ޕެރަގުއޭގެ މައްޗަށް 1-0 އިން ކުރިހޯދައި ދެ ފަހަރުގެ ޗެމްޕިއަން ފްރާންސުން ފީފާ ވޯލްޑް ކަޕް 2026 ގެ ކުއާޓާ ފައިނަލުން ޖާގަ ކަށަވަރުކޮށްފިއެވެ.
އެމެރިކާގެ ފިލަޑެލްފިއާ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ވެގެންދިޔައީ 39 ޑިގްރީ ސެލްސިއަސްގެ ހޫނުމިނެއްގައި ކުޅެން ޖެހުމުން، ވޯލްޑް ކަޕް ތާރީހުގައި ވެސް އެންމެ ގަދަ ހޫނުގައި ކުޅެވުނު އެއް މެޗަށެވެ.
އަނިޔާގެ ސަބަބުން އޮރެލިއަން ޗުއަމެނީ ނުލައި މަނޫ ކޯނޭ ފުރަތަމަ 11 ގައި ހިމަނައިގެން ނުކުތް ފްރާންސް ޓީމަށް، މުޅި މެޗުގައި ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ޕެރަގުއޭގެ ބަދަހި ޑިފެންސް ފޫއަޅުވާލަން ވަރަށް ބޮޑަށް އުނދަގޫވިއެވެ.
ގަދަ 32 ގެ ބުރުގައި ހަތަރު ފަހަރުގެ ޗެމްޕިއަން ޖަރުމަނު ޕެނަލްޓީން ކަޓުވާލި ޕެރަގުއޭއިން މި މެޗުގައި ވެސް ޑިފެންސިވް ކުޅުމެއް ދައްކައި، ފުރަތަމަ ހާފު ނިންމާލީ ފްރާންސަށް ގޯލާ އަމާޒުކޮށް ނުރައްކާތެރި ހަމަލާއެއް ފޮނުވިޔަނުދީ ހިފަހައްޓައިގެންނެވެ.

ފީފާ ވޯލްޑް ކަޕް 2026 ގައި ޕެނަލްޓީ ކާމިޔާބުކުރުމަށްފަހު އެމްބާޕޭ--
ދެވަނަ ހާފުގައި ފްރާންސުން ކުރިއަށް ކުޅުންތެރިން ގިނަކޮށް ޕްރެޝަރު ބޮޑުކުރިއިރު، މެޗުގެ އޮއިވަރު ބަދަލުވީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޒުވާން ފޯވާޑް ޑެޒީރޭ ޑޫއޭގެ ސަބަބުންނެވެ.
މެޗުގެ 70 ވަނަ މިނެޓުގައި އޭރިއާ ތެރެއިން ޑޫއޭ ހަލުވިކަމާއެކު ދެ ކުޅުންތެރިން ކައިރިން ނައްޓާލަން އުޅުމުގެ ތެރޭގައި ޕެރަގުއޭގެ ޑިއޭގޯ ގޯމޭޒް ކުރި ފައުލަކަށް، ވީއޭއާރް ބެލުމަށްފަހު ރެފްރީ ވަނީ ފްރާންސަށް ޕެނަލްޓީއެއް ދީފައެވެ. މި ޕެނަލްޓީ ކާމިޔާބުކޮށްދިނީ ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭއެވެ.
މިއީ މިފަހަރުގެ ވޯލްޑް ކަޕްގައި އެމްބާޕޭ ޖެހި ހަތްވަނަ ލަނޑަށް ވާއިރު، އޭނާ ވަނީ ރަން ބޫޓުގެ ރޭހުގައި އާޖެންޓީނާގެ ލިއޮނެލް މެސީއާ އެއްވަރުވެފައެވެ. އަދި މިއީ ވޯލްޑް ކަޕް މުބާރާތްތަކުގައި އޭނާ ކުޅުނު 19 މެޗުން ކާމިޔާބުކުރި 19 ވަނަ ލަނޑުވެސް މެއެވެ.

ފީފާ ވޯލްޑް ކަޕް 2026 ގައި ފްރާންސާއި ޕެރަގުއޭ ބައްދަލުކުރި މެޗުގެ ތެރެއިން--
ލަނޑަށްފަހު ފްރާންސުން ހަމަޖެހިލައިގެން ކުޅުނު ނަމަވެސް، މެޗުގެ ފަހުކޮޅުގައި ޕެރަގުއޭގެ މައުރީޒިއޯ އޭރިއާ ބޭރުން ފޮނުވާލި ހަމަލާ ފްރާންސްގެ ކީޕަރު މައިކް މައިންނޯން ވަނީ ދިފާއުކޮށްފައެވެ.
އިތުރު ވަގުތުގެ އެންމެ ފަހު މިނެޓުކޮޅުގައި އެމްބާޕޭ ފުލުފުލުގައި ފޮނުވާލި ނުރައްކާތެރި ދެ ހަމަލާވެސް ޕެރަގުއޭގެ ކީޕަރު އޮލާންޑޯ ގިލް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ. މި މޮޅާއެކު ފްރާންސް ވެގެން ގޮސްފައިވަނީ ވެސްޓް ޖާމަނީއާއި ބްރެޒިލްއަށްފަހު، ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ޖެހިޖެހިގެން ހަތަރު ފަހަރު ވާދަކުރާ ތިންވަނަ ގައުމަށެވެ.
މުބާރާތުގެ ކުއާޓާ ފައިނަލުގައި ފްރާންސް ދެން ވާދަކުރަން ޖެހޭނީ އެފްރިކާގެ ވަރުގަދަ ބާރު، މޮރޮކޯއާ ދެކޮޅަށެވެ. މޮރޮކޯ އިން ކުއާޓާގެ ޖާގައެއް ކަށަވަރުކުރީ މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ ކެނަޑާ 3-0 ގެ ބޮޑު ނަތީޖާއަކުން ބަލިކޮށްގެންނެވެ.