މާލެ ސިޓީ ކައުންސިލުން 2020ގައި ވަކި ފަރާތްތަކަށް ފައިދާވާހެން ގުޅުންހުރި ވިޔަފާރިތަކުން ކޯޓޭޝަން ހޯދާފައިވާ ކަމަށް އެ ކައުންސިލުގެ އޮޑިޓަކުން ހާމަވެއްޖެއެވެ.
މި އަހަރު އަލަށް އިންތިޚާބުވި މާލެ ސިޓީ ކައުންސިލުން ވަނީ، 2020ގައި އެ ކައުންސިލުގެ ކަންކަން ހުރި ގޮތް ބެލުމަށް އިންޓާނަލް އޮޑިޓެއް ކޮށްފައެވެ.
އެ އޮޑިޓުގައި ފާހަގަކުރި ގޮތުގައި، އެ އަހަރު ސާމްޕަލްގެ ގޮތުގައި ނެގި 35،000 ރުފިޔާއިން ދަށުގެ 46 ޕޭމަންޓު ވައުޗާގެ ތެރެއިން 27 ވައުޗާއަށް ކޯޓޭޝަން ހޯދާފައި އޮތީ، ގުޅުންހުރި ވިޔަފާރިތަކުންނެވެ. އެއީ، އެއް ކުންފުންޏެއްގެ ދެ ފިހާރަ ނުވަތަ ކުންފުނިތަކުގެ ހިއްސާދާރުންގެ ވަކި ވަކި ވިޔަފާރިތައް ކަމަށް އޮޑިޓުގައި ވަނީ ބުނެފައެވެ.
މީގެއިތުރުން، ގުޅުންހުރި ވިޔަފާރިތަކުން ކޯޓޭޝަން ހޯދި 27 ވައުޗަރުގައި ހިމެނޭ ޚިދުމަތްތަކުގެ އަގަކީ 732،043.86 ރުފިޔާކަން އޮޑިޓުން އެނގެއެވެ.
ޝިފާ މޭޔަރުކަން ކުރެއްވި ދުވަސްވަރު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް
އެ އޮޑިޓުގައި ބުނި ގޮތުގައި، ގުޅުންހުރި ވިޔަފާރިތަކުން ކޯޓޭޝަން ހޯދުމުން، ޕްރޮކިއުމަންޓުގެ ވާދަވެރިކަން ކުޑަވުމާއި އިގުތިޞާދީ ގޮތުން ފައިދާ ހުރި އެކަށީގެންވާ އަގުގައި ތަކެތި ނުވަތަ ޚިދުމަތް ނުލިބެއެވެ. އަދި، ވަކި މީހުންނަށް ނާޖާއިޒު މަންފާ ލިބުމުގެ ފުރުސަތު އިތުރުވާ ކަމަށް ބުނެފައިވެއެވެ.
އެހެންވެ، ދައުލަތުގެ މާލިއްޔަތު ގަވައިދާ އެއްގޮތަށް ދައުލަތަށް އެންމެ ފައިދާހުރި ގޮތަށް، ޒިންމާދާރު ގޮތެއްގައި ހުރިހާ އެންމެންގެ މަސްލަހަތަށް ބަލައިގެންނާއި ވާދަވެރި މާހައުލެއްގައި ތަކެތި ގަތުމާއި ޚިދުމަތް ހޯދުމުގެ ކަންކަން ކުރިއަށް ގެންދަން އޮޑިޓުގައި ވަނީ ލަފާދީފައެވެ.
ދެހާސް ވިހީގެ މާލެ ސިޓީ ކައުންސިލުގެ މައްސަލައެއް ފާހަގަވިއިރު، އެ ދުވަސްވަރު މާލޭގެ މޭޔަރަކަށް ހުންނެވީ، ޝިފާ މުޙައްމަދެވެ. އޭނާގެ މައްޗަށް މީގެކުރިން ކޮރަޕްޝަނުގެ ތުހުމަތެއް ވެސް ކުރެވުނެވެ.
މިގޮތުން، ލޮނުޒިޔާރަތްކޮޅު އަޑިޕާކުގައި މާލޭ ސިޓީ ކައުންސިލުން ޕާކު ހެދުމުގައި ކޮރަޕްޝަނަށް ތުހުމަތުވާ ގޮތަށް ކަންތައް ކޮށްފައިވާތީ އޭސީސީ ޝިފާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ސެޕްޓެމްބަރު 29، 2020ގައި ފޮނުވިއެވެ.
ތަހުގީގުގައި އިތުރަށް ފުރިހަމަ ކުރަން ޖެހޭ ކަންކަން ހުރި ކަމަށް ބުނެ، އޭގެ މަސް ދުވަސް ފަހުން އެ މައްސަލަ ޕީޖީން އޭރު ވަނީ އަނބުރާ އޭސީސީއަށް ފޮނުވާފައެވެ.