ފަސޭހަކަމާއެކު ކެނެޑާ ބަލިކޮށް ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލަށް މޮރޮކޯ

ފީފާ ވޯލްޑް ކަޕުގައި މޮރޮކޯއާއި ކެނެޑާ ބައްދަލުކުރި މެޗުގެ ތެރެއިން--

ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 16 ގެ މެޗުން 3-0 ގެ ނަތީޖާއަކުން ކެނެޑާ ބަލިކޮށް، މުބާރާތުގެ ކުއާޓާ ފައިނަލަށް މޮރޮކޯ ދަތުރުކޮށްފިއެވެ.

މިއާއެކު މި މުބާރާތް ބާއްވާ ޤައުމުތަކުގެ ތެރެއިން މުބާރާތުން ވަކިވާންޖެހުނު ފުރަތަމަ ޤައުމަކަށް ކެނެޑާ ވަނީ ވެފައެވެ.

2022 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ސެމީ ފައިނަލުގައި ކުޅުނު މޮރޮކޯ، ކުއާޓާ ފައިނަލުގައި ބައްދަލުކުރަން ޖެހޭނީ ފްރާންސް ނުވަތަ ޕެރަގުއޭއާއެވެ.

އެމެރިކާގެ ހިއުސްޓަން ސްޓޭޑިއަމުގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ގިނަ ކާޑުތަކެއް ފެނިގެންދިޔައިރު، މި ހާފުގައި ލަނޑެއް ފެނިފައެއް ނުވެއެވެ. އެކަމަކު ދެވަނަ ހާފު ފަށައިގެން ފަސްވަނަ މިނެޓުގައި މޮރޮކޯގެ މިޑްފީލްޑަރު އަޒެއްދީން އުނާހީ ވަނީ ލަނޑެއް ޖަހައި އެ ޓީމަށް ކުރިހޯދައިދީފައެވެ.

ކެނެޑާއިން ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތް ކުރަމުން ދަނިކޮށް، އުނާހީ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި ކެނެޑާގެ އުއްމީދުތައް ފަނޑުކޮށްލާފައެވެ. އަދި މެޗުގެ އެންމެ ފަހު ވަގުތުކޮޅުގައި މޮރޮކޯގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ސޫފިއާން ރަހީމީއެވެ.

ފީފާ ވޯލްޑް ކަޕުގައި މޮރޮކޯއާއި ކެނެޑާ ބައްދަލުކުރި މެޗުގެ ތެރެއިން--

68،777 ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ކެނެޑާއިން މޮރޮކޯއަށްވުރެ ރަނގަޅު ކުޅުމެއް ދެއްކިއެވެ. މިއީ އެ ޤައުމުގެ ފުޓްބޯޅަ ތާރީޚުގައި މުޅިން އަލަށް ވޯލްޑް ކަޕް މެޗަކުން މޮޅުވެ، އަދި ނޮކްއައުޓް ބުރަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.

ދަނޑުގައި މޮރޮކޯގެ ސަޕޯޓަރުން ގިނަ ނަމަވެސް، ކެނެޑާއިން މެޗު ފެށީ ވަރަށް އިތުބާރާއެކުގައެވެ. އެގޮތުން މެޗުގެ 10 ވަނަ މިނެޓުގައި ކެނެޑާގެ ޓާނީ އޮލުވާސޭއީ ފޮނުވާލި ނުރައްކާތެރި ހަމަލާއެއް މޮރޮކޯގެ ކީޕަރު ޔާސީން ބޫނޫ ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މީގެ އިތުރުން ކެނެޑާއަށް ލިބުނު ކޯނަރެއްގައި އެލިސްޓެއާ ޖޯންސްޓަންއަށް ލިބުނު ހުސް ފުރުސަތެއްގެ ބޭނުން ނުހިފުނުއިރު، މޮރޮކޯއަށް ވަނީ ކެނެޑާގެ ހަމަލާތަކުގެ ސަބަބުން ވަރަށް ބޮޑަށް ބާރުބޮޑުވެފައެވެ.

މެޗުގެ 20 ވަނަ މިނެޓުގައި މޮރޮކޯގެ އިސްމާއީލް ސައިބާރީއަށް އަނިޔާވެ ބަދަލުކުރަން ޖެހުމަކީ އެ ޓީމަށް ކުރިމަތިވި ހީނަރުކަމެކެވެ. އޭނާގެ ބަދަލުގައި ކުޅެން އެރި ރަހީމީ ވަނީ ކުޅެން އެރިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ.

ފުރަތަމަ ހާފު ނިމެން ކުޑަތަންވެފައި ވަނިކޮށް ދެ ޓީމުގެ ކުޅުންތެރިންގެ މެދުގައި ހޫނު ބަހުގެ ހަމަލާތަކެއް ބަދަލުކުރެވި، ހަމަނުޖެހުމެއް ހިނގިއެވެ. މި ހަމަނުޖެހުމާ ގުޅިގެން މޮރޮކޯގެ ކެޕްޓަން އަޝްރަފް ހަކީމީ އާއި ކެނެޑާގެ ރިޗީ ލަރޭއާއަށް ރީނދޫ ކާޑު ދެއްކިއެވެ. ރެފުރީ މައިކަލް އޮލިވާ ވަނީ ފުރަތަމަ ހާފުގައި ޖުމްލަ ހަ ކުޅުންތެރިއަކަށް ރީނދޫ ކާޑު ދައްކާފައެވެ.

ދެވަނަ ހާފުގައި މޮރޮކޯ ފެނުނީ މުޅިން ތަފާތު، ވަރުގަދަ ޓީމެއްގެ ގޮތުގައެވެ. ދެވަނަ ހާފު ފެށިގެން ފަސް މިނެޓުގެ ތެރޭގައި ހަކީމީ ތަނަވަސްކޮށްދިން ފުރުސަތަކުން އުނާހީ ވަނީ ހިތްގައިމު ލަނޑެއް ޖަހައި މޮރޮކޯއަށް ލީޑު ހޯދައިދީފައެވެ. މި ހަމަލާ ދިފާއުކުރުމަށް ކެނެޑާގެ ކީޕަރު މެކްސިމް ކްރެޕޯ މަސައްކަތް ކުރި ނަމަވެސް، އޭނާގެ ކުރިމަތީގައި ތިބި ދިފާއީ ކުޅުންތެރިންގެ ސަބަބުން ބޯޅަ ރަނގަޅަށް ނުފެނުމާއި، ރަހީމީގެ ފައިދަށުން ބޯޅަ ދިޔުމުގެ ސަބަބުން އެ ބޯޅަ ހުއްޓުވޭގޮތެއް ނުވިއެވެ.

މެޗުގެ 82 ވަނަ މިނެޓުގައި އުނާހީ ވަނީ ކައުންޓަރ އެޓޭކެއްގައި އޭނާގެ ދެވަނަ ލަނޑު ކާމިޔާބުކޮށް، މޮރޮކޯގެ މޮޅު ކަށަވަރުކޮށްދީފައެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި އަށްވަނަ މިނެޓުގައި ރަހީމީ ވަނީ މޮރޮކޯގެ ތިންވަނަ ލަނޑު ޖަހައި، އެ ޓީމު މުބާރާތުގެ ކުއާޓާއަށް ގެންގޮސްދީފައެވެ.

comment ކޮމެންޓް