'މިރްޒާޕޫރު' އުފައްދަން ނިންމީ ސަޕޯޓަރުންގެ ޑިމާންޑާ ހެދި: ފަރުހާން

އެމެޒޯން ޕްރައިމް ވީޑިއޯގެ މަޝްހޫރު ސީރީޒް "މިރްޒާޕޫރު" ފިލްމެއްގެ ގޮތުގައި އުފައްދަން ނިންމީ ބެލުންތެރިން އެ ސީރީޒަށް ދިން ލޯތްބާއި، އެއަށް އޮތް ބޮޑު ތަރުހީބެއްގެ ސަބަބުން ކަމަށް ފިލްމު ޑައިރެކްޓަރު އަދި އެކްޓަރު ފަރުހާން އަޚްތަރު ހާމަކޮށްފިއެވެ.

މި ފިލްމުގެ ޓްރެއިލާ ލޯންޗު ކުރުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަމުން ފަރުހާން ބުނީ، "މިރްޒާޕޫރު" ސީރީޒް އެންމެ ފުރަތަމަ ނެރުނު ދުވަހުން ފެށިގެން ބެލުންތެރިން އައީ އެ މަސައްކަތަށް އެއްބާރުލުން ދެމުން ކަމަށެވެ.

ފަރުހާން އިތުރަށް ފާހަގަކުރި ގޮތުގައި، ބޭރުތެރެއިން ސަޕޯޓަރުންނާ ބައްދަލުވާ ކޮންމެ ފަހަރަކު ވެސް "މިރްޒާޕޫރް"ގެ އާ ބައެއް އުފައްދާނެ ދުވަހަކާ ގުޅޭގޮތުން ސުވާލު ކުރިމަތިވާ ކަމަށެވެ.

"މިރްޒާޕޫރު: ދަ މޫވީ"ގެ ޓްރެއިލާ ލޯންޗުކުރި ހަފްލާގައި ފިލްމުގެ ކާސްޓުން--ފޮޓޯ/އިންޑިއާފޯރަމް

އެ ފިލްމު އިއުލާނުކުރި ދުވަހުން ފެށިގެން ފިލްމު ރިލީޒްކުރާނެ ތާރީހަކާއި ފިލްމުގެ ކާސްޓާ ބެހޭ މައުލޫމާތަކީ ސަޕޯޓަރުން ވަރަށް ޝައުގުވެރިކަމާ އެކު އޭނާއާ ކުރާ ސުވާލުތަކެއް ކަމަށް ކުޅަދާނަ ފިލްމު ޑައިރެކްޓަރު ބުނެފައިވެއެވެ.

"މިރްޒާޕޫރު: ދަ މޫވީ" ޑައިރެކްޓްކުރަނީ ކުރިންވެސް މި ސީރީޒް ޑައިރެކްޓްކުރި ގުރްމީތު ސިންގްއެވެ. މި ފިލްމު ގެނެސްދެނީ ފަރުހާންގެ އަމިއްލަ ޕްރޮޑަކްޝަން ކުންފުނި އެކްސެލް އެންޓަޓެއިންމަންޓް އާއި އެމެޒޯން އެމްޖީއެމް ސްޓޫޑިއޯ ބެނާގެ ދަށުންނެވެ.

އުއްތަރު ޕްރަދޭޝްގެ މާހައުލަށް ބިނާކޮށް އުފައްދާފައިވާ މި ފިލްމުގެ ވާހަކަ އެނބުރެނީ، ގާނޫނެއް ހިންގުމެއް ނެތް ސިޓީއެއްގެ މައްޗަށް ބާރު ފޯރުވާ ނުލަފާ މާފިއާ ޑޯން، އަކަންދަނަންދު "ކަލީން" ތުރިޕާތީގެ ވަށައިގެންނެވެ.

މި ފިލްމުގެ ލީޑް ރޯލްއިން އެކްޓަރު އަލީ ފަޒަލް 'ގުއްޑޫ ޕަންޑިތު'ގެ ރޯލުން ފެނިގެންދާއިރު، ދިވްޔެންދޫ 'މުންނާ'ގެ ރޯލުން، ޝްވެތާ ތުރިޕާތީ 'ގަޖަގާމިނީ'ގެ ރޯލުން އަދި ޕަންކަޖް ތުރިޕާތީ 'ކަލީން ބައްޔާ'ގެ ރޯލުން ފެންނާނެއެވެ. މީގެ އިތުރުން މި ފިލްމުގެ މުހިއްމު ރޯލަކުން ތަޖުރިބާކާރު އެކްޓަރު ރަވީ ކިޝަން ވެސް ފެންނާނެއެވެ.

"މިރްޒާޕޫރު: ދަ މޫވީ" ސިނަމާތަކުގައި ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުއެވެ.

comment ކޮމެންޓް