އުދުވާން ހިންގުމަށްފަހު އެއްބަސްވުމަށް އެނބުރި ރުޖޫއަވާނެކަމުގެ އިޝާރާތެއް ޓްރަމްޕް ދީފި

އެމެރިކާ އީރާނަށް ދިން ހަމަލާތަކެއް

ވޮޝިންޓަން (9 ޖުލައި 2026) : އެމެރިކާ އާއި އީރާނާއެކު ސޮއިކުރި އެމްއޯޔޫ ނިމުމަކަށް އައިސްފި ކަމަށް ބުނެ އީރާނުގެ 90 އަށް ވުރެ ގިނަ ތަންތަނަށް އެމެރިކާއިން ހަމަލާދީ އެތައް ބަޔަކު ޝަހީދުކޮށްލައި ބޮޑެތި ގެއްލުންތަކެއް ދިނުމަށްފަހު މި އެމްއޯޔޫއަށް އެނބުރި ރުޖޫއަވާނެ ކަމުގެ އިޝާރާތެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ.

ޓްރަމްޕް ވިދާޅުވީ އީރާންވެސް ޑީލަކަށް ބޭނުންވާނެ ކަމަށާއި އެމެރިކާވެސް ޑީލަކަށް ބޭނުންވާކަމުގައެވެ. ހަމަލާތައް ދޭންޖެހުނީ ޑީލަކަށް ދިޔުމުގެ ސީރިޔަސްކަން އީރާން ނުގެންގުޅޭތީ އާއި ހުރުމުޒު ކޮންޓްރޯލް ކުރަން އުޅޭތީކަމަށް ޓްރަމްޕް އިޝާރާތް ކުރައްވާފައިވެއެވެ.

ވައިޓް ހައުސްގެ ނަންހާމަކުރަން ނޭދޭ މަސްއޫލުވެރިއަކާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން ޓްރަމްޕް އީރާނަށް އިސްވެ ހަމަލާތައްދިނީ ދެބޭނުމެއް ހާސިލް ކުރުމަށެވެ. އެއްބޭނުމަކީ އީރާނުން ހުރުމުޒު ކޮންޓްރޯލްކުރާތީ އެކަން ހުއްޓުވުމާއި ހުރުމުޒު ކޮންޓްރޯލް ކުރުމުގެ އަސްކަރީ ގާބިލްކަން އީރާނުގެ ކިބައިން ނައްތާލުމެވެ. އަނެއް ބޭނުމަކީ އެމްއޯޔޫގެ ދަށުން އެމެރިކާ ބޭނުންވާފަދަ އެއްބަސްވުމަކަށްދާން އީރާނަށް މަޖުބޫރު ކުރުވުމެވެ. އެމެރިކާ ބޭނުންވާފަދަ އެއްބަސްވުމަކަށް ދިޔުމަށް ބޭނުންވާ ދޫތައް އީރާނުގެ ކިބައިން ހޯދުމެވެ.

އެމެރިކާ ރޭގައި އީރާނުގެ 90 އަށް ވުރެ ގިނަ ތަންތަނަށް ހަމަލާދިން އިރު އޭގެތެރޭގައި ގިނައީ އީރާނުގެ މަދަނީ ތަންތަނެވެ. އެމެރިކާ ހަމަލާ ދިން ތަންތަނުގެ ތެރޭގައި އީރާނުގެ މައި ރޭލްވޭއާއި ބުރިޖަކާއި މަދަނީ އިމާރާތްތަކުގެ އިތުރުން ބަނދަރުތައްވެސް ހިމެނެއެވެ. އެމެރިކާގެ ހަމަލާތަކުގައި އީރާނުގެ އަށް މީހަކު ޝަހީދުވެ އެތައް ބަޔަކު ވަނީ ޒަހަމްވެފައެވެ.

ރައްދުގައި އީރާނުން ވަނީ ބަލިސްޓިކް މިސައިލާއި ޑްރޯނުން ކުވައިތާއި ބަހްރައިންގައިވާ އެމެރިކާގެ އަސްކަރީ ބޭސްތަކަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. އެމެރިކާގެ ހަމަލާތައް އިތުރުވާނަމަ އެހެންގައުމުތަކުގައިވާ އެމެރިކާގެ ބޭސްތަކުގެ އިތުރުން އެމެރިކާގެ އެހެން މަސްލަހަތުތަކަށްވެސް ހަމަލާތައް ދޭކަމަށް އީރާނުގެ އިންގިލާބީ ލަޝްކަރުތަކުން ވަނީ އިންޒާރު ދީފައެވެ. އީރާނުގެ ހަމަލާތަކުގައި އެމެރިކާގެ ބޭސްތަކަށް ލިބުނު ގެއްލުންތައް ސާފުވެފައެއް ނުވެއެވެ. ނަމަވެސް ކުވައިތާއި ބަހްރައިން އިން ގޮވުންތަކެއް ގޮވާފައިވާކަން ވަނީ ކަށަވަރުވެފައެވެ.

އީރާނުގެ ޕާލަމެންޓްގެ ރައީސް މުހައްމަދު ބާގިރު ގަލީބާވް ވިދާޅުވިގޮތުގައި އެމެރިކާއާއެކު ޑީލަކަށް ދިޔުމުގެ މާބޮޑު ޝައުގުވެރިކަމެއް އީރާނުގެ ނެތެވެ. ސަބަބަކީ އެމެރިކާއަކީ ޓެރަރިސްޓް ގައުމަކަށް ވާތީއެވެ. ބައިނަލްއަގްވާމީ ޓެރަރިޒަމްގެ ހެޑް ކަމަށްވާތީއެވެ. އަދި އެމެރިކާއަކީ ގާނޫނާއި ގަވާއިދަށް ބޯނުލަނބާ ގައުމަކަށް ވެފައި އެމެރިކާއާއެކު އެއްބަސްވުމެއްގައި ސޮއިކުރިނަމަވެސް އެއަށް އެމެރިކާ އިހުތިރާމް ނުކުރާތީއެވެ.

ބާގިރު ގަލީބާވް ވިދާޅުވިގޮތުގައި އެމެރިކާ ކިތަންމެ ހަމަލާއެއް ދިނަސް އީރާނުން ހުރުމުޒުގެ ކޮންޓްރޯލް ދޫކޮށެއް ނުލާނެއެވެ. އީރާނުގެ ހުއްދައަކާ ނުލައި ހުރުމުޒު ހުރަސްކުރާ ކޮންމެ އުޅަނދަކަށް އީރާނުން ހަމަލާދޭނެކަމަށް އީރާނުގެ އިންގިލާބީ ލަޝްކަރުތަކުންވެސް ވަނީ ބުނެފައެވެ..

comment ކޮމެންޓް