ވިޔަފާރި ބަނދަރުތައް ބަލަހައްޓާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން އަލަށް އަމަލުކުރަން ފެށި ކިޔޫ އުސޫލުގެ ސަބަބުން ރަށްރަށަށް މުދާ އުފުލާ ބޯޓުފަހަރަށް ދަތިވުމުގެ ކަންބޮޑުވުން ފާޅުކޮށް، އެމްޕީއެލްގެ އިސްވެރިން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމަށް ހުށަހަޅައިފިއެވެ.
ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله އަށް ފޮނުއްވި ސިޓީއެއްގައިވަނީ، މާލޭގެ އުތުރު ބަނދަރު ނުވަތަ ނޯތު ހާބަރު ބޭނުންކުރުމުގައި އެމްޕީއެލުން އަލަށް އަމަލުކުރަން ފެށި އުސޫލުގެ ސަބަބުން ރަށްރަށަށް މުދާ އުފުލާ ބޯޓުފަހަރަށް ބޮޑެތި ދަތިތައް ކުރިމަތިވަމުން ދާ ކަމަށެވެ.
އެގޮތުން، އެމްޕީއެލުން މިހާރު ކަނޑައަޅައިފައިވާ އައު އުސޫލުގެ ދަށުން ބަނދަރަށް ކައިރިކުރަން ކިޔޫ ނަންބަރެއް ހޯދުމަށްފަހު، 10 ދުވަހާއި 15 ދުވަހާ ދެމެދުގެ މުއްދަތަކަށް މަޑުކުރަން ޖެހުމުގެ ސަބަބުން ކުރިން މަހަކު ދެ ތިން ދަތުރުކުރާ ބޯޓުފަހަރަށް މިހާރު ކުރެވެނީ މަހަކު އެއް ދަތުރު ކަމަށް އެ ސިޓީގައިވެއެވެ.
މި އުސޫލުގެ ސަބަބުން އޮޑިވެރިންނަށް މާލީ ގޮތުން ބޮޑެތި ގެއްލުންވެ، ރަށްރަށަށް މުދާ ސަޕްލައިކުރުމަށް ބުރޫ އަރައިފައިވާ ކަމަށް، ކުޑޫގެ ސިޓީގައި ފާހަގަކުރައްވައިފައެވެ.

ދޯންޏަކަށް ފެންފުޅިތަކެއް އަރުވަނީ: ކިޔޫ އުސޫލުގެ ސަބަބުން ރަށްރަށަށް މުދާ އުފުލާ ބޯޓުފަހަރަށް ދަތިވުމުގެ ކަންބޮޑުވުން ފާޅުކޮށް ވަނީ މަޖިލީހަށް ހުށަހަޅައިފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އެ ސިޓީގައިވާ ގޮތުން މާލޭ ބޭރުމަގު ފުޅާކުރުމުގެ މަޝްރޫއާއެކު ބޯޓުފަހަރު އަޅާނެ ޖާގަ ކުޑަވެ، ބައެއް ޒޯންތަކުން ބޮޑު ފީއެއް ނަގާއިރުވެސް ކަރަންޓާއި ފެން ނުލިބޭ ކަމުގެ ޝަކުވާ އޮޑިވެރިން އެބަ ކުރެއެވެ. ޚާއްސަކޮށް މާލެއާ ކައިރި ރަށްރަށުގެ ބޯޓުފަހަރަށް މި އުސޫލުގެ ސަބަބުން ކުރާނެ ދަތުރުތައް މަދުވެ، ބޯޓުފަހަރުގެ މުވައްޒަފުންގެ މުސާރައާއި ތެލުގެ ޚަރަދު ދެކޮޅުނުޖެހޭ ކަމަށްވެސް ސިޓީގައިވެއެވެ.
އެހެންކަމުން ކުޑޫ ވަނީ އެމްޕީއެލްގެ އިސްވެރިން މަޖިލީހަށް ހާޒިރުކޮށް މި މައްސަލައަށް އަވަސް ހައްލެއް ހޯދައިދިނުމަށް އެދިވަޑައިގެންފައެވެ.
ފާހަގަކުރެވޭ ގޮތުގައި މާލޭ އުތުރު ބަނދަރުގައި އުޅަނދުފަހަރަށް ޖާގަ ދިނުމުގެ އުސޫލަށް އެމްޕީއެލުން ބަދަލު ގެނައީ މާރިޗު މަހުގެ 11ވަނަ ދުވަހެވެ. އަދި އެ މަހުގެ 14ވަނަ ދުވަހު އުސޫލަށް އަމަލުކުރަން ވަނީ ފަށައިފައެވެ.
އެގޮތުން މުދަލާއި ފަސިންޖަރުން އުފުލާ އުޅަނދުފަހަރު މާލެ ނޯތު ހާބަރުގެ ކީވޯލަށް ދައްކަންޖެހޭ ފައިސާ ދައްކާ ނިންމުމުން ފުރާ ވަގުތުން ފެށިގެން، ކޮންްމެ ކިޔޫއެއްގައި ވެސް ނޯޓު ކުރެވޭނެ ކަމަށް އެމްޕީއެލުން ބުނެފައިވެއެވެ.
އައު އުސޫލުގައިވާ ގޮތުން ކިޔޫ ތަރުތީބުން ކީވޯލުން ޖާގަދިނުމަށް ނޯތު ހާބަރު އޮފީހުން ގުޅުމުން، އެއްވެސް ސަބަބަކާ ހުރެ ދެ ގަޑިއިރު ތެރޭގައި ކީވޯލަށް ކައިރިނުކުރެވިއްޖެނަމަ ނުވަތަ ފޯނަށް ނުގުޅިއްޖެ ހާލަތެއްގައި އެ އުޅަނދެއް އޭ-ޒޯން އަދި ސީ-ޒޯން ކިޔޫއިން ވަގުތީގޮތުން "ހޯލްޑް" ކުރާނެއެވެ. އަދި ކިޔުގައި ދެން ހުރި އުޅަނދުތަކަށް ތަރުތީބުން ގުޅާ ޖާގަ ދިނުމަށް އެމްޕީއެލުން ވަނީ ނިންމައިފައެވެ.
އެ ކުންފުނިން ބުނި ގޮތުގައި، ސީ އަދި އޭ ޒޯނުން "ހޯލްޑް" ކުރެވޭ އުޅަނދުތައް އަލުން ކިޔުއަށް އިތުރުކުރެވޭނީ އެ އުޅަނދެއް މާލެ ސަރަހައްދަށް ވަނުމަށްފަހު ނޯތު ހާބަރު އޮފީހަށް ގުޅައި އެކަމަށް އެދުމުންނެވެ. އެގޮތަށް ގުޅައި "އަންހޯލްޑް" ކުރުމަކީ އެ އުޅަނދެއްގެ ފަރާތުން ފުރިހަމަކުރަންޖެހޭ ޒިންމާއެއް ކަމަށް އެމްޕީއެލުން ވަނީ ބުނެފައެވެ.
އޭގެއިތުރަށް، އޭ-ޒޯން އަދި ސީ-ޒޯން ކިޔުގައި "ހޯލްޑް" ކުރުމަށްފަހު އަލުން ކިޔުއަށް އިތުރުކުރާ އުޅަނދުތަކަށް، ޖާގައެއް ހުސްވެއްޖެނަމަ ގުޅާނީ "އަންހޯލްޑް" ކުރިތާ ދެ ގަޑިއިރު ފަހުންނެވެ.
އެ ވަގުތު ހަމަވުމުން އޮފީހުން ގުޅުމުންވެސް، އެއްވެސް ސަބަބަކާ ހުރެ ޖާގައަށް ކައިރިނުކުރެވިއްޖެނަމަ ނުވަތަ ފޯނަށް ޖަވާބު ނުދެވިއްޖެނަމަ ޖާގަ ފަސްކުރާނެއެވެ. މިގޮތަށް ފަސްކޮށްދެވޭނީ ގިނަވެގެން ތިން ފަހަރު ކަމަށްވާއިރު، ހަތަރު ވަނަ ފަހަރު ކިޔުއިން ކެންސަލްކުރާނެ ކަމަށް އެމްޕީއެލުން ބުނެފައިވެއެވެ.