ސައިކަލެއްގެ މަޑިދަށުގައި އޮތް ލެޕްޓޮޕެއް ވަގަށް ނެގުމުގެ ތުހުމަތުގައި 5 ދުވަހަށް ބަންދަށް

ވެލާނާގެ ސަރަހައްދުގައި ސައިކަލްތަކެއް ޕާކް ކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސައިކަލެއްގެ މަޑިދަށުގައި އޮތް ލެޕްޓޮޕެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާ މީހަކު ފަސް ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރެއްގައިވާ ގޮތުން ސައިކަލެއްގެ މަޑިދަށުގައި އޮތް ލެޕްޓޮޕެއް ވަގަށް ނެގުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ޅ. ހިންނަވަރަށް ނިސްބަތްވާ، 31 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި މައްސަލައިގައި އޭނާ ވަނީ ވަކީލެއްގެ އެހީތެރިކަމަށް އެދިފައެވެ.

އޭނާއަކީ ކުށުގެ ރެކޯޑު އޮތް މީހެއް ކަމަށްވެސް ކޯޓު އަމުރުގައިވެއެވެ. އޭނާގެ ބަންދަށް ފަސް ދުވަސް ޖެހީ އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭތީ ކަމަށް އަމުރުގައިވެއެވެ.

ފާހަގަކުރެވޭ ގޮތުގައި މީގެ ގާތްގަނޑަކަށް ތިން އަހަރުކުރިން ވެސް، ސައިކަލެއްގެ މަޑިދަށުގައި އޮތް ލެޕްޓޮޕެއް ވަގަށް ނެގި މައްސަލައެއް ބަލައިފައިވެއެވެ. އެ މައްސަލައިގައި ތުހުމަތުވީ 47،070 ރުފިޔާގެ އަގުބޮޑު މެކްބުކް ޕްރޯއެއް ވަގަށް ނެގި ކަމަށެވެ.

https://sun.mv/211811

އެ މައްސަލައިގައި މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ 22ވަނަ ދުވަހު، ވެލިދުއަށް ނިސްބަތްވާ މީހަކު 16 ދުވަހަށް ޖަލަށްލައި، 25،600 ރުފިޔާގެ ޖޫރިމަނާކުރަން ހުކުމްކުރިއެވެ. ނަމަވެސް ތަހުގީގު މަރުހަލާގައި އޭނާ ބަންދުގައި 15 ދުވަހާއި 20 ގަޑިއިރަށް ވުރެ ދިގު މުއްދަތެއް ހޭދަކޮށްފައިވުމުން، ހުކުމް ތަންފީޒުކުރުމުން ސަލާމަތްވިއެވެ.

ފުލުހުންގެ މި އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް އެންމެ ގިނައިން ހުށަހަޅައިފައިވަނީ ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން ވައްކަމުގެ 1،842 މައްސަލައެއް ހުށަހަޅައިފައިވާއިރު، އެއީ މި އަހަރު މިހާތަނަށް ހުށަހެޅި މައްސަލަތަކުގެ 28.3 އިންސައްތައެވެ.

comment ކޮމެންޓް