް މިއަދު 40 މިލިއަނަށް އެ އަދަދު އެބަ ގާތްކުރޭ. ބީއެމްއެލްގެ ތަރުޖަމާނު މުޙައްމަދު ސައީދު

ސައީދު ވިދާޅުވި ގޮތުގައި ރުފިޔާ ކާޑުތަކުން ކުރާ ބޭރު ފައިސާގެ މުއާމަލާތްތަށް 2021އާ އަޅައިބަލާއިރު މިއަދުވަނީ ހަރަތުގުނަ އިތުރުވެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ޑޮލަރު ލިމިޓަށް މިދިޔަ މަސް ނިމުމުގެ ކުރިން ލުއި ދޭނެ ކަމަށް ބީއެމްއެލްއާ ހަވާލާދީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެއެވެ.

comment ކޮމެންޓް