ކުރީގެ ކްރިކެޓް ތަރި ސޯރަވްގެ ބައޮޕިކް ރިލީޒްކުރުން އަންނަ އަހަރަށް

އިންޑިއާގެ ކުރީގެ ކްރިކެޓް ތަރި، ސޯރަވް ގަންގޫލީ އަދި އެކްޓަރު ރާޖްކުމާރު ރާއޯ--ފޮޓޯ/ބޮލީވުޑްހަންގާމާ

އިންޑިއާގެ ކުރީގެ ކްރިކެޓް ތަރި، ސޯރަވް ގަންގޫލީގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާ ބައޮގްރަފިކަލް ޑްރާމާ "ދާދާ"ގެ ފުރަތަމަ ޕޯސްޓަރު ދައްކާލުމަށްފަހު ފިލްމު ސިނަމާތަކަށް ގެންނަ ތާރީހު އިއުލާނުކޮށްފިއެވެ.

އިންޑިއާގެ ކުރީގެ ކެޕްޓަންގެ ރޯލްއިން ބެލުންތެރިންނާ ބައްދަލުކުރާނީ ކުޅަދާނަ ފިލްމު އެކްޓަރު ރާޖްކުމާރު ރާއޯއެވެ. ސޯރަވްގެ 54 ވަނަ އުފަންދުވަހަ ދިމާކޮށް ފިލްމުގެ ފުރަތަމަ ޕޯސްޓަރު ނެރުމާ އެކު ރާޖްކުމާރު ފިލްމުގައި އަދާކޮށްފައިވަނީ އަޖައިބުވާފަދަ މޮޅު މަސައްކަތެއް ކަމަށް ސޯރަވް ވަނީ ބުނެފައެވެ.

ރާޖްގެ ހުނަރަށް ތައުރީފު ކުރަމުން ގަންގޫލީ ބުނީ، އޭނާގެ ސިފަތަކާއި ހަރަކާތްތައް ފިލްމުގައި ގެނެސްދީފައިވަނީ ހީވެސް ނުކުރާހާ މޮޅަށް ކަމަށެވެ.

އުފަންދުވަހުގެ ތަހުނިޔާ ފޮނުވި އެންމެހާ ފަރާތްތަކަށާއި ފިލްމުގެ ޓީމަށް ޝުކުރު އަދާކުރަމުން ގަންގޫލީ ބުނި ގޮތުގައި، ފިލްމުގެ ޕޯސްޓަރު ފެނުމާ އެކު އޭނާގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ އެއް ހަނދާން އާވެގެން ދިޔަ ކަމަށެވެ.

އެއީ 2002 ވަނަ އަހަރު ލޯޑްސްގައި އޮތް ނެޓްވެސްޓް ސީރީޒްގެ ފައިނަލުގައި އިންގްލެންޑް އަތުން އިންޑިއާ ހޯދި ތާރީހީ މޮޅަށްފަހު، ބެލްކަނީގައި ހުރެ ޖާޒީ ބާލައި ހޫރުވި ވަގުތު ކަމަށް ސޯރަވް ބުނެފައިވެއެވެ.

ބައޮގްރަފިކަލް ޑްރާމާ "ދާދާ"ގެ ފުރަތަމަ ޕޯސްޓަރުގައި ރާޖްކުމާރު ރާއޯ--ފޮޓޯ/ޓެލެގްރާފްއިންޑިއާ

ވިކްރަމް އަދިތްޔާ މޯޓްވާނީ ޑައިރެކްޓްކުރާ މި ފިލްމުގައި ދައްކުވައިދެނީ ގަންގޫލީ ކްރިކެޓް ކުޅެން ފެށި ދުވަސްވަރުން ފެށިގެން، އިންޑިއާގެ ކްރިކެޓް ތާރީހުގައި ދުށް އެންމެ ނުފޫޒުގަދަ އެއް ކެޕްޓަނަށް ވުމާ ހަމައަށް ކުރި ދަތުރެވެ.

މި ފިލްމުގައި ގަންގޫލީގެ އަންހެނުން ޑޯނާ ގަންގޫލީގެ ރޯލުން ތާންޔާ މަނިކްތަލާ ފެންނާނެއިރު، އޭނާގެ މަންމަގެ ރޯލުން އަޕަރަޖިތާ އަދްޔާ، ބައްޕަ ޗަންދީ ގަންގޫލީގެ ރޯލުން ސަސްވަތާ ޗެޓަޖީ އަދި ބޭބެ ސްނެހަސިޝް ގަންގޫލީގެ ރޯލުން ފެންނާނީ ރާހުލް ދޭވް ބޯސްއެވެ.

ދާދިފަހުން ކަލްކަތާގެ މައިދާންގައި މި ފިލްމުގެ މަންޒަރުތަކެއް ނަގަނިކޮށް އާއްމުންގެ ގިނަ ބަޔަކަށް ރާޖް ވަނީ ފެނިފައެވެ. ކްރިކެޓް ކުޅޭ ހުދު ޖާޒީއާއި ތޮފީގައި ހުރިއިރު، އޭނާގެ އިސްތަށިގަނޑު ހުރި ގޮތުންނާއި މުޅި ސިފަ ހުރި ގޮތުން ގަންގޫލީއާ އިންތިހާއަށް ވައްތަރުކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.

comment ކޮމެންޓް