ހިމަބިއްސަކީ މިއަދު ރާއްޖޭގައި އާދަޔާ ޚިލާފަށް ފެތުރެމުންދާ ނޫނީ ބަލި ކޮންޓްރޯލް ނުކުރެވިގެން އުޅޭ ބައްޔެއް ނޫން ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ މިއަދު ވިދާޅުވެއްޖެއެވެ.
ރާއްޖެއިން ނައްތާލާފައިވާ ބައްޔެއް ކަމަށްވާ މި ބަލި މިއަހަރު މިވަނީ ރާއްޖޭގައި ފެތުރެން ފަށައިފައެވެ. ހިމަބިހީގެ އެންމެ ފަހުގެ އަދާހަމަ ރިޕޯޓުން ދައްކާ ގޮތުގައި ވޭތުވެދިޔަ ހަފުތާގައި ހިމަބިހީގެ 55 ކޭސް ވަނީ މާލެ ސަރަހައްދުން ފެނިފައެވެ. އެހެންކަމުން އަހަރުގެ މިހާތަނަށް ހިމަބިހި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު އުޅެނީ 121 ގައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވައި މިނިސްޓަރު ގީލާ ވިދާޅުވީ، ހިމަބިހި ކޮންމެވެސް ވަރަކަށް ރާއްޖޭގައި ފެންނަމުން ދާއިރު މިއަހަރުގެ މިހާތަނަށް އާބާދީގެ ތެރެއިން ހިމަބިހީގެ ކޭސްތައް ފެނުނީ މާލެ ސަރަހައްދުން ކަމަށެވެ. އަދި 100 އެއްހާ މީހުން ހިމަބިއްސަށް ފައްސިވެފައިވާ ކަމަށް ގީލާ ވިދާޅުވިއެވެ.
ގީލާ ވިދާޅުވި ގޮތުގައި މި ބައްޔަކީ ކޮންޓްރޯލް ނުކުރެވިގެން އުޅޭ ބައްޔެއް ނޫނެވެ. އަދި އެ ބައްޔަކީ ކުރު މުއްދަތެއްގެ ތެރޭގައި ގައިން ގަޔަށް އަރާ ބައްޔަކަށް ވެފައި، ބަލި ފަސޭހަވާން ނަގާ މުއްދަތު ވެސް ކުރުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ހިމަބިއްސަކީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ގައިން ގަޔަށް އަރާ ބައްޔަކަށް ވާތީ، އެ ބަލި ފަސޭހަވާން ނަގާ މުއްދަތު ވެސް ވަރަށް ކުރުވާނެ. އެހެންވީމަ މި ބައްޔަކީ މިއަދު އަޅުގަނޑުމެންނަށް އާދަޔާ ޚިލާފަށް ފެތުރެމުންދާ ނޫނީ ބަލި ކޮންޓްރޯލް ނުކުރެވިގެން އުޅޭ ބައްޔެއް ނޫން،
ގީލާ ވިދާޅުވީ ކޮންމެ ބައްޔަކީ ވެސް އެ ބައްޔަކުން ރައްކާތެރިވުމަށް ފިޔަވަޅުތައް އަޅައި، އަދި އެ ބައްޔެއް ކޮންޓްރޯލްކުރުމަށްޓަކައި މަސައްކަތްތަކެއް ކުރެވެމުން ދާނެ ބައްޔެއް ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި ސަރަހައްދުގައި ހިމަބިހި އެންމެ ގަދަޔައަށް ފެތުރޭ ގައުމުތަކުގެ ތެރޭގައި ރާޢްޖެ މިހާރު ވަނީ ހިމެނިފައެވެ.
ކުރިން ރާއްޖޭން ނައްތާލާފައިވާ ހިމަބިހީގެ ކޭސްތައް އަލުން ފެންނަން ފެށީ، މިދިޔަ މެއި މަހުގެ މެދު ތެރޭގައެވެ. އޭރުއްސުރެ މި ބަލި އަންނަނީ ރާއްޖޭގައި ފެތުރެމުންނެވެ.
ރާއްޖޭގައި ހިމަބިހި ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން، އިންޑިއާ ސަރުކާރުން ވަނީ 20,000 ޑޯޒްގެ ހިމަބިހި ވެކްސިނާއި ތިން ޓަނުގެ ސިއްހީ ސާމާނު ރާއްޖެއަށް ހަދިޔާކޮށްފައެވެ. މި ތަކެތި ރާއްޖެއާ ހަވާލުކޮށްފައި ވަނީ މިދިޔަ މަހުގެ 18 ގައެވެ.
ހިމަބިއްސަށް ޖަހާ އެމްއާރު ވެކްސިން ރާއްޖެއަށް ތައާރަފުކުރީ 1983 ވަނަ އަހަރެވެ. އެއަށްފަހު 2017ވަނަ އަހަރު ރާއްޖެއަކީ ހިމަބިހި ނައްތައިލެވިފައިވާ ގައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައެޅިއެވެ. އެކަމަކު، އޭގެ ފަހުން ވެސް އެ ބަލި ރާއްޖޭން ފެނިފައިވެއެވެ.
އެޗްޕީއޭއިން ވަނީ މިހާތަނަށް 5،495 ފަރާތަކަށް ވެކްސިން ދީފައިވާކަން ވެސް ފާހަގަކޮށްފައެވެ.
އެޗްޕީއޭއިން ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާކަން ޔަގީންނުވާ ފަރާތްތަކަށް، ކަނޑައެޅިފައިވާ ވެކިންދޭ މަރުކަޒުތަކަށް ޒިޔާރަތްކޮށް ވެކްސިން ފުރިހަމަ ކުރުމަށް އިރުޝާދު ދީފައެވެ. އަދި ބަލި ޖެހިފައިވާ މީހަކާ ކޮންޓެކްޓްވިކަން އެނގޭ ފަރާތްތަކަށް، ހުޅުމާލެ ހޮސްޕިޓަލް ނުވަތަ އާބްނަ ޕްރައިމެރީ ހެލްތް ކެއާ ސެންޓަރުން ކޮންޓެކްޓަރުންނަށް ވެކްސިން ޖަހަން ކަނޑައަޅާފައިވާ ވަގުތުގައި ވެކްސިން ޖެހޭނެ ކަމަށް އެ އެޖެންސީއިން ވަނީ ބުނެފައެވެ.