ރައްޔިތުންގެ ކަރަންޓު ކުންފުނި ސްޓެލްކޯއަށް ނިމިދިޔަ އަހަރު ލިބުނު 350 މިލިއަން ރުފިޔާގެ ފައިދާއަކީ ކޮންމެ ގޭބިސީއަކުން މަހަކު އިތުރަށް 1200 ރުފިޔާ ބިލްކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު މިއަދު ވިދާޅުވެއްޖެއެވެ.
ޝަމްހީދު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށްދިޔަ ކުނި މެނޭޖުކުރުމުގެ ގާނޫނަށް އިސްލާޙު ގެނައުމުގެ ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުންނެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި ސްޓެލްކޯގެ ކަރަންޓު ބިލުތައް ބޮޑުވަމުންދާ މައްސަލައަކީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އޮތް ކަމެކެވެ.
"ސްޓެލްކޯ ކަރަންޓު ބިލު ބޮޑުވާ ވާހަކަ އަޅުގަނޑުމެން ވަރަށް ގިނައިން މި ދައްކަނީ. ހިސާބުޖަހާއިރު، މިއީ ކޮންމެ ގޭބީސީއަކަށް، މަހަކަށް، ގާތްގަނޑަކަށް 1200 ރުފިޔާ އިތުރަށް ބިލުކުރެވިފައި މި އޮންނަނީ." ޝަމްހީދު ވިދާޅުވިއެވެ.
މިގޮތަށް ބިލްކޮށްގެން ކުންފުންޏަށް ބޮޑު ފައިދާއެއް ލިބިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ކަރަންޓް ބިލްތައް ބޮޑުވާ މައްސަލައިގައި އާއްމުން ޝަކުވާ ކުރާއިރު ސްޓެލްކޯއިން ބުނަނީ ބިލް ކުރަނީ ދޭ ހިދުމަތަށް ކަމަށެވެ. ބައެއް މަސް މަހު ބިލްތައް ބޮޑުވަނީ ހޫނު ގަދަވުން ފަދަ ސަބަބުތަކާ ހުރެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.
ކުނި މެނޭޖުކުރުމުގެ ގާނޫނަށް ހުށަހެޅިފައިވާ އިސްލާޙުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝަމްހީދު ވިދާޅުވީ، ކޮތަޅުން ނަގާ ދެ ރުފިޔާގެ ފީއަކީ ކުދި ވިޔަފާރިތަކަށް އޮތް ބޮޑު ތަކުލީފެއް ކަމަށެވެ. އަދި މިކަމަށް އޮތް އެންމެ ރަނގަޅު ޙައްލަކީ ވިޔަފާރިތަކުން ޕްލާސްޓިކް ކޮތަޅު ދޫކުރުން މަނާކުރުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، އިހުތިސާސްގެ ތެރޭގައި ނުހިމެނޭ ރަށްރަށުން މީހުން ދިރިއުޅޭ ރަށްރަށަށް ކުނި ގެނައުމަށް މަގުފަހިވާ ގޮތަށް ގާނޫނަށް ގެނެވޭ އިސްލާޙާ މެދުވެސް ޝަމްހީދު ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އޭނާ ވިދާޅުވީ މިގޮތަށް ކަންތައް ކުރުމުން ރަށްރަށަށް އުކާލެވޭ ކުނީގެ ބާވަތްތައް ދެނެގަތުމުގައި މައްސަލަތަކެއް ކުރިމަތިވެދާނެ ކަމަށެވެ.
ނިންމަވާލައްވަމުން ޝަމްހީދު ވިދާޅުވީ ޔުޓިލިޓީ ޚިދުމަތްތަކުގެ އަގުތަކާއި ކުނި އުކާލުމުގެ ފީތައް ބޮޑުވުމަކީ ރައްޔިތުންނަށް އުފުލަންޖެހޭ ބުރައެއް ކަމަށާއި، މިކަންކަމުގައި ސަރުކާރުން މިއަށްވުރެ ބޮޑަށް ވިސްނަންޖެހޭ ކަމަށެވެ.