މި ސަރުކާރަށް ޑޮލަރެއް ލިބުނިއްޔާ ލިބުނީ، އެމްޑީޕީ ސަރުކާރުން ހަދާފައި ހުރި އެއްބަސްވުންތަކުން: އަމީރު

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު --- ސަން ފޮޓޯ/ މޫސާ ނަދީމް

މި ސަރުކާރަށް މިހާތަނަށް ބޭރު ގައުމަކުން ޑޮލަރު ލިބުނީ، މިދިޔަ އެމްޑީޕީ ސަރުކާރުގައި ހަދާފައި ހުރި އެއްބަސްވުންތަކުގެ ސަބަބުން ކަމަށް އެ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިރޭ ވިދާޅުވެއްޖެއެވެ.

'ޑޮލަރެއް ނެތް' މި ނަމުގައި އެމްޑީޕީން މިރޭ ބޭއްވި ޕެނަލް ޑިސްކަޝަނުގައި ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ، މިދިޔަ ދެ އަހަރަށް ވުރެ ގިނަ ދުވަސް ތެރޭގައި ބޭރު ގައުމަކުން އެއްވެސް ޑޮލަރެއް މި ސަރުކާރަށް ގެނެވިފައިނުވާ ކަމަށެވެ.

އެކަމަކު، ރާއްޖޭގެ އެތެރޭގައި ހުރި ޑޮލަރުތައް ޚަރަދުކުރީ ސަރުކާރުގެ 'އިސްރާފުތަކާއި' ބޭނުންނުވާ ޕްރޮޖެކްޓުތައް ހިންގަން ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

ޑޮލަރު --- ގްރެފިކްސް/ ސަދޫފް މޫސާ

ދެހާސް ސައުވީހުގައި 2025ގައި 2026ގައި ވެސް ބަޖެޓުގައި ހިމެނިފައި އޮތް އެންމެ ޑޮލަރެއް ވެސް ސަރުކާރަކަށް ނުގެނެވޭ. މިހާތަނަށް މި ދެ އަހަރާއި ބައި ތެރޭގައި ލިބުނު ޑޮލަރެއް ވިއްޔާ ލިބިފައި އޮތީ ކުރީގެ ފަސް އަހަރުގައި އަޅުގަނޑުމެން ސޮއިކޮށްފައި ހުރި އެކި އެގްރީމަންޓުގެ ތެރެއިންކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު

އަމީރު ވިދާޅުވީ، ސަރުކާރުން ޕެންޝަން ފަންޑުގެ ތެރެއިން ފައިސާ ޗާޕު ކުރަން އުޅޭ ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ. އެ ބޯޑަށް މެންބަރުން ނަގާއިރު ވެސް މިހާރު ފުރަތަމަ އަހަނީ ފައިސާ ޗާޕުކުރަން އެއްބަސްވޭތޯކަން އޭނާ ފާހަގަކުރެއްވިއެވެ.

ޑޮލަރަށް މިހާރު ޕްރެޝަރު ބޮޑުވެގެން އުޅެނީ އެހެންވެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އަމީރު އެ ފަދައިން ވިދާޅުވިއިރު، މި ސަރުކާރު ވެރިކަމަށް އައީ ޑޮލަރުގެ މައްސަލަ ހައްލުކޮށްދޭނެ ކަމުގެ ވައުދާއެކީގައެވެ. އެކަމަކު، މައްސަލަ ހައްލު ކުރަން އެކި ތާރީޚުތައް ދިން ނަމަވެސް، މިހާތަނަށް ޑޮލަރުގެ އަގު ދަށަށް ގޮސްފައެއް ނުވެއެވެ.

އެ މައްސަލަ ބޮޑުވެ، ޑޮލަރެއްގެ އަގު 20 ރުފިޔާއިން މަތީގައި ހުންނަތާ ވެސް އެތައް ދުވަހެއް ވެއްޖެއެވެ.

comment ކޮމެންޓް