ހަގިން ފޭސް 13 ބިލިއަން ޑޮލަރަށް ގަންނަން އެންވީޑިއާއިން އެއްބަސްވެއްޖެ

ހަގިން ފޭސް އަކީ އޯޕަން ސޯސް އޭއައި މޮޑެލްތަކާއި ޑޭޓާ ސެޓްތައް ހޯސްޓްކޮށް ބޭނުންކުރުމުގެ ފުރުސަތު ފަހިކޮށްދޭ ޕްލެޓްފޯމެއް ---

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޗިޕް އުފައްދާ އެމެރިކާގެ މަޝްހޫރު ކުންފުނި އެންވީޑިއާ އިން އޯޕަން ސޯސް އޭއައި ސްޓާޓްއަޕް ކުންފުންޏެއް ކަމަށްވާ ހަގިން ފޭސް 12.9 ބިލިއަން ޑޮލަރަށް (ގާތްގަނޑަކަށް 13 ބިލިއަން ޑޮލަރަށް) ގަތުމަށް އެއްބަސްވެއްޖެއެވެ.

މިއީ އޯޕަން ސޯސް އޭއައި ޓެކްނޮލޮޖީގެ ދާއިރާ ފުޅާކުރުމަށް އެންވީޑިއާ އިން އެޅި ބޮޑު ފިޔަވަޅެކެވެ.

ހަގިން ފޭސް އަކީ އޯޕަން ސޯސް އޭއައި މޮޑެލްތަކާއި ޑޭޓާ ސެޓްތައް ހޯސްޓްކޮށް ބޭނުންކުރުމުގެ ފުރުސަތު ފަހިކޮށްދޭ ޕްލެޓްފޯމެކެވެ. މި ކުންފުނި ފަހަކަށް އައިސް މީޑިއާގެ ސަމާލުކަމަށް އައިސްފައިވަނީ ޓެސްޓިން މަރުހަލާއެއްގެ ތެރޭގައި އޯޕަންއޭއައިގެ މޮޑެލްތަކަކުން ހެކްކުރުމުގެ ހާދިސާއެއް ދިމާވުމާ ގުޅިގެންނެވެ.

މީގެ އިތުރުން ކުރިއަރާފައިވާ އޭއައި ޓެކްނޮލޮޖީ އެންމެންނަށް ހުޅުވާލެވިފައިވާ "އޯޕަން ސޯސް" ގޮތުގައި ބަހައްޓަންވީތޯ، ނުވަތަ ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުމަށް އޯޕަންއޭއައި އަދި އެންތްރޮޕިކް ފަދަ ކުންފުނިތަކުން ގެންގުޅޭ "ކްލޯޒްޑް" މޮޑެލްތަކަށް ހަދަންވީތޯ އުފެދިފައިވާ ބަހުސްގެ މެދުގައިވެސް ހަގިން ފޭސް ވަނީ ހިމެނިފައެވެ.

އޯޕަންއޭއައިގެ ހެކިން ހަމަލާއިން ދިފާއުވުމަށްޓަކައި ޗައިނާގެ އޯޕަން ސޯސް މޮޑެލްއެއް ބޭނުންކުރަން މަޖުބޫރުވި ކަމަށް ހަގިން ފޭސް އިން ބުނެފައިވަނީ، އާންމު ކްލޯޒްޑް މޮޑެލްތައް ބޭނުންކުރުމުގައި ހުރި ހަރުކަށި އުސޫލުތަކުގެ ސަބަބުންނެވެ.

ކްލޯޒްޑް މޮޑެލްތަކާ ޚިލާފަށް، ހަގިން ފޭސްގައި ހުންނަ އޯޕަން ސޯސް މޮޑެލްތަކުގެ ޕެރަމީޓަރުތައް ޑައުންލޯޑްކޮށްގެން ކުންފުނިތަކަށާއި ޑިވެލޮޕަރުންނަށް އެމީހުން ބޭނުންވާ ގޮތަކަށް ބަދަލުކުރުމުގެ އިޚްތިޔާރު ލިބެ އެވެ. އަދި އަމިއްލަ އިންފްރާސްޓްރަކްޗާގައި މި މޮޑެލްތައް ހިންގުމުން، ކަސްޓަމަރުންގެ ޒާތީ އަދި ސިއްރު ޑޭޓާތަކުގެ ރައްކާތެރިކަން އިތުރުވެގެންދާނެ ކަމަށް ގަބޫލުކުރެވެއެވެ.

އެންވީޑިއާގެ ސީއީއޯ ޖެންސެން ހުއާންގް ---

އެންވީޑިއާގެ ސީއީއޯ ޖެންސެން ހުއާންގް ވަނީ އޯޕަން މޮޑެލްތަކަށް ތާއީދުކުރައްވާ ވާހަކަދައްކަވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި އޯޕަން މޮޑެލްތަކުގެ ސަބަބުން ރައްކާތެރިކަން އިތުރުވެ، އާ އީޖާދުތައް އުފެއްދުން އަވަސްވެގެންދާނެއެވެ. މި ޑީލްގެ ސަބަބުން އޭއައި އިންގިލާބުގެ މައިގަނޑު ޓެކްނޮލޮޖީ ބެކްބޯންގެ ގޮތުގައި އެންވީޑިއާ އޮތް ދައުރު އިތުރަށް ވަރުގަދަވެގެންދާނެއެވެ.

ބުރާސްފަތި ދުވަހު ނެރުނު ބްލޮގް ޕޯސްޓެއްގައި ހުއާންގް ވިދާޅުވީ ހަގިން ފޭސް ގަތުމުން، އެ ޕްލެޓްފޯމުގެ މޮޑެލްތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ގިނަ ޑިވެލޮޕަރުންނަށާއި ކުންފުނިތަކަށް ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށެވެ. އަދި މި ޕްލެޓްފޯމް އޯޕަން ސޯސް ގޮތުގައި ދަމަހައްޓާނެ ކަމުގެ ޔަގީންކަން ދެއްވަމުން، އެންމެން ގުޅިގެން އޭއައި އިތުރަށް ހުޅުވާލެވިފައިވާ، ގާބިލު އަދި ފަސޭހައިން ލިބޭނެ އެއްޗަކަށް ހަދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިހާރުވެސް ހަގިންގ ފޭސްގައި 18 މިލިއަނަށް ވުރެ ގިނަ ޑިވެލޮޕަރުންނާއި ރިސާޗަރުން 3 މިލިއަނަށް ވުރެ ގިނަ މޮޑެލް ބޭނުންކުރަމުންދާއިރު، 200،000 އެންޓަޕްރައިޒް ކަސްޓަމަރުން އެބަތިއްބެވެ. މީގެ އިތުރުން އެންވީޑިއާ އިން ވެސް ވަނީ މީގެ ކުރިން 500 އަށް ވުރެ ގިނަ އޯޕަން މޮޑެލް މި ޕްލެޓްފޯމަށް ނެރެދީފައެވެ.

އެންވީޑިއާ އިން ދާދިފަހުން ހާމަކުރި ގޮތުގައި ނިމިދިޔަ ކުއާޓަރުގައި އެ ކުންފުނީގެ އާމްދަނީ ވަނީ ދެގުނައަށް ވުރެ އިތުރުވެ، 96 ބިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރާފަ އެވެ. ނަމަވެސް، އޭއައި އިންފްރާސްޓްރަކްޗާއަށް ކުރާ ބޮޑެތި ޚަރަދުތައް ކުރިއަށް އޮތްތަނުގައިވެސް ދެމިއޮންނާނެތޯއާއި، އިތުރުވަމުން އަންނަ ވާދަވެރިންގެ ކުރިމަތީގައި އެންވީޑިއާ އަށް ކުރީގައި ދެމިއޮވެވޭނެތޯ އިންވެސްޓަރުން އަންނަނީ ސުވާލު އުފައްދަމުންނެވެ. އެހެންކަމުން އެންވީޑިއާ އިން ދަނީ އޭއައި ލެބްތަކަށް އިންވެސްޓްކުރުމާއި، ޗިޕް ގަންނަ ފަރާތްތަކަށް ޑޭޓާ ސެންޓަރު އެޅުމަށް ފައިސާ ލޯނު ދިނުން ފަދަ ގޮތްގޮތުން އޭއައި ވިއުގަ ފުޅާކުރުމަށް ބޮޑެތި އިންވެސްޓްތަކެއް ކުރަމުންނެވެ.

މި އެއްބަސްވުމުގެ ދަށުން އެންވީޑިއާ އިން ހަގިން ފޭސްގެ ހިއްސާދާރުންނަށް 11.9 ބިލިއަން ޑޮލަރު ދޭނެއެވެ. އަދި އެންވީޑިއާ އާ ގުޅޭ ހަގިން ފޭސްގެ މުވައްޒަފުން ކުންފުނީގައި ހިފެހެއްޓުމުގެ ގޮތުން އިތުރު އެއް ބިލިއަން ޑޮލަރުގެ އިކުއިޓީ ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ. ކަމާބެހޭ އިދާރާތަކަށް ހުށަހެޅި ލިޔުންތަކުން ދައްކާ ގޮތުގައި، މި މުއާމަލާތް އެއްކޮށް ނިމޭނީ އަންނަ އަހަރުގެ ކުރީކޮޅުގައެވެ.

މިއީ 2023 ވަނަ އަހަރު 235 މިލިއަން ޑޮލަރުގެ ފަންޑިން ރައުންޑަކަށް ފަހު ހަގިން ފޭސްގެ އަގު 4.5 ބިލިއަން ޑޮލަރުގައި ހުރި މިންވަރާ އަޅާބަލާއިރު ވަރަށް ބޮޑު ކުރިއެރުމެކެވެ. އަމިއްލަ މިނިވަންކަން ދެމެހެއްޓުމުގެ ބޭނުމުގައި، ހަގިން ފޭސްގެ ވެލިއު 7 ބިލިއަން ޑޮލަރަށް އަރާގޮތަށް އެންވީޑިއާ އިން މިދިޔަ އަހަރު ހުށަހެޅި 500 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް އެ ކުންފުނިން ދޫކޮށްލި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ހަގިން ފޭސްގެ ސީއީއޯ ކްލެމް ޑެލަންގް ސީއެންބީސީ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ހޫނުމޫސުމުގެ ތެރޭގައި އެންވީޑިއާ އާއެކު މި އެއްބަސްވުމަކަށް ދާން ނިންމީ އޯޕަން ސޯސް އޭއައި އޮތީ މުހިންމު ބަދަލެއްގެ ތުންފަތްމަތީގައި ކަމަށާއި، މި ދާއިރާއަށް އިތުރު ވަސީލަތްތަކާއި، ބޮޑު ސްކޭލެއް އަދި އިތުރު ފުރުސަތުތައް ބޭނުންވާކަން ގަބޫލުކުރެވުމުން ކަމަށެވެ.

comment ކޮމެންޓް