އުސް އިމާރާތްތަކަށް ފެން ލިބުމުގައި ދިމާވާ ޕްރެޝަރުގެ މައްސަލަ ހައްލުކުރަން ކައުންސިލުން މަސައްކަތް ފަށައިފި

މާލެ ސިޓީ މަތިން -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މާލޭގެ އުސް އިމާރާތްތަކުގައި ދިރިއުޅޭ އެތައް ހާސް ރައްޔިތުންނަށް ފެން ލިބުމުގައި ދިމާވާ ޕްރެޝަރުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް މާލެ ސިޓީ ކައުންސިލުން މަސައްކަތް ފަށައިފިއެވެ.

މިއަދު އޮތް މާލެ ސިޓީ ކައުންސިލްގެ ފަސް ވަނަ ދައުރުގެ 10 ވަނަ ރަސްމީ އާންމު ޖަލްސާއަށް މި މައްސަލަ ހުށަހެޅުއްވީ ޑެޕިއުޓީ މޭޔަރު މީކާއީލް މުހައްމަދު ރިޔާޒެވެ.

މީކާއީލް ފާހަގަކުރެއްވި ގޮތުގައި، ހަފްތާ ބަންދު ދުވަސްތަކާއި ފެން ބޭނުންކުރާ މިންވަރު އިތުރުވާ ޕީކް ގަޑިތަކުގައި އުސް އިމާރާތްތަކަށް ފެން ލިބުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެއެވެ. އަދި ބައެއް ގެތަކަށް އެއްގޮތަކަށް ވެސް ފެން ނުލިބޭ ކަމުގެ ޝަކުވާ ތަކުރާރުކޮށް ލިބެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

މި މައްސަލައިގައި އޮތް މާލީ ބުރައާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން މީކާއީލް ވިދާޅުވީ، އެއްވަނަ ފްލޯގައި އުޅޭ މީހާއާއި ހަވަނަ ފްލޯގައި އުޅޭ މީހާ ވެސް އެމްޑަބްލިއުއެސްސީއަށް ފެނުގެ ޓެރިފް ރޭޓުން ދައްކަނީ އެއްވަރެއް ކަމަށެވެ. ނަމަވެސް، ހަވަނަ ފްލޯއަށް ފެން ފޯރުކޮށްދިނުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމަށް 80,000 އަށް ވުރެ ގިނަ ރުފިޔާގެ މާލީ ތަކުލީފެއް އުފުލަން ރައްޔިތުންނަށް މަޖުބޫރުވެފައިވާ ކަމަށާއި، މިއީ މެދުފަންތީގެ އާއިލާއަކަށް އުފުލޭނެ ބުރައެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ޑެޕިއުޓީ މޭޔަރު މީކާއީލް މުހައްމަދު ރިޔާޒް -- ފޮޓޯ: މާލެ ސިޓީ ކައުންސިލް

ލާމަރުކަޒީ ގާނޫނުގެ ދަށުން ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުމަކީ ކައުންސިލްގެ ޒިންމާއެއްކަން ފާހަގަކުރައްވައި، މީކާއީލް ވަނީ އެމްޑަބްލިއުއެސްސީއާއި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއާ ބައްދަލުކުރުމަށް ހުށަހަޅުއްވާފައެވެ. އަދި ސޭފްޓީ މިންގަނޑުތަކަށް ފެތޭ، އަގުހެޔޮ ތިންވަނަ ފަރާތްތަކުގެ ޕަމްޕުތައް ބޭނުންކުރުމުގެ ހުއްދަ ރައްޔިތުންނަށް ދިނުމަށް ބާރުއެޅުމަށް ވެސް އޭނާ ހުށަހެޅުއްވިއެވެ.

މީކާއީލްގެ މި ހުށަހެޅުއްވުމަށް މާފަންނު އުތުރު ދާއިރާގެ ކައުންސިލަރު ހުސައިން ފުރުޝާން ވަނީ ތާއީދުކުރައްވާފައެވެ.

މިކަމާ ގުޅިގެން މޭޔަރު އާދަމް އާޒިމް ވެސް ވަނީ މި މައްސަލައަކީ ރައްޔިތުންނަށް ދިމާވެފައިވާ ނުހަނު ބޮޑު ތަކުލީފެއްކަން ގަބޫލުކުރައްވައި، މިކަމުގައި އަވަސް ހައްލެއް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

comment ކޮމެންޓް