ރާޖްގެ ފިލްމު 'ޕްރަހާރް' ރިލީޒްކުރުން ފަސްކޮށްފި

ފިލްމު "ޕްރަހާރް: ދަ އުޖްވަލް ނިކަމް ސްޓޯރީ"ގެ ޕޯސްޓަރެއް--ފޮޓޯ/ޓެލެގްރާފްއިންޑިއާ

އިންޑިއާގެ މަޝްހޫރު ޕަބްލިކް ޕްރޮސެކިއުޓަރު އުޖްވަލް ނިކަމްގެ ހަޔާތުގެ މައްޗަށް އުފައްދާ ބަޔޮގްރަފިކަލް ފިލްމު "ޕްރަހާރް: ދަ އުޖްވަލް ނިކަމް ސްޓޯރީ" ރިލީޒްކުރުން މި އަހަރުގެ އޮކްޓޫބަރު މަހަށް ފަސްކޮށްފިއެވެ.

އަވިނާޝް އަރުން ޑައިރެކްޓްކުރާ މި ފިލްމުގައި ޕްރޮސެކިއުޓަރު އުޖްވަލް ނިކަމްގެ ރޯލް ކުޅޭނީ ކުޅަދާނަ އެކްޓަރު ރާޖްކުމާރު ރާއޯއެވެ. ކުރިން މި ފިލްމު ރިލީޒްކުރަން ތާވަލުކޮށްފައި އޮތީ މި އޮގަސްޓް މަހުގެ ހަތް ވަނަ ދުވަހަށެވެ. ފިލްމު "ޕްރަހާރް" ގެނެސްދޭ މެޑޮކް ފިލްމްސްއިން މިކަމާ ގުޅޭގޮތުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އިންސާފަށް ލޯބިކުރާ ފަރާތްތަކުން މި އަހަރުގެ އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހަށް އިންތިޒާރު ކުރުމަށެވެ.

ފިލްމު "ޕްރަހާރް" ސިނަމާތަކަށް އަންނަ ދުވަސްވަރަކީ ދެކުނު އިންޑިއާގެ ލެޖެންޑް ރަޖްނީކާންތުގެ "ޖެއިލާ 2"ގެ އިތުރުން "ބޮހުރުޕީ 2"، "ޑީއެސްޔޫ 7"، "އެމްޕަރާ ވާސަސް ސަރަތު ޗަންދުރަ" އަދި "ދަ އޭކަން: ކެރެލާ-އޭ ކުރުކްޝޭތުރާ" ފަދަ ގިނަ ފިލްމުތަކެއް ރިލީޒްކުރާ ދުވަސްވަރެއް ކަމުން، ބޮކްސް އޮފީހުގައި ބޮޑު ވާދަވެރިކަމެއް ފެނިގެންދާނެ ދުވަސްވަރެކެވެ.

ފިލްމު "ޕްރަހާރް: ދަ އުޖްވަލް ނިކަމް ސްޓޯރީ"ގެ ލީޑް އެކްޓަރު ރާޖްކުމާރު ރާއޯ--ފޮޓޯ/ޕިންކްވިލާ

އަވިނާޝް އަރުން ޑައިރެކްޓްކުރާ މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ވަމީގާ ގައްބީ، ޖައިދީޕް އަހްލާވަތު، ސިކަންދަރު ކޭރް، އާޝިޝް ވިދްޔާތީ، ލަލިތު ޕްރަބާކަރް އަދި ރިތުވިކް ސަހޯރޭ ހިމެނެއެވެ.

އައިއެމްޑީބީގައިވާ މި ފިލްމުގެ ހުލާސާގައި ބުނެފައިވާ ގޮތުން، މިއީ އިންޑިއާގެ ތާރީހުގައި ހިނގާފައިވާ ބޮޑެތި ޖިނާއީ މައްސަލަތަކުގެ ތެރެއިން 1993ގެ ބޮމްބޭ ބްލާސްޓްސް އާއި 2008ގެ މުމްބާއީ ރޭލު ޓެރަރިސްޓް ހަމަލާތަކާ ގުޅޭ ގާނޫނީ ހަނގުރާމައިގައި އުޖްވަލް ނިކަމް އަދާކުރެއްވި މުހިންމު ދައުރު ދައްކުވައިދޭ ފިލްމެކެވެ.

comment ކޮމެންޓް