ފުވައްމުލަކުގައި ހުންނަ ރުއްރުކުގެ ވެރި ފަރާތްތަކަށް ނޭނގި އަޅައިފައިވާ ކުރުނބާތަކެއް އެ ސިޓީގެ ފުލުހުންގެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފޮޓޯތައް ހިއްސާކޮށް ފުވައްމުލަކުގެ ފުލުހުން 'ފޭސްބުކު'ގައި މިއަދު ކުރި ޕޯސްޓެއްގައި ވަނީ، އެ ސިޓީގެ ރުއްރުކުގެ ވެރިފަރާތްތަކަށް ނޭނގި އެކި ރުއްރުކުން އަޅައިފައިވާ ކުރުނބާތަކެއް ފުލުހުންގެ އިދާރާއަށް ގެންގޮސްފައިވާ ކަމަށެވެ.
އެ ފޮޓޯތަކުން ފެންނަ ގޮތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ގިނަ އަދަދެއްގެ ކުރުނބާ އިހާތައް ހުރީ އިދާރާގެ ކޮރިޑޯގައި ރީތިކޮށް ބަހައްޓައިފައެވެ.
އެ ކުރުނބާތަކުގެ ވެރިފަރާތްތަކުން ހާޒިރުވެ, މައްސަލަ ހުށަހެޅުމަށް ވެސް ފުވައްމުލަކުގެ ފުލުހުންގެ އިދާރާއިން ވަނީ އެދިފައެވެ.
މީގެ ކުރިން އައްޑޫގައި ވެސް ވަގަށް ނަގައިފައިވާ ކަމަށް ބެލެވޭ މިފަދަ ތަކެތި ހޯދަން އެ ސިޓީގެ ފުލުހުން އިއުލާނުކޮށްފައިވެއެވެ. އެގޮތުން ކެޔޮގަނޑުތަކަކާއި ކުރުނބާތަކަކީ ވަގަށް ނަގައިފައިވާ ތަކެތި ކަމަށް ބެލެވޭ ކަމަށް ބުނެ، އެ ތަކެތީގެ ވެރިފަރާތެއް ވާ ނަމަ ހިތަދޫ ފުލުހުންނަށް ގުޅަން އޭރު އެދިފައިވެއެވެ.