ހިމަބިހީގެ ކޭސްތައް ކޮންޓްރޯލްނުވެ އިތުރުވަނީ؛ ފައްސިވީ މީހުންގަ އަދަދު 120 އިން މައްޗަށް

ހިމަބިހި ޖެހުމުން ގައިގައި ނަގާ ރަތް ބިހިތައް: ހިމަބިހީގެ ކޭސްތައް ކޮންޓްރޯލްނުވެ އިތުރުވަނީ؛ ފައްސިވީ މީހުންގަ އަދަދު 120 އިން މައްޗަށް -- ފޮޓޯ/ ހެލްތުލައިން

މި އަހަރުގެ މިހާތަނަށް ހިމަބިހި ނުވަތަ މީސްލްސްގެ 121 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން މިއަދު އާންމުކޮށްފައިވާ ހިމަބިހީގެ އެންމެ ފަހުގެ އަދާހަމަ ރިޕޯޓުން ދައްކާގޮތުގައި ވޭތުވެދިޔަ ހަފްތާގައި ހިމަބިހީގެ 55 ކޭސް ވަނީ މާލެ ސަރަހައްދުން ފެނިފައެވެ. އެހެންކަމުން އަހަރުގެ މިހާތަނަށް ހިމަބިހި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު އުޅެނީ 121 ގައި ކަމަށް ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެޗްޕީއޭއިން ވަނީ މިހާތަނަށް 5،495 ފަރާތަކަށް ވެކްސިން ދީފައިވާކަން ވެސް ފާހަގަކޮށްފައެވެ.

އެޗްޕީއޭއިން ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާކަން ޔަގީންނުވާ ފަރާތްތަކަށް، ކަނޑައެޅިފައިވާ ވެކިންދޭ މަރުކަޒުތަކަށް ޒިޔާރަތްކޮށް ވެކްސިން ފުރިހަމަ ކުރުމަށް އިރުޝާދު ދީފައެވެ. އަދި ބަލި ޖެހިފައިވާ މީހަކާ ކޮންޓެކްޓްވިކަން އެނގޭ ފަރާތްތަކަށް، ހުޅުމާލެ ހޮސްޕިޓަލް ނުވަތަ އާބްނަ ޕްރައިމެރީ ހެލްތް ކެއާ ސެންޓަރުން ކޮންޓެކްޓަރުންނަށް ވެކްސިން ޖަހަން ކަނޑައަޅާފައިވާ ވަގުތުގައި ވެކްސިން ޖެހޭނެ ކަމަށް އެ އެޖެންސީއިން ވަނީ ބުނެފައެވެ.

ހަމައެއާއެކު. އެޗްޕީއޭއިން ވަނީ މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކާއި އަތޮޅުތަކާއި ރައްތަކުގެ ސިއްހީ މަރުކަޒުތަކުން ކަނޑައެޅިފައިވާ ވަގުތުތަކެއްގައި ވެކްސިން ދިނުމުގެ ޚިދުމަތް ލިބޭނެ ކަމަށް ބުނެފައެވެ.

މާލެ ސަރަހައްދުގައި ހިމަބިހި ވެކްސިންގެ ޚިދުމަތް ލިބޭ މަރުކަޒުތައް:

  • ޔޫޕީއެޗްސީސީ: ހެނދުނު 8:30އިން މެންދުރު 12 ޖަހަންދެން
  • ހުޅުމާލޭ ހޮސްޕިޓަލް: ހެނދުނު ނުވަޔަކުން 11 ޖަހަންދެން، އަދި މެންދުރު އެކަކުން ފެށިގެން ތިނެއް ޖަހަންދެން
  • ސެނަހިޔާ ހޮސްޕިޓަލް: ހެނދުނު 10އިން ފެށިގެން ހަވީރު ހަތަރެއް ޖަހަންދެން
  • ވިލިމާލޭ ހޮސްޕިޓަލް: މެންދުރު 1:30އިން 3:30އަށް

ހިމަބިހި ޖެހިފައިވާ ފަރާތްތަކާއި ކޮންޓެކްޓް ވެފައިވާ ފަރާތްތަކަށް ވެކްސިންގެ ޚިދުމަތް ލިބޭ މަރުކަޒުތައް:

  • ޔޫޕީއެޗްސީސީ: މެންދުރު 14:00 އިން 15:30 އަށް
  • ހުޅުމާލެ ހޮސްޕިޓަލް: ހަވީރު 15:00 އިން 16:00

ފާހަގަކޮށްލެވޭ ގޮތުގައި މި ސަރަހައްދުގައި އެ ބަލި އެންމެ ގަދަޔައަށް ފެތުރޭ ގައުމުތަކުގެ ތެރޭގައި ރާޢްޖެ މިހާރު ވަނީ ހިމެނިފައެވެ.

https://sun.mv/224226

ކުރިން ރާއްޖޭން ނައްތާލާފައިވާ ހިމަބިހީގެ ކޭސްތައް އަލުން ފެންނަން ފެށީ، މިދިޔަ މެއި މަހުގެ މެދު ތެރޭގައެވެ. އޭރުއްސުރެ، މި ބަލި އަންނަނީ ރާއްޖޭގައި ފެތުރެމުންނެވެ.

ރާއްޖޭގައި ހިމަބިހި ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން، އިންޑިއާ ސަރުކާރުން ވަނީ 20,000 ޑޯޒްގެ ހިމަބިހި ވެކްސިނާއި ތިން ޓަނުގެ ސިއްހީ ސާމާނު ރާއްޖެއަށް ހަދިޔާކޮށްފައެވެ. މި ތަކެތި ރާއްޖެއާ ހަވާލުކޮށްފައި ވަނީ މިދިޔަ މަހުގެ 18 ގައެވެ.

ހިމަބިއްސަށް ޖަހާ އެމްއާރު ވެކްސިން ރާއްޖެއަށް ތައާރަފުކުރީ 1983 ވަނަ އަހަރެވެ. އެއަށްފަހު 2017ވަނަ އަހަރު ރާއްޖެއަކީ ހިމަބިހި ނައްތައިލެވިފައިވާ ގައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައެޅިއެވެ. އެކަމަކު، އޭގެ ފަހުން ވެސް އެ ބަލި ރާއްޖޭން ފެނިފައިވެއެވެ.

comment ކޮމެންޓް