ހިމަބިއްސަށް ޕޮޒިޓިވް މީހުންގެ އަދަދު 72އަށް އަރައި، މި ސަރަހައްދުގައި އެ ބަލި އެންމެ ގަދަޔައަށް ފެތުރޭ ގައުމުތަކުގެ ތެރޭގައި ރާޢްޖެ ހިމެނިއްޖެއެވެ.
ކުރިން ރާއްޖޭން ނައްތާލާފައިވާ ހިމަބިހީގެ ކޭސްތައް އަލުން ފެންނަން ފެށީ، މިދިޔަ މެއި މަހުގެ މެދު ތެރޭގައެވެ. އޭރުއްސުރެ، މި ބަލި އަންނަނީ ރާއްޖޭގައި ފެތުރެމުންނެވެ.
ކުޑަކުދިންގެ ޚާއްސަ ޑރ. އަހުމަދު ފައިސަލް އިއްޔެ ވަނީ، މި ބައްޔާ ގުޅޭ އިތުރު ތަފުސީލުތަކެއް އިއްޔެ ހާމަކުރައްވާފައެވެ.
އެގޮތުން، މިހާތަނަށް މި ބައްޔަށް 72 މީހުން ޕޮޒިޓިވް ވެފައިވާ ކަމަށާއި އޭގެތެރޭގައި ހަތަރު ކުޑަކުދިން ހިމެނޭ ކަމަށް ފައިސަލް ވިދާޅުވިއެވެ. ބާކީ ތިބި އެންމެންނަކީ، ވެސް 15 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންކަން އޭނާ ފާހަގަކުރެއްވިއެވެ.
ދެހާސް ބާވީސް ވަނަ އަހަރު ހިމަބިހި ޖެހުނު މީހުންގެ ތަފާސްހިސާބުތަކާ ހަވާލާދެއްވައި، ފައިސަލް ވިދާޅުވި ގޮތުގައި، ބަލި ގިނައިން ޖެހުނީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ނުކުރާ މީހުންނަށެވެ. އެހެންވެ، ފައިސަލް ވަނީ، ހިމަބިހިން ރައްކާތެރިވުމަށް އަވަހަށް ވެކްސިންތައް ފުރިހަމަ ކުރުމަށް އިރުޝާދު ދެއްވާފައެވެ.
މީގެއިތުރުން، މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ހިމަބިހި ގަދަޔަށް ފެތުރޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނިފައިވާކަން ވެސް އޭނާ ވަނީ ހާމަކުރައްވާފައެވެ.
އޭނާ ވިދާޅުވި ގޮތުގައި، މި ސަރަހައްދުގައި އެންމެ ގަދަޔަށް ހިމަބިހި ފެތުރެނީ އިންޑިއާއާއި ބަންގްލަދޭޝްގެ އިތުރުން ސްރީލަންކާއާއި ބުރުމާއާއި ނޭޕާލުގައެވެ. އެހެންވެ، އެ ގައުމުތަކުން އަންނަ މަސައްކަތު މީހުންނަށް ވިސާ ދިނުމުގެ ކުރިން ހިމަބިހީގެ ވެކްސިން ފުރިހަމަކުރިތޯއާއި، ރާއްޖެ އަންނަ ފަތުރުވެރިންގެ ކިބައިން ފެންނަ އަލާމާތްތަކަށް ސަމާލުވުމަށް ފައިޞަލް ވަނީ ގޮވައިލައްވައިފައެވެ.
މިދިޔަ ޖޫން މަހުގެ 30ވަނަ ދުވަހު އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން، 569 މީހެއް ހިމަބިއްސަށް ޓެސްޓުކުރެވިފައިވެއެވެ. އެ ދުވަހުގެ ނިޔަލަށް ހިމަބިއްސަށް ފައްސިވީ ކަމަށް ދެއްކީ 66 މީހުންނެވެ. އޭގެތެރެއިން މިހާތަނަށް އަދިވެސް ފަރުވާ ދެމުން އަންނަނީ 13 މީހުންނަށް ކަމަށް އެ ހިސާބުތަކުގައިވެއެވެ.
އޭގެ އިތުރުން، ވެކްސިން ދިނުމުގެ ކެމްޕެއިނަށް ބަލާއިރު، ބަލި ޖެހުނު މީހުންނާ ދިމާވި މީހުންގެ ތެރެއިން ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުކުރާ 2,048 މީހަކަށް އެހާތަނަށް ވަނީ ވެކްސިން ދީފައެވެ. މީގެ އިތުރުން، ފްރަންޓްލައިންގައި މަސައްކަތްކުރާ 1,118 ސިއްހީ ޚިދުމަތްތެރިއަކަށް ވެސް ވަނީ ހިމަބިހި ވެކްސިން ދީފައެވެ.
ރާއްޖޭގައި ހިމަބިހި ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން، އިންޑިއާ ސަރުކާރުން ވަނީ 20,000 ޑޯޒްގެ ހިމަބިހި ވެކްސިނާއި ތިން ޓަނުގެ ސިއްހީ ސާމާނު ރާއްޖެއަށް ހަދިޔާކޮށްފައެވެ. މި ތަކެތި ރާއްޖެއާ ހަވާލުކޮށްފައިވަނީ މިދިޔަ މިމަހުގެ 18ގައެވެ.
ހިމަބިއްސަށް ޖަހާ އެމްއާރު ވެކްސިން ރާއްޖެއަށް ތައާރަފުކުރީ 1983 ވަނަ އަހަރެވެ. އެއަށްފަހު 2017ވަނަ އަހަރު ރާއްޖެއަކީ ހިމަބިހި ނައްތައިލެވިފައިވާ ގައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައެޅިއެވެ. އެކަމަކު، އޭގެ ފަހުން ވެސް އެ ބަލި ރާއްޖޭން ފެނިފައިވެއެވެ.