މާލެ ސިޓީ ކައުންސިލުން ދޮންނަ މެޝިނެއްގެ ވެރިފަރާތް ހޯދަން މިއަދު އިއުލާނުކޮށްފިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މާލޭގެ މަގުތަކަށް ކުނިއަޅާ މައްސަލައަކީ މިއީ ޒަމާނުއްސުރެ ހައްލުކުރަން ބޭނުންވެ ނަމަވެސް ހައްލުވެފައިނުވާ ބޮޑު މައްސަލައެކެވެ.
މީގެ ކުރިން ސިޓީ ކައުންސިލުން ވަނީ ހަފްތާއެއްގެ ތެރޭގައި ދެ ފަހަރެއްގެ މަތިން ދެ ގޮދަޑިއެއްގެ ވެރިފަރާތް ހޯދުމަށް ވެސް އިއުލާނުކޮށްފައެވެ.
މިއަދު ސިޓީ ކައުންސިލުން އެކްސަގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ކާސިންޖީމަގުގައި ބަހައްޓާފައި ހުރި މެޝިނެއްގެ ފޮޓޯ ލާފައެވެ. އަދި އެ މެޝިނުގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ކައުންސިލުން ކުރަމުން އަންނަ ކަމަށް އެ ޕޯސްޓުގައި ބުނެފައިވެއެވެ.
ސިޓީ ކައުންސިލުން ވަނީ މަގުތަކަށް ކުނި އަޅާ ފަރާތްތަށް ފާހަގަ ކުރެވޭނަމަ، ކައުނސިލްގެ ހޮޓްލައިން 9341144 އަށް ފޮޓޯ އަދި ވީޑިއޯ ފޮނުއްވައި ދިނުމަށް އެދިފައެވެ. އަދި މާލެ ސިޓީ ސާފުކޮށް ބޭއްވުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށް ކައުންސިލުން ބުނެފައި ވެއެވެ.
މާލޭގެ ގޭބީސީތަކުން އުކާލާ ކުނި ނެގުމުގެ މަސައްކަތް ކުރަނީ ވެމްކޯއިންނެވެ. އުކާލާ އެކި ބާވަތުގެ ކުންޏާ މެދު ގެބީސީތަކުން އަމަލުކުރާނެ އުސޫލުތަކާއި، އެތަކެތި ނަގާނެ ގަޑިތައް ވެމްކޯއިން އޮންނަނީ ކުރިއާލާ އިއުލާނުކޮށްފައެވެ.
ނަމަވެސް އަދިވެސް މަގުމަތީގައި ގޮދަޑި ފަދަ ތަކެއްޗާއި ކުނިކޮތަޅުތަކާއި ކުނިވާޒާތުގެ ނަޖިސް ހިމެނޭ ކުނި އަޅައިފައި ހުރެއެވެ.
އެ ފަދަ ކަންކަން ކުރުމުން އެތައް ބަޔަކަށް އެކަމުގެ އުނދަގޫ ކުރިމަތިވެއެވެ.