ރާއްޖެއަށް އަސަރުކޮށްފާނެ ބިންހެލުމެއް އަންނަން އުޅޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވާ ޕޯސްޓުތަކަކާ ގުޅިގެން، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު އޮފީސް)އިން ބިންހެލުންތަކާ ގުޅޭ މައުލޫމާތުތަކެއް މިއަދު ހިއްސާކޮށްފިއެވެ.
ސްޓޭޓް އޮފް މޯލްޑިވްސް ކިޔާ ޕޭޖަކުން ވަނީ، ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެ ހިމެނޭ ސަރަހައްދަށް 5.2 މެގްނިޓިއުޑްގެ ބާރުމިނުގައި ބިންހެލުމެއް އަތުވެދާނެ ކަމަށް ބުނެފައެވެ.
އެ ވާހަކައާ ގުޅުވައި މެޓް އޮފީހުން އާންމުކުރި މައުލޫމާތުގައި ވަނީ، ދިގު މުއްދަތަކަށް ބަލާއިރު، ބިންހެލުންތައް އައުން ގާތް ސަރަހައްދުތައް ސައިންވެރިންނަށް ކަނޑައެޅިދާނެ ކަމަށެވެ. ނަމަވެސް ސައިންޓިފިކް ގޮތުން ބިންހެލުންތައް ދުރާލާ ދެނެގަނެވޭނެ ގޮތެއް މިހާތަނަށް ހޯދިފައިނުވާ ކަމަށް އެ އިދާރާއިން ބުންޏެވެ.
"ބިންހެލުމެއް އަންނާނެ ސީދާ ވަގުތެއް، ތާރީޚެއް ނުވަތަ އަންނާނެ ސީދާ ތަނެއް ދެނެގަނެވޭނެ އެއްވެސް ސައިންޓިފިކް ގޮތްތަކެއް ނެތް،" މެޓް އޮފީހުން ފާހަގަކުރިއެވެ.
އެ އިދާރާއިން ވަނީ، ބިންހެލުންތަކުގެ މައުލޫމާތުތައް މެދުނުކެނޑި ބަަލަމުން އަންނަ ކަމަށާއި، ރާއްޖެއަށް އަސަރުކޮށްފާނެ ބިންހެލުމެއް އަތުވެއްޖެނަމަ، ލަސްނުކޮށް އެ މައުލޫމާތެއް ހިއްސާކުރާނެކަން ބުނެފައެވެ.
ފާހަގަކުރެވޭ ގޮތުގައި، ރާއްޖެއާ ކައިރިއަށް ބިންހެލުންތައް އައުމުން މެޓުން އާންމުކޮށް އެ މައުލޫމާތު ހާމަކުރެއެވެ. އަދި، ރާއްޖެއަށް އެ ކަމުން އަސަރުކޮށްފާނެކަން ނުވަތަ ނޫންކަން ވެސް އެ އިދާރާއިން ކިޔައިދެއެވެ.