ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި އެމެރިކާ ކަޓުވާލުމަށްފަހު ބެލްޖިއަމް ކުއާޓާއަށް

ފީފާ ވޯލްޑް ކަޕުގެ ގަދަ 16 ބުރުގައި އެމެރިކާ ކޮޅަށް ހަތަރުވަނަ ލަނޑު ޖެހުމަށްފަހު ބެލްޖިއަމްގެ ލުކާކޫ--

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ބުރުގައި މުބާރާތް ބާއްވާ އެމެރިކާ ކަޓުވާލުމަށްފަހު ބެލްޖިއަމުން ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

ސިއޭޓަލް ސްޓޭޑިއަމްގައި ކުޅުނު މި ފޯރިގަދަ މެޗުން ބެލްޖިއަމް ކާމިޔާބުކޮށްފައިވަނީ 4-1 ގެ ނަތީޖާއަކުންނެވެ.

މުބާރާތުގެ ކުއާޓާ ފައިނަލުގައި އެ ޓީމު ދެން ނުކުންނަން ޖެހޭނީ ވަރުގަދަ ސްޕެއިނާ ދެކޮޅަށެވެ. މި ނަތީޖާއާއެކު، މި ފަހަރުގެ ވޯލްޑް ކަޕް ހޯސްޓްކުރާ ތިން ގައުމުވެސް މި ވަނީ ކުއާޓާ ފައިނަލާ ހަމައަށް ނުގޮސް މުބާރާތުން ވަކިވާން ޖެހިފައެވެ.

އެގޮތުން، ކެނަޑާއާއި މެކްސިކޯ ވެސް މުބާރާތުން ކެޓީ އެމެރިކާއެކޭ އެއްގޮތަށް ގަދަ 16 ބުރުންނެވެ. މިއީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކެޓި ބެލްޖިއަމަށް ލިބުނު ބޮޑު ކުރިއެރުމެއް ނަމަވެސް، 24 އަހަރަށް ފަހު ވޯލްޑް ކަޕްގެ ކުއާޓާ އަށް ދިއުމުގެ އަމާޒުގައި ނުކުތް އެމެރިކާއަށް މިއީ ފަހަތަށް އެޅުނު ފިޔަވަޅެކެވެ.

ފީފާއިން އަދަބު ލުއިކޮށްދިން ބަލޮގަން ބެލްޖިއަމާ ދެކޮޅަށް ކުޅެނީ. މި މެޗުގައި އޭނާއަށް މާ އެދެވޭ ކުޅުމެއް ނުދެއްކޭ--

މި މެޗު ފެށުމުގެ ކުރިން ގިނަ ބަޔެއްގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓުނީ، ގަދަ 32 ޓީމުގެ ބުރުގައި ރަތް ކާޑު ދެއްކި އެމެރިކާގެ އިތުބާރު ފޯވާޑް ފޮލާރިން ބަލޮގަން އަށް މި މެޗުގައި ކުޅެވޭ ގޮތަށް ފީފާ ޑިސިޕްލިނަރީ ކޮމިޓީން ނިންމި ނިންމުމަށެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބަލޮގަންގެ އަދަބު ލުއިކުރީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ކުރެއްވި ފޯން ކޯލަކާ ގުޅިގެންނެވެ.

މިކަމާ ހެދި ޔުއެފާއާއި ބެލްޖިއަމުން ވަރަށް ބޮޑަށް ފާޑުކިޔާފައި ވަނިކޮށް، އެމެރިކާއިން ވަނީ ބަލޮގަން ފުރަތަމަ އެގާރައިގައި ހިމަނައިގެން މެޗު ފަށައިފައެވެ. އަނެއްކޮޅުން ބެލްޖިއަމުން ވަނީ މި މެޗުގެ ފުރަތަމަ އެގާރަ އަށް ބަދަލުތަކެއް ގެނެސްފައެވެ.

އެގޮތުން ކެވިން ޑި ބްރޭނާ، ޖެރެމީ ޑޯކޫ އަދި ރޮމެލޫ ލުކާކޫ ފަދަ މުހިންމު ކުޅުންތެރިން މެޗު ފެށީ ބެންޗުންނެވެ. އެމެރިކާ އިން ބޮސްނިއާއާ ދެކޮޅަށް ނެރުނު ފުރަތަމަ އެގާރަ ދަމަހައްޓައިގެން، ގްރޫޕް ސްޓޭޖުގެ މޮޅު ފޯމާއެކު މެޗު ޑޮމިނޭޓްކުރާނެ ކަމަށް ބެލެވުނު ނަމަވެސް، މެޗުގެ ކޮންޓްރޯލް ނެގީ ބެލްޖިއަމުންނެވެ.

މެޗުގެ ފުރަތަމަ މިނިޓުގައި ބެލްޖިއަމްގެ ޓިމޮތީ ކަސްޓަންޔާ ފޮނުވާލި ނުރައްކާތެރި ހަމަލާ އެމެރިކާގެ ކީޕަރު މެޓް ފްރީސް މަތަކުރި ނަމަވެސް، މެޗުގެ 9 ވަނަ މިނިޓުގައި ބެލްޖިއަމުން ލީޑު ނެގިއެވެ.

އެމެރިކާ ކޮޅަށް ލަނޑު ޖެހުމަށްފަހު ބެލްޖިއަމުގެ ކުޅުންތެރިން--

ބެލްޖިއަމުން ކުރިއަށް ޕްރެސްކޮށްގެން ކުޅެމުން ދަނިކޮށް، މެޗުގެ 31 ވަނަ މިނިޓުގައި އެމެރިކާ އިން ނަތީޖާ ހަމަހަމަކުރިއެވެ. މިއީ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން މަލިކް ޓިލްމަން ފޮނުވާލި ބޯޅައެއް، ވޯލްގައި ހުރި ބެލްޖިއަމްގެ ވަނަކެންގެ ބޮލުގައި ޖެހި، މިސްރާބު ބަދަލުވެގެން ގޯލަށް ވަން ލަނޑެކެވެ.

ނަމަވެސް އެމެރިކާގެ ސަޕޯޓަރުންނަށް އުފާ ފާޅުކޮށްލަން ލިބުނީ އެންމެ ދެ މިނިޓެވެ. މެޗުގެ 33 ވަނަ މިނިޓުގައި ލިއާންޑްރޯ ޓްރޮސާޑް ނަގައިދިން ހުރަހަކުން ޑި ކެޓެލާރާ ބޮލުން ފޮނުވާލި ބޯޅައާއެކު ބެލްޖިއަމުން ދެވަނަ ފަހަރަށް ލީޑު ހޯދިއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ވެސް ރަސްކިންއާއި ޑޮޑީ ލުކެބަކިއޯ އަށް ބެލްޖިއަމްގެ ލީޑު ފުޅާކުރަން ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ.

ދެވަނަ ހާފަށް އެމެރިކާ އިން ސާޖިނޯ ޑެސްޓްގެ ބަދަލުގައި ޖިއޮވާނީ ރޭނާ ކުޅެން ނެރެ، ހަމަޖެހިލައިގެން ކުޅެން މަސައްކަތް ކުރަމުން ދަނިކޮށް ބެލްޖިއަމުން ވަނީ ތިންވަނަ ލަނޑެއް ޖަހައި އެމެރިކާ މާޔޫސްކޮށްލައިފައެވެ.

މެޗުގެ 57 ވަނަ މިނިޓުގައި ޖެހި މި ލަނޑަކީ އެމެރިކާގެ ކީޕަރު މެޓް ފްރީސް އަތުން ހެދުނު ބޮޑު ގޯހެއްގެ ފައިދާ ނަގައި، ހާފުގެ މެދެއްހާ ހިސާބުގައި ހުރެފައި ހާންސް ވަނަކެން ހުސް ގޯލުގެ ތެރެއަށް ފޮނުވާލި ރީތި ލަނޑެކެވެ.

މި ގޯލަށްފަހު އެމެރިކާއަށް ދެން ކުރިމަތިވީ އިތުރު ބޮލުގެ ރިހުމެކެވެ. އެއީ އެ ޓީމުގެ ކެޕްޓަން ކްރިސްޓިއަން ޕުލިސިޗް އަށް އަނިޔާވެގެން ބަދަލުކުރަން ޖެހުމެވެ. އޭނާގެ ބަދަލުގައި ސެބަސްޓިއަން ބާހޯލްޓާ ކުޅެން އެރިއިރު، އެމެރިކާ އިން މެޗުގެ ފަހު ދިހަ މިނިޓުގައި ނުރައްކާތެރި ހަމަލާތަކެއް އުފެއްދިއެވެ.

އެގޮތުން ބާހޯލްޓާ ފޮނުވާލި ބާރު ހަމަލާއެއް ބޭރަށް ދިޔައިރު، ބަލޮގަން އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާ ބެލްޖިއަމްގެ ކީޕަރު ތިބޯ ކޯޓުއާ ވަނީ ދިފާއުކޮށްފައެވެ. މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އެމެރިކާގެ ފަހަތުން ހެދި ގޯހެއްގެ ފައިދާ ނަގައި، ބެންޗުން ކުޅެން ނުކުތް ބެލްޖިއަމްގެ ރެކޯޑު ގޯލް ޖެހުންތެރިޔާ ރޮމެލޫ ލުކާކޫ ވަނީ އެ ޓީމުގެ ހަތަރުވަނަ ލަނޑު ޖަހައި މެޗުގެ ނަތީޖާ 4-1 އަށް ބަދަލުކޮށްލައިފައެވެ.

މިއީ ވޯލްޑް ކަޕެއްގެ ގަދަ 16 ބުރުގައި ބެލްޖިއަމުން އެމެރިކާ ބަލިކުރި ދެވަނަ ފަހަރެވެ. މީގެ ކުރިން 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕްގެ ގަދަ 16 ގައި ވެސް ބެލްޖިއަމުން ވަނީ އިތުރު ވަގުތުގެ ދެ ހާފު ކުޅެގެން 2-1 އިން އެމެރިކާ ބަލިކޮށްފައެވެ.

މިފަހަރުގެ މުބާރާތުގައި ބެލްޖިއަމްގެ ދަތުރު އުނދަގޫތަކަކާއެކު ކުރިއަށްދިޔަ ނަމަވެސް، މި މޮޅާއެކު އެ ޓީމު ވަނީ ވަރުގަދަ ފޯމަކަށް އެޅިފައެވެ.

ގްރޫޕް ސްޓޭޖުގައި މިސްރާއި އީރާނާ އެއްވަރުވެ، ފަހު މެޗުގައި ނިއުޒިލޭންޑް ބޮޑު ތަފާތަކުން ބަލިކޮށް ގްރޫޕުގެ އެއްވަނަ ހޯދި ބެލްޖިއަމް ވަނީ ގަދަ 32 ގެ ބުރުގައި ސެނެގާލް އަތުން ސަލާމަތްވީވެސް ފަހު މިނިޓުގެ ޕެނަލްޓީއަކުންނެވެ.

އަނެއްކޮޅުން، ގްރޫޕް ސްޓޭޖުގައި ޕެރަގުއާއީ އާއި އޮސްޓްރިއާ ބަލިކޮށް، ތުރުކީ އަތުން ބަލިވި ނަމަވެސް އުންމީދީ ކުޅުމެއް ދެއްކި އެމެރިކާއަށް ގަދަ 16 އިން ޖާގައެއް ލިބުނީ ގަދަ 32 ގައި ބޮސްނިއާ ބަލިކޮށްގެންނެވެ.

comment ކޮމެންޓް