ސްކޫލް ނާސްތާ ޕްރޮގްރާމް މިހާރު ވެސް 400އަށްވުރެ ގިނަ ދަރިވަރުންނަށް އެބަ ފޯރުކޮށްދެން: މިނިސްޓަރު

ތ. ބުރުނީ ސްކޫލްގައި ދަރިވަރުން ނާސްތާ ނަގަނީ-- ފޮޓޯ: ބުރުނީ ސްކޫލް

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ފެށި "ނާސްތާ" ޕްރޮގްރާމް މިހާރު ވެސް ކުރިއަށްދާ ކަމަށާއި އެގޮތުން މިހާރު ވެސް 400އަށްވުރެ ގިނަ ދަރިވަރުންނަށް ނާސްތާ ދެމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެއްޖެއެވެ.

ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމަކީ ޞާލިޙްގެ ރިޔާސީ ވައުދުފުޅެކެވެ. އެ ވައުދު ފުއްދުމަށްޓަކައި، ސްކޫލުތަކުގައި ހެނދުނު ދަންފަޅީގައި ކިޔަވާ ހުރިހާ ކުދިންނަށް ނާސްތާ ދޭން ފެށީ ޖޫން 11، 2019 ގައެވެ. ނަމަވެސް، ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ސްކޫލުތައް ބަންދުކުރުމުން އެ ޕްރޮގްރާމް ވަނީ މެދުކަނޑާލާފައެވެ.

https://sun.mv/224328

ނާސްތާ ޕްރޮގްރާމް މެދުކަނޑާލި ސަބަބާ ގުޅޭގޮތުން އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު މިއަދު ވަނީ މަޖިލީހުގައި މިނިސްޓަރާ ސުވާލުކުރައްވައިފައެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝަފީއު ވިދާޅުވީ، 2021 ވަނަ އަހަރު މެދުކަނޑާލި އެ ޕްރޮގްރާމް އަލުން ފެށިއިރު، އެމްޑީޕީގެ ސަރުކާރުން ނިންމީ ހުރިހާ ކުދިންނަށް ނާސްތާ ދިނުމުގެ ބަދަލުގައި ހަމައެކަނި އެންމެ ބޭނުންވާ ކުދިން ދެނެގަނެ، އެ ކުދިންނަށް ނާސްތާ ދޭ ގޮތަށް ކަމަށެވެ.

"ގާނޫނު ލިޔުނުއިރު ގާނޫނުގައި އެބަ އޮތް ބުނެފައި، އެމްޑީޕީގެ އޭރުގެ ވައުދެއް އެއީ ކޮންމެ ކުއްޖަކަށް ހެނދުނުގެ ނާސްތާ ދޭން ވާނޭ. ހަމަ އެމްޑީޕީ ސަރުކާރުގައި އެޑިޔުކޭޝަން މިނިސްޓްރީން ނިންމީ ދެން ހުރިހާ ކުދިންނަކަށް ނުދޭނަމޭ، ބޭނުންވާ ކުދިންނަށޭ ދޭނީ،" މިނިސްޓަރު ވިދާޅުވިއެވެ.

ޝަފީއު ވިދާޅުވީ، މިހާރު ވެސް ކޮންމެ އަހަރަކު ދެރަ ނިކަމެތި ކުދިން ދެނެގަނެ، އެ ކުދިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ. އަދި މިހާރު ނާސްތާ ދޭ ދަރިވަރުންގެ އަދަދު 400 އަށްވުރެ އިތުރުވާނެ ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ނާސްތާ ދިނުމަކީ އެހެން ގައުމުތަކުގައި ވެސް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށާއި، ނަމަވެސް ރާއްޖޭގައި އެފަދަ ޕްރޮގްރާމެއް ހިންގަން ޖެހޭނީ ރާއްޖޭގެ ހާލަތާ ގުޅޭ ގޮތަކަށް ބަލާފައިކަމަށެވެ.

"އަޅުގަނޑުމެން ވެސް މިހާރު ވެސް މި ދަނީ ކޮންމެ އަހަރެއް ފެއްޓޭއިރު ދެރަ ނިކަމެތި ކުދިން ދެނެގަނެ، އެ ރަށެއްގެ މަސްލަހަތުވެރިންނާ ވާހަކަ ދައްކައިގެން އެ ކުދިންނަށް ބޭނުންވާ ސަޕޯޓު ދެމުން،" މިނިސްޓަރު ވިދާޅުވިއެވެ.

https://sun.mv/224324

އެމްޑީޕީ ސަރުކާރުގައި ނާސްތާ ޕްރޮގްރާމް ފަށައިގަތްއިރު އެކަމަށް ގިނަ އަދަދެއްގެ ފައިސާ ޚަރަދު ކުރިއިރު، ބައެއް ފަރާތްތަކުން އޭރު ތުހުމަތު ކުރި ގޮތުގައި ވިޔަފާރި އުސޫލުން އެ މަސައްކަތް ކުރަން ގިނަ ރަށްރަށުގައި ހަވާލުކޮށްފައިވަނީ އެ ރަށްރަށުގެ އެމްޑީޕީ އެކްޓިވިސްޓުންގެ ކުންފުނިތަކަށެވެ.

comment ކޮމެންޓް