ވޯލްޑް ކަޕް 2026: ދުނިޔޭގެ ޗާޓުން ޖާގަ ހޯދި ކޭޕް ވާޑް، މިއީ ހަގީގީ ޗެމްޕިއަނުން

ކޭޕް ވާޑްގެ ކީޕަރު ވޮޒީނިއާ، އޭނާ ވަނީ ވޯލްޑް ކަޕްގައި މޮޅު ކުޅުމެއް ދައްކާފައި--

ކޭޕް ވާޑަކީ މިއަހަރުގެ ފީފާ ވޯލްޑް ކަޕަށް ކޮލިފައިވި އެންމެ ކުޑަ ގައުމުތަކުގެ ތެރެއިން ދެވަނައަށް އެންމެ ކުޑަ ގައުމެވެ. ނަމަވެސް، 2026 ގެ މި މުބާރާތުގައި އެ ގައުމުން ދެއްކި ސަގާފަތާއި، ހިތްވަރާއި، އަދި ކުޅަދާނަކަމުގެ ސަބަބުން މުޅި ދުނިޔޭގެ ސަމާލުކަން މިވަނީ އެ ގައުމަށް ހުއްޓިފައެވެ.

ލިއޮނަލް މެސީ، ކްރިސްޓިއާނޯ ރޮނާލްޑޯ، އާލިން ހާލަންޑް އަދި ހެރީ ކޭން ފަދަ ދުނިޔޭގެ ނަން މަޝްހޫރު ތަރިންގެ ވާހަކަތަކަށްވުރެ ބޮޑަށް، މިއަހަރުގެ ވޯލްޑް ކަޕްގެ ފަލަ ސުރުޚީތަކުން ޖާގަ ހޯދީ މުބާރާތުގައި އަލަށް ވާދަކުރި މި ކުޑަކުޑަ ގައުމެވެ.

ކޭޕް ވާޑްގެ މި ތާރީޚީ ދަތުރުގައި ހުރިހާ ކަމެއްވެސް ފެނިގެންދިޔައެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ވަރުގަދަ ސްޕެއިންއާ ދެކޮޅަށް ކުޅެ 0-0 އިން އެއްވަރުކޮށް، ވޯލްޑް ކަޕްގެ ފުރަތަމަ ޕޮއިންޓް ހޯދައިދިނުމުގައި ގޯލްކީޕަރު ވޮޒީނިއާ ދެއްކި މޮޅު ކުޅުމާއި ސޭވްތަކަކީ ފާހަގަކޮށްލެވޭ ކަމެކެވެ.

އޭގެ ފަހުން އުރުގުއޭއާ ދެކޮޅަށް ކުޅުނު މެޗުގައި އެ ގައުމުން ވަނީ ވޯލްޑް ކަޕްގެ ތާރީޚުގައި އެމީހުންގެ ފުރަތަމަ ލަނޑުތައް ޖަހައި ސަޕޯޓަރުން ރޮއްވާލާފައެވެ.

މުބާރާތުގެ ފުރަތަމަ މެޗަށްފަހު ވޮޒީނިއާއަށް ރޮވިފައި--

އެންމެ ބޮޑު ސިހުމެއް ގެނެސްދިނީ ގަދަ 32 ގެ ބުރުގައި، އެންމެ ފަހުގެ ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. މިއާމީގައި ހުކުރު ދުވަހުގެ ރޭ ކުޅުނު މި ފޯރިގަދަ މެޗުގެ އިތުރު ވަގުތު ހަމަވިިއިރު، ކޭޕް ވާޑް ބަލިވީ 3-2 ގެ ހިތްދަތި ނަތީޖާއަކުންނެވެ. ނަމަވެސް، އެމީހުން މުބާރާތުން ވަކިވެގެން ދިޔައީ އެތައް މިލިއަން ބައެއްގެ ހިތްތަކުން ޖާގަ ހޯދާފައެވެ.

ދުނިޔޭގެ ރޭންކިންގެ 67 ވަނައިގައި އޮވެ މުބާރާތާ ކުރިމަތިލި ކޭޕް ވާޑް، ގްރޫޕް ސްޓޭޖުގެ ތިން މެޗުންވެސް އެއްވަރުވެގެން ދެވަނަ ބުރަށް ދިޔައިރު، އާޖެންޓީނާ މެޗުގައިވެސް ދޫދޭކަށް ބޭނުމެއް ނުވިއެވެ. މެޗުގައި މެސީ ޖެހި ލަނޑުން އާޖެންޓީނާ ކުރި ހޯދާފައިވަނިކޮށް، ކޭޕް ވާޑުން ވަނީ ލަނޑެއް ޖަހައި 1-1 އިން އެއްވަރުކޮށް މެޗު އިތުރު ވަގުތަށް ގެންގޮސްފައެވެ.

އިތުރު ވަގުތުގައި އާޖެންޓީނާއިން ދެވަނަ ފަހަރަށް ކުރި ހޯދުމުންވެސް، ސިޑްނީ ލޮޕޭޒް ކަބްރާލް ޖެހި ހިތްގައިމު ލަނޑާއެކު ކޭޕް ވާޑުން އަނެއްކާވެސް ނަތީޖާ ހަމަހަމަކުރިއެވެ. ނަމަވެސް، މެޗު ނިމެން 10 މިނިޓަށް ވެފައި ވަނިކޮށް، އާޖެންޓީނާގެ ކްރިސްޓިއަން ރޮމޭރޯ ބޮލުން ފޮނުވާލި ބޯޅަ، ކޭޕް ވާޑްގެ ޑިނޭ ބޯޖަސްގެ ގައިގައި ޖެހިފައި ބައިކޮޅަށް ވަނުމުން އެ ގައުމުގެ ހުވަފެންތަކުގައި ކޮޅުފައިން ޖެހުނެވެ.

ވޯލްޑް ކަޕުގައި ކޭޕް ވާޑްގެ ކުޅުންތެރިން ފަހު މެޗަށްފަހު--

އިންގްލޭންޑްގެ ކުރީގެ ޑިފެންޑަރު ގެރީ ނެވިލް އައިޓީވީގައި ވާހަކަ ދައްކަމުން ބުނީ މިއީ އޭނާގެ ހަޔާތުގައިވެސް ކުޑަ ގައުމަކުން ދެއްކި އެންމެ މޮޅު ކުޅުން ކަމަށެވެ. އަދި އެ ކުޅުންތެރިން ދަނޑުމަތީގައި ރޮމުންދިޔައީ އެނބުރި ގައުމަށް ދާން ބޭނުންނުވާތީ ކަމަށާއި، އެއީ ހިތްދަތި ނަމަވެސް ވަރަށް ޖަޒުބާތީ ވަގުތެއް ކަމަށް އޭނާ ބުންޏެވެ.

އެންމެ ބޮޑު އުފަލެއް ލިބުނު އެކަކަކީ ކޭޕް ވާޑްގެ ކޯޗެވެ. އޭނާ ފާހަގަކުރި ގޮތުގައި މިއީ ކުދި ގައުމުތަކަށް ލިބުނު ބޮޑު އުންމީދެކެވެ.

"އަހަރެމެން މިއީ ކުޑަ ގައުމެއް ކަމަށް ވިޔަސް، ދުނިޔޭގެ އެންމެ މޮޅު ޓީމުތަކާ ދެކޮޅަށް ކުޅެވޭނެކަން ސާބިތުކޮށްދީފިން. މިއީ އަހަރެމެންގެ ގައުމަށް ހޯދައިދެވުނު ތާރީޚީ ކާމިޔާބީއެއް." ކޯޗު ބުންޏެވެ.

މީގެއިތުރުން ކުޅުންތެރިންވެސް ވަނީ މި ވޯލްޑްކަޕާއެކު ދުނިޔޭގެ ޗާޓުން ކޭޕް ވާޑަކީ އޮތް ތަނެއްކަން މިހާރު ގިނަމީހުންނަށް އެނގިގެންދިޔަ ކަމަށެވެ.

"އަހަރެމެން މިވަނީ ދުނިޔޭގެ ޗާޓުގައި ކޭޕް ވާޑްގެ ނަން ފަވައިލާފަ. އަހަރެމެންނަކީ ކުޑަ ގައުމެއް، އެކަމަކު އަހަރެމެންގެ ހިތްތައް ބޮޑު،" ޓީމުގެ ސެންޓަރ ބެކް ރޮބާޓޯ ލޮޕޭޒް ބުންޏެވެ.

މިއަހަރުގެ 48 ޓީމުގެ ވޯލްޑް ކަޕް ފޯމެޓަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި ނަމަވެސް، ކޭޕް ވާޑްގެ ކުޅުމަށްފަހު ފާޑުކިޔުންތެރިންގެ ޚިޔާލު ބަދަލުވެއްޖެއެވެ. އިންގްލޭންޑްގެ ކުރީގެ ފޯވާޑް އިއަން ރައިޓް ބުނީ ފީފާއިން މިފަދަ ކުދި ގައުމުތަކަށް އެހީތެރިވެ، ފުރުސަތުތައް ފަހިކޮށްދޭންޖެހޭ ކަމަށެވެ.

އާޖެންޓީނާ ކޮޅަށް ލަނޑު ޖެހުމަށްފަހު ކޭޕް ވާޑްގެ ކުޅުންތެރިން--

މި މުބާރާތުގައި އެންމެ ބޮޑު މަގުބޫލުކަމެއް ހޯދީ އުމުރުން 40 އަހަރުގެ ކީޕަރު ވޮޒީނިއާއެވެ. ޕޯޗުގަލްގެ ދެވަނަ ޑިވިޜަންގެ ކްލަބަކާއެކު ހެދި ކޮންޓްރެކްޓް ހަމަވުމަށްފަހު، މިވަގުތު އެއްވެސް ކްލަބެއް ނެތް ނަމަވެސް، މި މުބާރާތުގައި އޭނާ ދެއްކި ހުޝިޔާރުކަމުގެ ސަބަބުން އަވަސް މުސްތަގުބަލެއްގައި މޮޅު ކްލަބަކުން ފުރުސަތު ލިބޭނެ ކަމަށް ބެލެވެއެވެ.

އާޖެންޓީނާ މެޗުގައި އެކަނިވެސް 8 ސޭވްއާއެކު، ވޮޒީނިއާ ވަނީ މިއަހަރުގެ ވޯލްޑް ކަޕްގައި ޖުމްލަ 18 ސޭވްކޮށް، އެންމެ ގިނަ ސޭވްކުރި ކީޕަރުންގެ ލިސްޓުގެ ތިންވަނަ ހޯދާފައެވެ.

ކޭޕް ވާޑްގެ މި 2026 ގެ ވޯލްޑް ކަޕް ދަތުރަކީ، ފުޓްބޯޅައިގައި ވަސީލަތްތަކާއި އާބާދީގެ ކުޑަބޮޑުމިނަށްވުރެ، ރޭވުންތެރިކަމާއި، ހިތްވަރާއި، އެއްބައިވަންތަކަމުން ކޮންމެ ފަދަ ހުރަހެއްވެސް ގިރާކުރެވިދާނެކަމުގެ ދިރިހުރި މިސާލެކެވެ.

އެމީހުން މިއަދު އެނބުރި ގައުމަށް ދަނީ ތަށި ހިފައިގެން ނޫން ކަމަށް ވިޔަސް، ދުނިޔޭގެ ފުޓްބޯޅަ ލޯބިވެރިންގެ އިހުތިރާމާއި ލޯބި ހިފައިގެންނެވެ.

comment ކޮމެންޓް