ރާއްޖޭގައި ހުއްދަ ނުނަގައި ނުރައްކާތެރި ކެމިކަލް ގުދަންކޮށް، އެ ތަކެތި ވިއްކަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ބުނެ، އެއް މަސްދުވަހުގެ ތެރޭގައި ހުއްދަ ހޯދުމަށް މިނިސްޓްރީ އޮފް ޑިފެންސުން މިއަދު އަންގައިފިއެވެ.
އެ މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނި ގޮތުގައި، ސަލާމަތީ ކަންކަން ކަށަވަރު ނުވާ ތަންތަނުގައި ބާވަތް ބާވަތުގެ ނުރައްކާތެރި ކެމިކަލްތައް ގުދަންކޮށްގެން ވިއްކުމަކީ ނުރައްކާތެރި ހާދިސާއެއް ހިނގުމަށް އޮތް ވަރަށް ބޮޑު ފުރުސަތެކެވެ. އެހެންކަމުން، ގަވާއިދާ ހިލާފަށް މި ވިޔަފާރި ކުރާ ފަރާތްތަކުން ވަގުތުން ފިޔަވަޅުތައް އިސްލާހުކުރުމަށް ވަނީ އަންގާފައެވެ.
ޚާއްސަކޮށް މީހުން ތޮއްޖެހިފައިވާ މާލެ ފަދަ ތަނެއްގައި، އެއްވެސް ކަހަލަ ރައްކާތެރިކަމުގެ ފިޔަވަޅެއް ނެތި ކެމިކަލް ގުދަންކުރުމަކީ އާންމުންގެ ފުރާނައާއި މުދަލަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ކަމާބެހޭ ފަރާތްތަކުން އަބަދުވެސް ފާހަގަކުރެއެވެ.
ދިވެހިރާއްޖެއަށް އެތެރެކުރާ ނުރައްކާތެރި ކެމިކަލްތައް އެތެރެކޮށް، ގުދަންކޮށް، ބޭނުންކޮށް، ވިއްކާ އަދި ނައްތާލަން ޖެހެނީ ވަކި އުސޫލަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އެގޮތުން ނުރައްކާތެރި ކެމިކަލް މާލެ ސަރަހައްދުގައި ގުދަން ކުރުމަށް ތިލަފުށީގައި ވަނީ ގުދަންތަކެއް ހަދައިފައެވެ.

އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ތިލަފުށީގައި އެޅި ކެމިކަލް ރައްކާކުރާ ގުދަން -- ފޮޓޯ/ އެސްޖޭ ކޮންސްޓްރަކްޝަން
ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި، ކެމިކަލް ގެންގުޅުމާ ބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް، ރާއްޖޭގައި ނުރައްކާތެރި ކެމިކަލް ވިއްކަންވާނީ އެ ވުޒާރާއަށް ހުށަހަޅައިގެން "ކެމިކަލް ވިއްކުމުގެ ހުއްދަ" ހޯދުމަށް ފަހުގައެވެ. މި ހުއްދައަށް އެދި ހުށަހަޅަން ޖެހެނީ މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ކެމިކަލް ވިއްކުމުގެ ހުއްދައަށް އެދޭ ފޯމު މެދުވެރިކޮށެވެ.
މީގެ އިތުރުން، ކެމިކަލް ވިއްކުމަށްޓަކައި އެ ތަކެތި ބަހައްޓާ ފިހާރަ ނުވަތަ ގުދަން، ސަރުކާރުގެ މަކުޑި ޕޯޓަލްގައި ރަޖިސްޓަރީ ކުރަންޖެހޭނެ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ އަންގާފައެވެ. ހުއްދަ ދޫކުރާނީ ކެމިކަލް ބަހައްޓާ ތަން އިންސްޕެކްޓު ކުރުމަށްފަހު، ރައްކާތެރިކަމާއެކު ކެމިކަލް އުފުލައި ގެންގުޅެވޭނެ އިންތިޒާމު ހަމަޖެހިފައިވާކަން ކަށަވަރުކުރުމަށް ފަހުގައި ކަމަށް ވެސް އިއުލާނުގައި ބަޔާންކޮށްފައިވެއެވެ. އިންސްޕެކްޝަންގައި މައިގަނޑު ގޮތެއްގައި ބަލާނީ އަލިފާނުގެ ހާދިސާއަކުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށާއި، ކެމިކަލް ލީކުވުން ފަދަ ކަމެއް ދިމާވެއްޖެނަމަ އަމަލުކުރާނެ ނިޒާމެއް ގާއިމުކޮށްފައިވޭތޯއެވެ.
މާލޭގައި ސިއްރުން ނުވަތަ ސަލާމަތީ މިންގަނޑުތަކާ ހިލާފަށް ކެމިކަލް ގުދަންކުރުމަކީ މީގެ ކުރިންވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމެކެވެ. އެގޮތުން، 2019 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ފަހުކޮޅު ހެންވޭރު އަބަދަށްފެހި މަގުގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ދިވެހި އަންހެނަކު ވަނީ މަރުވެފައެވެ. އެ ހާދިސާގައި ހަ ގެއަކަށާއި ހަތަރު ގުދަނަކަށް އަލިފާނުގެ އަސަރުކޮށް، އެތައް ބަޔަކު ހާލުގައި ޖެހުނެވެ. އެ ހާދިސާއާ ގުޅިގެން ސަރުކާރުން ވަނީ މާލޭގައި ހުރި 40 އެއްހާ ކެމިކަލް ގުދަން ވަގުތުން ތިލަފުއްޓަށް ބަދަލުކޮށްފައެވެ.
ނަމަވެސް، އޭގެ ފަހުން ވެސް ބައެއް ފަރާތްތަކުން ސިއްރުން މާލޭގައި ކެމިކަލް ގުދަންކުރަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. މިގޮތުން، 2023 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި މާލޭގެ ލިލީ މަގުގައި ގަވާއިދާ ހިލާފަށް ކެމިކަލް ރައްކާކޮށްފައި ހުރި ގުދަނެއް ފެނިގެން ފުލުހުންނާއި އެމްއެންޑީއެފުން ވަނީ އެތަން ހުސްކޮށް ބަންދުކޮށްފައެވެ. މިފަދަ ހާދިސާތަކުގެ ސަބަބުން، މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ކެމިކަލް ގުދަންކުރުމުގެ ނުރައްކާތެރިކަން ވަރަށް ބޮޑަށް ވަނީ ހާމަވެފައެވެ.
މިފަދަ ނުރައްކާތަކުން އާންމުން ސަލާމަތްކުރުމަށްޓަކައި، ޑިފެންސް މިނިސްޓްރީން ވަނީ ކެމިކަލް ވިއްކާ ފަރާތްތަކަށް މިއަދުން ފެށިގެން އެއް މަސްދުވަހުގެ މުހުލަތެއް ދީފައެވެ. މި މުއްދަތުގެ ތެރޭގައި ހުއްދަ ނުހޯދައި އަދި މަކުޑި ޕޯޓަލްގައި ރަޖިސްޓަރީ ނުކޮށް ކެމިކަލް ވިއްކަމުން ގެންދާ ފަރާތްތަކާމެދު ނުރައްކާތެރި ކެމިކަލާއިބެހޭ ގަވާއިދުގެ ދަށުން ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެ މިނިސްޓްރީން ވަނީ ދީފައެވެ.
މިއީ އާންމު ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން އަޅަމުންދާ މުހިންމު ފިޔަވަޅެއް ކަމަށްވާއިރު، ގަވާއިދާ ހިލާފަށް ހިންގާ ތަންތަން ހޯދައި ފިޔަވަޅު އެޅުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ކުރިއަށް ގެންދާނެއެވެ. އެގޮތުން، މުއްދަތު ހަމަވުމަށްފަހު ހާއްސަ އިންސްޕެކްޝަންތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.