މާލޭގެ މަގުތަކަށް، ޚާއްސަކޮށް ޕޭމަންޓްތަކުގެ މައްޗަށް އިމާރާތްތަކުން ފެންތިކި ޖަހާ ގޮތަށް ހުރި ތަންތަން ރަނގަޅު ކުރުމަށް މާލެ ސިޓީ ކައުންސިލުން އަންގައިފިއެވެ.
މިއީ ޢިމާރާތްތަކުގައި ހަރުކޮށްފައި ހުންނަ އޭސީ އައުޓްޑޯ ޔުނިޓުތަކާއި އޭގެ ހޮޅިތަކާއި، ދިޔަދޮވި ހޮޅިތަކުން ފެން ފައިބާތީ، މަގުމަތީގައި ހިނގައިބިނގާވެއުޅޭ މީހުންނަށާއި ދުއްވާ އެއްޗެހީގައި އުޅޭ ފަރާތްތަކަށް ކުރިމަތިވާ އުނދަގޫތައް ހައްލުކުރުމަށް އެންގި އެންގުމެއް ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.
މި ކަމާ ގުޅިގެން މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވީ، މީގެ ކުރިން ވެސް މިފަދަ ތަންތަން ފާހަގަކޮށް، އެ ތަންތަން ރަނގަޅުކުރަން އަންގައިފައިވާނެ ކަމަށެވެ. ނަމަވެސް، އަނެއްކާ ވެސް މި ކަންކަން ތަކުރާރުވަމުންދާތީ ރައްޔިތުންގެ ޝަކުވާތައް ލިބެމުން އަންނަކަން އާޒިމް ފާހަގަކުރެއްވިއެވެ.
މޭޔަރު އާޒިމް ވިދާޅުވި ގޮތުގައި، ޢިމާރާތްތަކުން ފެންތިކި ޖަހާ މައްސަލައަކީ ޒަމާނުއްސުރެ ހައްލުނުކުރެވި އޮތް މައްސަލައެކެވެ.
"މިފަދަ މައްސަލަތައް ހައްލުކުރުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވޭ،" މޭޔަރު ވިދާޅުވިއެވެ.
މާލެއަކީ އެންމެނަށް ވެސް ދިރިއުޅެވޭ ކަހަލަ ހިތްފަސޭހަ ތަނަކަށް ހެދުމަށް ރައްޔިތުންގެ އެހީތެރިކަން މުހިންމުކަމަށް ވެސް މޭޔަރު ވަނީ ފާހަގަކުރައްވާފައެވެ.

މާލޭގެ އިމާރާތަކުން މަގުމައްޗަށް ފެންފައިބަނީ ---- ފޮޓޯ/ މާލެ ސިޓީ ކައުންސިލް
މި މައްސަލަ ހައްލުކުރުމަށް ޓަކައި ކައުންސިލުން ކުރަމުންދާ މަސައްކަތުގައި އާންމުންގެ އެއްބާރުލުން ކައުންސިލުން އެދެއެވެ. އެގޮތުން، މަގުމައްޗަށް ފެންތިކި ޖަހާ މިފަދަ ތަންތަން ފާހަގަވާނަމަ، ކައުންސިލްގެ ހޮޓްލައިން ނަންބަރު 9341144 އަށް ފޮޓޯ އާއި ވީޑިއޯ ފޮނުވައިދިނުމަށް ކައުންސިލުން ވަނީ އެދިފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، 2024 ވަނަ އަހަރުގެ ތެރޭގައި ވެސް 30 އިމާރާތަކުން މަގުމައްޗަށް ފެން ފައިބާ މައްސަލަ ހައްލުކުރަން އެ އިމާރާތްތަކުގެ ވެރިފަރާތްތަކަށް ސިޓީ ކައުންސިލުން ވަނީ އަންގާފައެވެ.
މާލޭގެ ގެތަކުން މަގުމައްޗަށާއި މީހުންގެ ގަޔަށް ފެން ފައިބާ މައްސަލައަކީ ސިޓީ ކައުންސިލަށް އެންމެ ގިނައިން ހުށަހަޅާ ޝަކުވާތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
މިފަދަ މައްސަލަތައް ބަލައި، ސިޓީ ކައުންސިލުން އެންމެ ފުރަތަމަ އެ ގެއަކަށް ސިޓީއެއް ފޮނުވައެވެ. އެއަށް ފަހު ނޯޓިސް ފޮނުވައިގެން ވެސް މައްސަލަ ހައްލުނުކުރާނަމަ ގޭގެ ވެރިފަރާތް 500 ރުފިޔާއިން ޖޫރިމަނާކުރުމުގެ ބާރު ކައުންސިލަށް އޮވެއެވެ.
މޭޔަރުކަމާ ހަވާލުވެވަޑައިގަތުމަށްފަހު، އާޒިމް އަންނަނީ ރައްޔިތުންގެ ކަންބޮޑުވުންތައް އައްސަވައި، މާލެއަށް ދިމާވެފައިވާ އެކި މައްސަލަތައް ހައްލުކުރަން މަސައްކަތް ކުރައްވަމުންނެވެ. މީގެ ތެރޭގައި ކުނީގެ މައްސަލަ ހައްލުކުރުމަށް މަގުމަތީގައި ގަވައިދާ ޚިލާފަށް ކުނި ބަހައްޓާ ފަރާތްތައް ޖޫރިމަނާކުރުން ވެސް ހިމެނެއެވެ.