ދިލްޖީތުގެ ފިލްމު 'ސަތްލުޖް' ދެއްކުން މަނާކޮށްފައި އޮތް އޮތުން ކުރިއަށް ގެންދިއުމަށް ސަރުކާރުން ނިންމައިފި

ފިލްމު "ސަތްލުޖް"ގެ ޕޯސްޓަރެއް--ފޮޓޯ/ޓެލެގްރާފްއިންޑިއާ

އިންޑިއާގެ އެކްޓަރު އަދި ލަވަކިޔުންތެރިޔާ ދިލްޖީތު ދޮސާންޖު ލީޑް ރޯލް ކުޅެފައިވާ ފިލްމު "ސަތުލުޖް" ސްޓްރީމިން ޕްލެޓްފޯމް "ޒީފައިވް"އިން ދެއްކުން މަނާކޮށްފައި އޮތް އޮތުން ކުރިއަށް ގެންދިއުމަށް އިންޑިއާގެ ސަރުކާރުން އެކުލަވާލި ކޮމިޓީން ލަފާދީފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

ސަރުކާރުން އެކުލަވާލި ކޮމިޓީން މިގޮތަށް ލަފާދީފައި ވަނީ، މި ފިލްމުގައި ހިމެނޭ ބައެއް ބައިތަކަކީ އިންޑިއާގެ އިސްތިގުލާލާއި ނަޒާހަތްތެރިކަމަށް އުނިކަން އަންނަ ފަދަ ކަންތައްތަކެއް ކަމަށް ބެލެވޭތީ ކަމަށް، އިންޑިއާގެ ސަރުކާރުގެ މަސްދަރުތަކާ ހަވާލާދީ ޕީޓީއައިއިން ވަނީ ބުނެފައެވެ.

ސަލާމަތީ ސަބަބުތަކަށްޓަކައި އިންޑިއާގެ މިނިސްޓްރީ އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގްގެ އެންގުމަކަށް ފިލްމު "ސަތްލުޖް" އޯޓީޓީ ޕްލެޓްފޯމްތަކުގައި ދެއްކުން މަނާކުރީ މި މަހުގެ ފަސް ވަނަ ދުވަހުއެވެ.

ފިލްމު "ސަތްލުޖް"ގެ މަންޒަރެއްގައި ދިލްޖީތު--ފޮޓޯ/ޓެލެގްރާފްއިންޑިއާ

މި ފިލްމު މަނާކުރަން ކޮމިޓީން ނިންމި އެންމެ ބޮޑު އެއް ސަބަބަކީ، ފިލްމުގެ "ނެރެޓިވް" އެއްފަރާތަކަށް ބުރަވެފައި އޮތުމެވެ. އެގޮތުން، ޕަންޖާބުގެ ހަމަނުޖެހުންތަކުގެ ދުވަސްވަރު ހަނގުރާމަވެރިން ހިންގި ލާއިންސާނީ އަމަލުތައް އޮއްބާލައި، ސަލާމަތީ ބާރުތަކުން ހިންގި އަމަލުތައް މާ ބޮޑުކޮށް ދައްކާފައިވާ ކަމަށް ކޮމިޓީއަށް ފާހަގަކުރެވިފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

މި ފިލްމު ދެއްކުން މަނާކުރަން ނިންމި ނިންމުމާ ގުޅިގެން ޕަންޖާބުގެ ސިޔާސީ މަސްރަހު ހުނޫވެފައިވާއިރު، އެ ސްޓޭޓްގެ ޝިރޯމަނީ ގުރްދުވާރާ ޕަރްބަންދަކް ކޮމިޓީ (އެސްޖީޕީސާ)އިން ވަނީ މި ފިލްމުގެ މަނާކުރަން ނިންމި ނިންމުން އުވާލުމަށް ގޮވާލާފައެވެ.

އިންފޮމޭޝަން ޓެކްނޮލޮޖީ ގަވާއިދުގެ ތިންވަނަ ބައިގެ ދަށުން، ފިލްމު ސެންސަރު ބޯޑުގެ އިހުތިސާސްގެ ތެރޭގައި ނުހިމެނޭ އޯޓީޓީ ކޮންޓެންޓްތައް ބަލައި، އައިޓީ ގާނޫނުގެ 69 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅުމުގެ ބާރު އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގް މިނިސްޓްރީއަށް ލިބިގެންވެއެވެ.

މި ފިލްމަކީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެކްޓިވިސްޓް ޖަސްވަންތު ސިންގް ޚަލްރާގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. އޭނާ ވަނީ 1984 އާއި 1994އާ ދެމެދު ޕަންޖާބުގައި ކާކުކަން ނޭނގޭ ގޮތަށް އެތައް ހާސް ބަޔަކު އަންދާލި މައްސަލަ ތަހުގީގުކޮށްފައެވެ. ޕަންޖާބު ފުލުހުން ވަނީ 1995 ވަނަ އަހަރު ޚަލްރާ ރަހީނު ކުރުމަށްފަހު މަރާލާފައި ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެއެވެ.

comment ކޮމެންޓް