ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 16 ބުރުގައި މިސްރުން ދެ ލަނޑު ޖަހާފައިވަނިކޮށް ފަހަތުންއަރާ ކާމިޔާބުކުރި ތިން ލަނޑާއެކު އެންމެފަހުގެ ޗެމްޕިއަން އާޖެންޓީނާއިން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.
އެމެރިކާގެ އެޓްލާންޓާ ސްޓޭޑިއަމްގައި ކުޅުނު ފޯރިގަދަ މެޗުން، ލިއޮނަލް މެސީގެ އާޖެންޓީނާއިން މިސްރުގެ މައްޗަށް 3-2 ގެ ނަތީޖާއަކުން ކުރިހޯދައި، މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ކަށަވަރުކޮށްފިއެވެ.
މިފަހަރުގެ ވޯލްޑް ކަޕަކީ މިސްރުގެ ފުޓުބޯޅަ ތާރީޚުގައިވެސް އެންމެ ކާމިޔާބު މުބާރާތެވެ. ގްރޫޕް ސްޓޭޖުގައި ބެލްޖިއަމް އަދި އީރާނާ އެއްވަރުވެ، ނިއުޒީލޭންޑް އަތުން ހޯދި މޮޅާއެކު އެޓީމު ވަނީ ތާރީޚީ ގޮތުން ފުރަތަމަ ފަހަރަށް ގަދަ 16 އަށް ދަތުރުކޮށްފައެވެ.
މީގެ އިތުރުން ގަދަ 32 ގެ ބުރުގައި އޮސްޓްރޭލިއާ އަތުން ޕެނަލްޓީ ޖަހައިގެން މޮޅުވެ، މުހައްމަދު ސަލާހު ލީޑުކުރި މިސްރުން ވަނީ ދުނިޔޭގެ ޗެމްޕިއަނުންނާ ދެކޮޅަށް ނުކުމެ ތާރީޚީ ކުޅުމެއް ދައްކާފައެވެ.
މާ ބޮޑު އުނދަގުލަކާ ނުލައި މުޅި މުބާރާތް ކާމިޔާބުކުރަމުން އައި އާޖެންޓީނާއިން މި މެޗަށް ނުކުތީ ފުރަތަމަ އެގާރައަށް ތިން ބަދަލެއް ގެނެސްގެންނެވެ. އެގޮތުން ނިކޮލަސް ޓަގްލިއަފީކޯ، ލިއާންޑްރޯ ޕަރޭޑޭސް އަދި ހޫލިއަން އަލްވަރޭޒްއަށް މިރޭ ވަނީ ފުރަތަމަ އެގާރައިން ފުރުސަތު ދީފައެވެ.
މެޗުގެ ކުރީކޮޅުގައި މިސްރުން އާޖެންޓީނާއާ އެއްވަރަކަށް ހިފަހައްޓަމުން ދަނިކޮށް، އެންމެން ސިއްސުވާލުމަށްފަހު 15 ވަނަ މިނެޓުގައި މިސްރުން ލީޑު ނެގިއެވެ.
މަރްވާން އަތިއާ ނަގައިދިން ބޯޅައަކުން މި ގޯލު ކާމިޔާބުކޮށްދިނީ ޔާސިރް އިބްރާހީމެވެ. އޭގެ ހަތަރު މިނެޓް ފަހުން އާޖެންޓީނާއަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، ކެޕްޓަން މެސީ ފޮނުވާލި ޕެނަލްޓީ މިސްރުގެ ކީޕަރު މުސްތަފާ ޝުބީރް ވަނީ ހުޝިޔާރުކަމާއެކު ދިފާޢުކޮށްފައެވެ. މިއީ މި މުބާރާތުގައި މެސީ އަތުން ނާކާމިޔާބުވި ދެވަނަ ޕެނަލްޓީއެވެ.
ފުރަތަމަ ހާފުގައި އާޖެންޓީނާއިން ފުލުފުލުގައި ދެމުންދިޔަ ހަމަލާތައް ހުއްޓުވުމުގައި ކީޕަރު ޝުބީރް ވަނީ ތަފާތު މޮޅު ސޭވްތަކެއް ކޮށްފައެވެ. މެސީ ފޮނުވާލި ހިލޭ ޖެހުމެއް ގޯލުގެ ދަނޑިއަށް އަމާޒުވިއިރު، އަލްވަރޭޒް ފޮނުވާލި ނުރައްކާތެރި ހަމަލާވެސް ކީޕަރު މަތަކުރިއެވެ.
ދެވަނަ ހާފުގައިވެސް އާޖެންޓީނާއިން މުޅި ޓީމު ކުރިއަށް ޖައްސައިގެން ކުޅެމުން ދަނިކޮށް، މިސްރުގެ މުސްތަފާ ޒީކޯ ޖެހި ގޯލެއް ވީއޭއާރް ބެލުމަށްފަހު ރެފްރީ ކެންސަލް ކުރިއެވެ. ނަމަވެސް، ހިތްވަރު އެލުވައިނުލާ ކުޅެމުންދިޔަ މިސްރުން 67 ވަނަ މިނެޓުގައި ދެވަނަ ގޯލެއް ޖަހައި އާޖެންޓީނާ ސިއްސުވާލިއެވެ. ހައިސަމް ހަސަން ދިން ބޯޅައަކުން މި ގޯލު ކާމިޔާބުކޮށްދިނީ ޒީކޯއެވެ.
ދެ ގޯލުގެ ލީޑަކާއެކު މިސްރުން މެޗު ކާމިޔާބުކޮށްފާނެ ކަމަށް ބެލެވުނު ނަމަވެސް، ހައިޑްރޭޝަން ބްރޭކަށްފަހު އާޖެންޓީނާއިން މެޗުގެ އޮއިވަރު މުޅިން ބަދަލުކޮށްލިއެވެ.
އެގޮތުން 79 ވަނަ މިނެޓުގައި މެސީ ނަގައިދިން ހުރަހަކުން ކްރިސްޓިއަން ރޮމޭރޯ ބޮލުން ގޯލެއް ޖަހައި އާޖެންޓީނާއަށް އުންމީދު އާކޮށްދިނެވެ. އަދި އޭގެ ހަތަރު މިނެޓް ފަހުން، 83 ވަނަ މިނެޓުގައި މެސީ ވަނީ ގޯލެއް ޖަހައި މެޗުގެ ނަތީޖާ 2-2 އަށް އެއްވަރުކޮށްދީފައެވެ. މި ގޯލާއެކު މެސީ ވަނީ ވޯލްޑް ކަޕް ތާރީޚުގައި 20 ގޯލު ހަމަކޮށް، އާ ރެކޯޑެއްވެސް ހަދާފައެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރު ވަގުތުގެ ގޮތުގައި ދެއްކި 92 ވަނަ މިނެޓުގައި ލައުޓާރޯ މާޓިނޭޒް ތަނަވަސްކޮށްދިން ފުރުސަތަކުން ބޮލުން ގޯލު ޖަހައި އާޖެންޓީނާ މޮޅުކޮށްދިނީ އެންޒޯ ފެނާންޑޭޒްއެވެ.
މި ނާކާމިޔާބީއާއެކު މިސްރުގެ ކުޅުންތެރިން ރެފްރީއަށް ވަރަށް ބޮޑަށް ޝަކުވާ ކުރި ނަމަވެސް، މެޗު ނިމިގެންދިޔައީ އާޖެންޓީނާ ކުއާޓާ ފައިނަލަށް ދަތުރުކޮށްގެންނެވެ.