އާޖެންޓީނާ މެޗުގެ ކުރިން މިސްރު: ''އަހަރެމެންގެ ޓީމުގައި 26 މެސީ އެބަތިބި''

މިސްރު ޓީމުގެ ފަރިތަކުރުންތަކުގައި އެސިސްޓަންޓް ކޯޗު އިބްރާހިމް ހަސަނާއެކު މުޙައްމަދު ސަލާހް--

އާޖެންޓީނާއާ ދެކޮޅަށް ކުޅެން އެއްވެސް ބިރެއްނެތް ކަމަށާއި މިސްރު ޓީމުގައި ކެޕްޓަން މުޙައްމަދު ސަލާހާއެކު 26 މެސީ ހިމެނޭކަމަށް މިސްރު ޓީމުގެ އެސިސްޓަންޓް ކޯޗު އިބްރާހިމް ހަސަން ބުނެފިއެވެ.

ފީފާ ވޯލްޑް ކަޕް2026 ގެ ގަދަ 16 ގެ ބުރުގައި އާޖެންޓީނާއާ ދެކޮޅަށް ނުކުތުމުގެ ކުރިން، މިސްރުގެ އެސިސްޓަންޓް ކޯޗު އިބްރާހިމް ހަސަން ވަނީ ޓީމުގެ ރޫހު ވަރުގަދަކަން ހާމަކޮށް، އިދިކޮޅު ޓީމުގެ ތަރި ލިއޮނަލް މެސީއަށް އަމާޒުކޮށް ވަރުގަދަ ރައްދެއް ދީފައެވެ.

މިސްރުގެ ސަދާ އަލް ބަލަދު ޗެނަލަށް ދިން އިންޓަވިއުއެއްގައި، ހެޑް ކޯޗު ހޮސާމް ހަސަންގެ ބޭބެ، އިބްރާހިމް ހަސަން ބުނީ މިސްރުން އާޖެންޓީނާއަށް ބިރުނުގަންނާނެ ކަމަށެވެ.

މެސީއާ ކުރިމަތިލުމާ ބެހޭގޮތުން ސުވާލުކުރުމުން އޭނާ ވަނީ އެެއްވެސް ހާއްސަ ސަމާލުކަމެއް މެސީއަށް ނުދޭނެކަމަށް ބުނެފައެވެ.

"އަހަރެމެން ކުޅުންތެރިން ގާތު ބުނަނީ އިދިކޮޅު ޓީމަށް ބެލުމެއް ނެތި އަމިއްލަ ކުޅުން ދެއްކުމަށް، އެމީހުންގެ އަތުގައި މެސީ ހުރެދާނެ، އެކަމަކު އަހަރެމެންގެ އަތުގައި މުހައްމަދު ސަލާހުގެ އިތުރުން 26 މެސީ އެބަތިބި. މާތްﷲ އަހަރެމެންނަށް ހެޔޮ ޖަޒާ ދެއްވާށި" މެޗުގެ ކުރިން ވާހަކަދައްކަމުން އިބްރާހިމް ހަސަން ބުންޏެވެ.

މިސްރުން މިހާރު ކޮށްފައިވަނީ އެ ގައުމުގެ ވޯލްޑް ކަޕް ތާރީޚުގައި ވެސް އެންމެ ކާމިޔާބު ދަތުރެވެ. ގްރޫޕް ސްޓޭޖުގައި ބެލްޖިއަމްއާ 1-1 އިން އެއްވަރުވެ، ނިއުޒިލޭންޑް 3-1 އިން ބަލިކޮށް، އަދި އީރާނާ 1-1 އިން އެއްވަރުވެގެން ގްރޫޕުގެ ދެވަނަ ހޯދައި، އެ ގައުމުން ވަނީ ތާރީޚުގައި ފުރަތަމަ ފަހަރަށް ނޮކްއައުޓް ބުރަށް ދަތުރުކޮށްފައެވެ.

ގަދަ 32 ގެ ބުރުގައި އޮސްޓްރޭލިއާ ބަލިކުރުމަށްފަހު، މިސްރުން މިހާރު އުންމީދުކުރަމުންދަނީ ދުނިޔޭގެ އެންމެ ފަހުގެ ޗެމްޕިއަނުން ބަލިކޮށް ބޮޑު ސަޕްރައިޒެއް ދިނުމަށެވެ.

ފީފާ ވޯލްޑް ކަޕުގެ ގަދަ 16 ބުުރުގައި އާޖެންޓީނާއާއި މިސްރު ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެގަޑިން މިރޭ 21:00 ގައެވެ.

comment ކޮމެންޓް