ލިޔުނު ޚަބަރަކާ ގުޅިގެން އެމެރިކާގެ ނޫސްވެރިން ކޯޓަށް ހާޒިރުވާން ޗިޓު ފޮނުވައިފި

އެއާފޯސް ވަންގެ ބޯޓެއް

ވޮޝިންޓަން (13 ޖުލައި 2026) : އެމެރިކާގެ ރިޔާސީ މަތިންދާބޯޓުގެ ސަލާމަތީ ކަންކަން ހުރިގޮތާބެހޭގޮތުން ޚަބަރެއް ލިޔުނު އެމެރިކާގެ ނޫސްވެރިއަކަށާއި އޭނާއަށް އެހީތެރިވެދިން ނޫސްވެރިންގެ މައްޗަށް އެމެރިކާ ސަރުކާރުން ދައުވާ އުފުލައި އެ ނޫސްވެރިން ޖޫރީންގެ ކުރިމައްޗަށް (ކޯޓަށް) ހާޒިރުވުމަށް ޗިޓު ފޮނުވައިފިއެވެ.

މިއާއެކު އެމެރިކާގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ތެރެއަށް ސަރުކާރު ވަންނަމުންދާ މިންވަރު މިހާރު ފާޅުގައި ހާމަވާން ފަށާފައިވާ ކަމަށް ބުނެ އެމެރިކާގެ ނޫސްވެރިން ވަނީ ކަންބޮޑުވުން ފާޅުކުރަން ފަށާފައެވެ.

އެމެރިކާގެ ރިޔާސީ މަތިންދާބޯޓަށް ކިޔާނަމަކީ "އެއާފޯސް ވަން" އެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ ހަފްތާގައި ތުރުކީއަށް ވަޑައިގަތީ މިދިޔަ އަހަރު ގަތަރުން ހަދިޔާކުރި މަތިންދާ ބޯޓުގައެވެ. އެއީވެސް "އެއާފޯސް ވަން" ގައި ހިމެނޭ ރިޔާސީ ބޯޓެކެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް -- ފޮޓޯ: އޭއެފްޕީ

އެ ބޯޓުގައި ދަތުރުކުރުން ރައްކާތެރި ނޫންކަމަށް ބެލެވިގެން ތުރުކީން އެނބުރި އެމެރިކާއަށް ވަޑައިގަތުމަށް ޓްރަމްޕް ބޭނުންކުރެއްވީ "އެއާފޯސް ވަން" ގައި ހިމެނޭ ބައު މަތިންދާ ބޯޓެކެވެ. ބައު މަތިންދާ ބޯޓު ތުރުކީއަށް ގެނައީ އައު މަތިންދާބޯޓުގައި ދަތުރު ކުރައްވަން ބޭނުންނުވާތީއެވެ. މިކަމުގެ ސަބަބެއް ހާމައެއް ނުކުރެއެވެ. ނަމަވެސް މިބަދަލުގެ ފަހަތުގައިވަނީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުންކަމަށް ވަނީ ބެލެވިފައެވެ.

އެމެރިކާގެ "ނިއުޔޯކް ޓައިމްސް" ގައި ޝާއިއުކޮށްފައިވާ ޚަބަރެއްގައި ވަނީ މިމައްސަލަ ފާހަގަކޮށްފައެވެ. އެ ޚަބަރު ބުނާގޮތުން އައު މަތިންދާބޯޓުގެ ބަދަލުގައި ބައު މަތިންދާ ބޯޓުގައި ޓްރަމްޕް އެނބުރި އެމެރިކާއަށް ދަތުރު ކުރެއްވިކަމަށް ބެލެވެނީ ސަލާމަތީ ކަންބޮޑުވުންތަކެއް ހުރެގެންނެވެ. މި ޚަބަރުގައިވާ ގޮތުން އެމެރިކާގެ ރައީސްގެ ސަލާމަތާބެހޭ އޮފިޝަލުން ނުވަތަ ސިކްރެޓް ސާވިސް ކަންބޮޑުވަނީ ގަތަރުން ހަދިޔާކުރި މަތިންދާ ބޯޓުގައި މިސައިލް ހަމަލާތަކުން ދިފާއުވުމުގެ ގާބިލުކަން ނެތުމުންނެވެ. ނަމަވެސް މި އައު މަތިންދާބޯޓުވެސް ޚިދުމަތަށް ނެރުނީ އެމެރިކާގެ ރައީސްގެ ސަލާމަތާއި ރައްކާތެރިކަމަށް ބޭނުންވާ ހުރިހާ އިޖުރާއާތްތަކެއް ފުރިހަމަކުރިކަމަށް ބުނެ އެކަން ހާމަވެސްކޮށްފައެވެ.

މި ޚަބަރުގައިވަނީ މި މައްސަލާގައި އެމެރިކާގެ ސިކްރެޓް ސާވިސްގެ ހާލަތާމެދު ގިނަ ސުވާލުތަކެއް އުފައްދާފައެވެ. މި ޚަބަރާ ގުޅިގެން، އެމެރިކާ ސަރުކާރުން ވަނީ އެ ޚަބަރު ލިޔުނު "ނިއުޔޯކް ޓައިމްސް" ގެ ނޫސްވެރިޔާއާއި އޭނާއަށް އެހީތެރިވި ނޫސްވެރިންގެ މައްޗަށް ދައުވާ އުފުލައިފައެވެ.

މި ދައުވާއަށް ޖަވާބުދާރީ ވުމަށްޓަކައި ހެކި ބަސް ނެގުމަށްޓަކައި ކޯޓަށް ހާޒިރުވުމަށް ޚަބަރު ލިޔުނު ނޫސްވެރިޔާއަށް އިއްޔެވަނީ ޗިޓު ފޮނުވައިފައެވެ. ނިއުޔޯކް ޓައިމްސުން ބުނިގޮތުގައި ކޯޓަށް ނުވަތަ ޖޫރީންގެ ކުރިމައްޗަށް ހާޒިރުވެ މިމައްސަލާގައި ޖަވާބުދާރީވުމަށް ޗިޓް ފޮނުވީ އެމެރިކާގެ އިއްތިހާދީ (ފެޑްރަލް) ސަރުކާރުގެ އެޖެންޓުންނެވެ.

ޗިޓް ފޮނުވާފައިވަނީ ކުށެއް ކުރެވިދާނެ ކަމަށް ބެލެވޭ މައްސަލައެއް ތަހުގީގަކަށް ކަމަށް ބުނެއެވެ. މިތަހުގީގަށް ބޭނުންވާ ހެކިބަސް ފެޑެރަލް ޖޫރީއެއްގެ ކުރިމަތީގައި ދިނުމަށެވެ. ނަމަވެސް މިކަމުގެ ފަހަތުގައިވަނީ ނޫސްވެރިންނަށް ބިރުދެއްކުންކަމަށް "ނިއުޔޯކް ޓައިމްސް" ގެ ނޫސްވެރިން ދެކެއެވެ. ފެޑްރަލް އެޖެންޓުން މި މައްސަލާގައި ޚަބަރު ލިޔުނު ނޫސްވެރިޔާގެ އިތުރުން އޭނާއަށް އެހީތެރިވެދިން ނޫސްވެރިންނަށް ޗިޓް ފޮނުވިއެވެ. މި ޗިޓްތަކުގައިވާގޮތުން މި ޚަބަރާގުޅޭ ނޫސްވެރިން މެންހަޓަންގައި ހުންނަ ގްރޭންޑް ޖޫރީއަށް އަންނަ ބުދަ ދުވަހު ހާޒިރުވެ ޖޫރީންގެ ކުރިމަތީގައި ހެކިބަސް ދޭންޖެހޭނެއެވެ. ނުވަތަ ހެއްކާބެހޭ ލިޔުންތައް ހުށަހަޅަން ޖެހޭނެއެވެ.

މިއާއެކު ލިޔާ ޚަބަރަކާ ގުޅިގެން ނޫސްވެރިންގެ މައްޗަށް ދައުވާ ކުރާ ގައުމަކަށް އެމެރިކާ ވެފައިވާކަމަށް ބައެއް ނޫސްވެރިން ވަނީ ސިފަކޮށްފައެވެ. މިކަމާ ގުޅޭގޮތުން އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ބުނެފައިވަނީ މިމައްސަލާގައި އެމެރިކާ ދައުލަތުން ނޫސްވެރިންނާ ދެކޮޅަށް ދައުވާކުރަނީ މިއީ ގައުމީ ސަލާމަތާބެހޭ މައްސަލައަކަށްވާތީއެވެ. ދައުލަތުގެ ސިއްރުތައް ލީކުވާ މައްސަލައަކަށްވާތީއެވެ.

ނިއުޔޯކް ޓައިމްސްގެ އިތުރުން އެހެން ގައުމުތަކުގެ މީޑިއާތަކުންވެސް ވަނީ "އެއާފޯސް ވަން" ގެ އައު މަތިންދާބޯޓުގެ ސަލާމަތީކަންކަމާ ގުޅޭގޮތުން ގިނަ ސުވާލުތަކެއް ފެންމަތިކޮށް މި ޚަބަރު ޝާއިއުކޮށްފައެވެ.

comment ކޮމެންޓް