ފުލުހުންގެ ޓެރަރިޒަމް އެންޑް ވައިލެންޓް އެކްސްޓްރީމިޒަމް އިންވެސްޓިގޭޝަންސްއިން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަން މިއަދު އިއުލާންކޮށްފިއެވެ.
ފުލުހުން ބުނީ ޓެރަރިޒަމާއި ހަރުކަށި ފިކުރާ ގުޅުންހުރި މައްސަލަތައް ބަލާ ޔުނިޓްގެ ތަހުގީގަކަށް ދެ މީހަކު ހާޒިރުކުރަން ބޭނުންވި ނަމަވެސް، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން އެ މީހުންނަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށެވެ.
އެހެންވެ، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގައިވާ ގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރަން ނިންމީ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން ހޯދަނީ:
- ނިއުޒިލް / ގއ.ކަނޑުހުޅުދޫ، ޝިހާނު އަޙްމަދު (27އ)
- ހިޔަލީގެ / ށ.ކޮމަންޑޫ، އިބްރާހީމް އަޒުހަދު (36އ)
ފުލުހުން ބުނީ އެ ދެ މީހުން ހޯދަނީ މައްސަލައިގެ ތުހުމަތުގައި ސުވާލުކުރުމަށް ކަމަށެވެ.
އޭގެ ތެރެއިން ޝިހާނު، ސާޖަންޓު އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގަށް ހާޒިރުވާން އަންގައިފައި ވަނީ އަންނަ އާދިއްތަ ދުވަހުގެ 09:00 އަށެވެ. އަދި އަޒުހަދު ހާޒިރުވުމަށް އަންގައިފައި ވަނީ މި މަހުގެ 15 ވަނަ ދުވަހުގެ 15:00 އަށެވެ.
އެ ދެ މީހުންނާ ގުޅުންހުރި މައްސަލައިގެ އެއްވެސް ތަފުސީލެއް ފުލުހުން ހާމަކޮށްފައިނުވެއެވެ.