އާރް.ޑީ ބަރްމަންގެ ބަޔޯޕިކްގައި ހިމެނޭ ރާޖޭޝް ކަންނާގެ ރޯލް އަކްޝޭއަށް

ހިންދީ ސިނަމާގެ ސުޕަސްޓާ ރާޖޭޝް ކަންނާ އަދި އަކްޝޭ ކުމާރު އަންހެނުން ޓުވިންކަލް ކަންނާއާ އެކު--ފޮޓޯ/ޕިންކްވިލާ

ކުރީގެ މަޝްހޫރު މިއުޒިކް ޑައިރެކްޓަރު އާރްޑީ ބަރްމަންގެ ހަޔާތަށް ބިނާކޮށް ޑައިރެެކްޓަރު ނީރަޖް ޕާންޑޭ އުފައްދަން ހަމަޖެހިފައިވާ ފިލްމުގެ ހާއްސަ ރޯލެއް އެކްޓަރު އަކްޝޭ ކުމާރަށް ލިބިފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

މި ހަފުތާގެ ކުރީކޮޅު މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އަކްޝޭ ވަނީ ޑައިރެކްޓަރު ނީރަޖް ޕާންޑޭ އުފައްދާ މި ބައޮޕިކް ފިލްމުގައި މަސައްކަތްކުރުމަށް އެއްބަސްވެފައެވެ. މި ފިލްމުގެ މައިގަނޑު ރޯލުން ފަރްހާން އަޚްތަރު ފެންނާނެއިރު، އަކްޝޭ މި ފިލްމުގައި ކުޅެން ހަމަޖެހިފައި ވަނީ އެކްޓަރުގެ ބަފައިބެ އަދި ހިންދީ ސިނަމާގެ ސުޕަސްޓާ ރާޖޭޝް ކަންނާގެ ރޯލެވެ.

އަކްޝޭ ކުމާރު ކުރީގެ އެކްޓަރު ރާޖޭޝް ކަންނާ އަދި ޑިމްޕަލް ކަޕާޑިއާއާ އެކު--ފޮޓޯ/ޕިންކްވިލާ

މިކަމާ ގުޅޭގޮތުން މައުލޫމާތު ދިން ފަރާތަކުން މީޑިއާގައި ހާމަކުރި ގޮތުގައި، ރާޖޭޝް ކަންނާ އާއި އާރްޑީ ބަރްމަންގެ މެދުގައި އޮތް ގާތް ގުޅުން ފިލްމުން ދައްކުވައިދިނުމަށް އަކްޝޭ ކުމާރަކީ އެންމެ އެކަށީގެންވާ ފަންނާނެވެ. އެއީ އަކްޝޭ އަކީ ރާޖޭޝް ކަންނާގެ އާއިލީ މެންބަރަކަށް ވުމުގެ އިތުރުން ރާޖޭޝް ކަންނާއާ ބެހޭ އެހެންމީހުންނަށް ނޭނގޭ ގިނަ މައުލޫމާތުތަކެއް އަކްޝޭއަށް އެނގުމުގެ ފުރުސަތު ބޮޑުކަމަށްވާތީ ކަމަށް އެ ފަރާތުން ހާމަކޮށްފައިވެއެވެ.

އަކްޝޭ އަކީ ރާޖޭޝް ކަންނާގެ ބޮޑު ސަޕޯޓަރަކަށް ވުމުގެ އިތުރުން، އެ ރޯލު ކުޅުމަށް އޭނާ ވަރަށް ބޮޑަށް ޝައުގުވެރިވާ ކަމަށްވެސް އެ ފަރާތުން ބުނެފައިވެއެވެ. މި ފިލްމުގެ މަސައްކަތަށް އަކްޝޭ ވަނީ 10 ދުވަސް ހުސްކޮށްދީފައެވެ. ފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ އޮކްޓޯބަރު މަހުގައެވެ.

އެކްސެލް އެންޓަޓައިންމަންޓުން ޕްރޮޑިއުސްކޮށް، ނީރަޖް ޕާންޑޭ ޑައިރެކްޓްކުރާ މި ފިލްމުގައި އޭރުގެ މަޝްހޫރު އެހެން ފަންނާނުންގެ ރޯލުތަކަށްވެސް ގިނަ ތަރިންތަކެއް ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ރާޖޭޝް ކަންނާ އަކީ އަކްޝޭގެ އަންހެނުން ޓްވިންކަލް ކަންނާގެ ބައްޕައެވެ. ކެރިއަރުގައި ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ އެކްޓަރު ވަނީ 2012ގައި މަރުވެފައެވެ.

comment ކޮމެންޓް