ވެރިކަން ކުރާ ޕީއެންސީން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެތެރޭގެ އިންތިޚާބާ ގުޅުވައި ހުޅުމާލޭގައި ހިންގި މާރާމާރީގެ މައްސަލައިގައި ތުހުމަތުކުރެވޭ އިތުރު ޒުވާނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ކާމިލް ދީދީ ސްކޫލުގައި ވޯޓު ގުނަމުން ދަނިކޮށް ބަޔަކު ވަދެ މާރާމާރީ ހިންގައި، ސްކޫލުގެ ތަކެއްޗަށް ގެއްލުން ދީފައިވެއެވެ.
އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 23 އަހަރާއި 24 އަހަރުގެ ދިވެހި ދެ ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށް ރޭ ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ ރޭ އިތުރު މީހަކު ވެސް ހައްޔަރުކޮށްފައިވާ ކަމަށާއި އެއީ ވެސް 24 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
އެ ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި މި ހަމަނުޖެހުމުގައި އެކަކު އަނެކަކަށް ގޮނޑިން ހަމަލާދީ ބޮޑެތި މާރާމާރީތަކެއް ހިންގާފައިވެއެވެ.
އެ ވަގުތު އެ ތަނުގައި ތިބި ފުލުހުން މަސްލަހަތު ކޮންޓްރޯލް ކުރަން މަސައްކަތް ކުރި ނަމަވެސް، ހަމަނުޖެހުންތައް މައިތިރި ނުވެ ގިނައިރު ވަންދެން ހަމަނުޖެހުން ކުރިއަށްގެންގޮސްފައިވެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.