މުޒާހަރާތަކަށް ސެކިއުރިޓީ ނުދިނުން: ނަޝީދު ވިދާޅުވީ ހަމަލައެއްގެ ބިރު އޮތަސް ވަޑައިގަންނަވާނެ ކަމަށް

އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު: ނަޝީދު ވިދާޅުވީ ހަމަލައެއްގެ ބިރު އޮތަސް މުޒާހަރާތަކަށް ވަޑައިގަންނަވާނެ ކަމަށް -- ސަން ފޮޓޯ/ އަޙުމަދު އިޔާދު

ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅަކު މުޒާހަރާއަކަށް ވަޑައިގަންނަވާ ނަމަ އެ ވަގުތަކަށް ސެކިއުރިޓީ މެދުކަނޑާލަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތާ ބެހޭ ކޮމިޓީ (241 ކޮމިޓީ)އިން ނިންމި ނިންމުމާ ގުޅިގެން، ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ކުރީގެ ރައީސުން މުޒާހަރާތަކަށް ވަޑައިގަންނަވާއިރު، އެމްއެންއެޑީއެފްގެ ވީއައިޕީ ސެކިއުރިޓީ ދޭން ނުޖެހޭ ގޮތަށް އުސޫލު ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ނިންމީ މިދިޔަ އަންގާރަ ދުވަހު ބޭއްވި ސިއްރު ބައްދަލުވުމެއްގައެވެ.

އެނގިފައިވާ ގޮތުގައި މި އިސްލާހު ކޮމިޓީއަށް ހުށަހެޅުއްވީ ސަރުކާރު ހިންގާ ޕީއެންސީގެ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ. މި ނިންމުމަށް ތާއީދު ނުކުރައްވާ ކޮމިޓީގައި ތިއްބެވީ އެމްޑީޕީގެ އަބްދުލްޣަފޫރު މޫސާ އާއި، އެމްއެންޕީގެ މުހައްމަދު ނާޒިމްގެ އިތުރުން ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، އެއީ ރާއްޖޭގެ ސަލާމަތީ މަޝްރަހަށް އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު: ނަޝީދު ވިދާޅުވީ ހަމަލައެއްގެ ބިރު އޮތަސް މުޒާހަރާތަކަށް ވަޑައިގަންނަވާނެ ކަމަށް -- ސަން ފޮޓޯ/ އަޙުމަދު އިޔާދު

ނަޝީދު ފާހަގަކުރެއްވި ގޮތުގައި ސިޔާސީ ވެރިންނަށް ދޭ ގިނަ ހަމަލާތަކަކީ އެއްވުންތަކުގެ ތެރެއިން ދޭ ހަމަލާތަކެކެވެ.

"އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް. މިކަމާ ކަންބޮޑުވަނީ، އެނގިވަޑައިގަންނަވާނެ ސިޔާސީ ވެރިންނަށް ހަމަލާ ދެވިފައި ގިނައިން ހުރީ އެއްވުންތަކުގެ ތެރެއިން. ރާއްޖޭގެ އެކަންޏެއް ނޫން، ސައުތު އޭޝިއާއަށް ބައްލަވާލެއްވިޔަސް، އޭޝިއާ ގައުމުތަކަށް ބައްލަވާލެއްވިޔަސް، އެފްރިކާއަށް ބައްލަވާލެއްވިޔަސް، ގިނަ ފަހަރަށް ހަމަލާދެވިފައި ހުންނަނީ ސިޔާސީ އެއްވުމެއްގެ ތެރެއިން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ރައީސް ޔާމީންގެ އިތުރުން ކުރީގެ ރައީސް ޞާލިޙް އެކުގައި ބައްދަލުކުރެއްވުން: ކުރީގެ ރައީސުން މުޒާހަރާތަކަށް ވަޑައިގަންނަވާއިރު ސެކިއުރިޓީ ނުދޭން ސަލާމަތީ ކޮމިޓީން ވަނީ ނިންމައިފައި -- ސަން ފޮޓޯ: މުހައްމަދު ޝާތިއު އަބްދުﷲ

ނަޝީދު އިތުރަށް ވިދާޅުވީ، އެއްވުންތަކަކީ ޓެރަރިސްޓު ހަމަލާއެއް އަތުވެދާނެ ކަމުގެ ބިރުވެރިކަން އަބަދުވެސް އޮންނަ ތަންތަން ކަމަށްވާތީ، ސަލާމަތީ ބާރުތަކުން އެންމެ ބޮޑަށް ރައްކާތެރިކަން ފޯރުކޮށްދޭން ޖެހޭނީ އެފަދަ ވަގުތުތަކުގައި ކަމަށެވެ.

އެފަދަ ހަމަލާތަކުގެ ސަބަބުން ލީޑަރުންގެ އިތުރުން އެތައް ރައްޔިތުންނަކަށް ގެއްލުން ލިބުމުގެ ފުރުސަތު އޮންނަކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ކުރީގެ ރައީސުންނަށް ސެކިއުރިޓީ ފޯރުކޮށްދެނީ އެމްއެންޑީއެފްގެ ގަވާއިދެއްގެ ދަށުން ކަމަށްވާއިރު، މި ނިންމުމަކީ ނަޝީދު މުޒާހަރާތަކުގައި ބައިވެރިވެވަޑައިގަތުން ހުއްޓުވުމަށް ނިންމި ނިންމުމެއް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ. އެހެން ނަމަވެސް ނަޝީދު ވިދާޅުވީ މުޒާހަރާތުގައި ބައިވެރިވެވަޑައިގަންނަވާނޭ ކަަމަށެވެ.

https://sun.mv/224051

މީގެ ކުރިން މެއި 6، 2021 ގައި ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގައި އެ މަނިކުފާނަށް ބޮޑެތި ޒަޚަމުތަކެއް ލިބި، ގިނަ ދުވަސްތަކެއް ވަންދެން ފަރުވާ ހޯއްދަވަން ޖެހިވަޑައިގަތެވެ.

ނޫސްވެރިކަމުގެ ތެރެއިން ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގަތް ނަޝީދުގެ އިސްލާހީ މަސައްކަތްތަކުގެ ތެރެއިން މުޒާހަރާތަކުގައި ވަރަށް ގިނައިން އުޅުއްވިއެވެ. އޭގެ ސަބަބުން އެ މަނިކުފާނަށް ޖަލުގައި ވެސް އެތައް ދުވަހެއް ހޭދަކުރައްވަން ޖެހިވަޑައިގަތެވެ.

ނަޝީދު އެމްޑީޕީގެ ޗެއާޕާސަން ކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ވަނީ، ޕާޓީގެ މަގުމަތީގެ ހަރަކާތްތައް އިތުރުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް