ބީއެމްއެލް ކުރިމަތީ އޮތް ހުސްބިމުގައި ފެރީ ޓާމިނަލަކާއި ޕާކިން ޒޯނެއް ތަރައްގީކުރަން ނިންމައިފި

ހުޅުމާލޭ އުތުރު ދާއިރާގެ ކައުންސިލަރު ފާޠިމަތު ޒަޙިއްޔާ: އޭނާ ވަނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ ބީއެމްއެލް އިމާރާތުގެ ކުރިމަތީ އޮންނަ ހުސްބިމުގައި ޕާކިން ޒޯނެއް ހިމެނޭހެން ފެރީ ޓާމިނަލެއް ތަރައްގީކުރުމަށް ހުށަހަޅުއްވައިފައި --- ފޮޓޯ: މާލޭ ސިޓީ ކައުންސިލް

ބޮޑުތަކުރުފާނު މަގުގައި ހުންނަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިމާރާތުގެ ކުރިމަތީ އޮންނަ ހުސްބިމުގައި ޕާކިން ޒޯނެއް ހިމެނޭހެން ފެރީ ޓާމިނަލެއް ތަރައްގީކުރުމަށް މާލޭ ސިޓީ ކައުންސިލުން އިއްޔެ ނިންމައިފިއެވެ.

އިއްޔެ އޮތް ކައުންސިލުގެ ޖަލްސާގައި އެ މަޝްރޫއު ހުށަހެޅުއްވީ ހުޅުމާލޭ އުތުރު ދާއިރާގެ ކައުންސިލަރު ފާޠިމަތު ޒަޙިއްޔާއެވެ.

ބޮޑުތަކުރުފާނު މަގު ތަރައްގީކޮށް މި ފަހުން ހުޅުވިއިރު ވެސް ބީއެމްއެލް ކުރިމަތީ އޮތް ހުސް ބިން ޚާއްސަ ކޮށްފައިވަނީ ސައިކަލް ޕާކިން ޒޯނަކަށެވެ. ނަމަވެސް އެއީ އިމާރާތެއް ނެތް ޒޯނެއްގެ ގޮތުގައެވެ.

އިއްޔެގެ ޖަލްސާގައި ބައިވެރިވި ކައުންސިލަރުންގެ އިއްތިފާގުން އެ މަޝްރޫއު އިތުރަށް ދިރާސާކުރުމަށް ކައުންސިލުގެ އާބަން ޕްލޭނިން ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.

މި އިމާރާތުގެ ޕްލޭނުގައިވާ ގޮތުން، އިމާރާތުގެ ތިރީ ފަންގިފިލާ ޚާއްސަކޮށްފައިވަނީ ފެރީ ޓާމިނަލަކަށެވެ.

މަޝްރޫއުގެ ޕްލޭނުގައިވާ ގޮތުން ރަށްރަށުން މާލެ އައިސް އެނބުރި ދާ ފަރާތްތަކަށް ހިތްފަސޭހަކަމާއެކު މަޑުކޮށްލައިގެން ތިބެވޭނެ އިންތިޒާމުތައް މި ޓާމިނަލުގެ ތިރީ ފަންގިފިލާގައި ހުންނާނެއެވެ. މީގެ އިތުރުން ދެ ޖިންސުގެ މީހުންނަށް ވަކިން ޚާއްސަ ފާޚާނާ ބަރިއަކާއި ލުއިކާނާ ލިބޭނެ މިނީ ފިހާރައަކާއި ނަމާދުކުރުމަށް ޚާއްސަ ކޮޓަރިއެއް ވެސް އެ އިމާރާތުގެ ތިރީ ފަންގިފިލާގައި ގާއިމުކުރާނެ ކަމަށް ވެސް އެ ޕްލޭނުގައިވެއެވެ.

ޕްލޭނުގައި ވަނީ މި އިމާރާތުގެ ފުރަތަމަ ފަންގިފިލާއާއި ދެވަނަ ފަންގިފިލާ ޚާއްސަކޮށްފައިވަނީ ސައިކަލުތައް ޕާކުކުރުމަށް ކަމަށެވެ.

މި އިމާރާތުގެ އެންމެ މަތީގައި ފުޑް ކޯޓުތަކެއް ހުންނާނެ ކަމަށާއި އެތަނަށް އަރައި ފެއިބުމަށް ލިފްޓެއް ބެހެއްޓިފައި ހުންނާނެ ކަމަށް ވެސް ޕްލޭނުގައިވެއެވެ.

މި މަޝްރޫއުގެ ސަބަބުން މާލޭގައި އުޅޭ އާންމުންނަށާއި ދަތުރުފަތުރުކުރާ ފަރާތްތަކަށް ލުއިފަސޭހަ ވާނެ ކަމަށާއި، އިމާރާތުގައި ހިމެނޭ ފިހާރައާއި ފުޑް ކޯޓުތަކުން ކައުންސިލަށް އާމްދަނީ ލިބުމަށް މަގުފަހިވާނެ ކަމަށް ޒަޙިއްޔާ ވިދާޅުވިއެވެ.

comment ކޮމެންޓް