އިދިކޮޅު އެމްޑީޕީގެ ޖަލްސާތައް ހުށަހަޅާ އެ ޕާޓީގެ މެންބަރު އަންވަރު އިބްރާހީމް ސިވިލް ކޯޓަށް ހާޒިރުކުރަން ކުރި އަމުރު މިއަދު ބާތިލުކޮށްފިއެވެ.
އަންވަރު ބަންދުގައި ބަހައްޓައިގެން ހޯދަން ފުލުހުން މިއަދު މެންދުރު އިއުލާނުކުރިއެވެ. އޭރު ފުލުހުން ބުނީ، އަންވަރު ހޯދަނީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުވެފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށް ދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ކަމަށެވެ.
އެކަމަކު، މިހާރު ފުލުހުން ވަނީ އެ އިއުލާނު ނަގާފައެވެ.
'ސަން'އަށް އެނގިފައިވާ ގޮތުގައި، އެއީ، ސިވިލް ކޯޓުން އަންވަރު ހޯދުމަށް ފުލުހުންގެ މައްޗަށް ކުރި އަމުރު ބާތިލުކުރުމުންނެވެ.
ނަމަވެސް، އެ އަމުރު ބާތިލުކުރީ ކީއްވެކަމެއް މިހާތަނަށް ސާފުވެފައެއް ނުވެއެވެ.
އެމްޑީޕީގެ ތިމަރަފުށީ ދާއިރާގެ ރައީސްކަން ކުރާ އަންވަރަކީ، އެމްޑީޕީގައި ވަރަށް އެކްޓިވްކޮށް މަސައްކަތް ކުރަމުންދާ ފަރާތެކެވެ. އޭނާ ގިނައިން ފެންނަނީ އެ ޕާޓީގެ ޖަލްސާތައް ހުށަހަޅައިދިނުމުގައެވެ. އަދި މީގެ އިތުރުން މަގުމަތީގައި އެ ޕާޓީގެ ފަރާތުން ކުރިއަށްގެންދާ އިހުތިޖާޖުތަކުގައި ވެސް އޭނާއަކީ އިސް ސަފުގައި ހަރަކާތްތެރިވާ ފަރާތެކެވެ.