ހުޅުމާލެ ފޭސްދޭއްގެ ނިރޮޅުމަގު، ކޭޕީއެސް ކައިރީގައި ޕާކުކޮށްފައި ހުރި ކާރުތަކަކަށް ގެއްލުން ދިން މައްސަލައެއްގައި 25 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. ފޭދޫ، ފަލަސް، ހުސައިން ލައިޒު އަދުނާނެވެ.
ފުލުހުން ބުނި ގޮތުގައި، މީހަކު ކާރުތަކަކަށް ގެއްލުންދެމުންދާ ކަމުގެ މައުލޫމާތު ލިބިފައިވަނީ އިއްޔެ ހެނދުނު 07:36 އެހައިކަންހާއިރުއެވެ.
މި ރިޕޯޓާ ގުޅިގެން ފުލުހުން އެ ސަރަހައްދު ބަލަމުންދަނިކޮށް، ނިރޮޅުމަގު ރެއިންބޯ ސައިޓް ކުރިމަތިން އާންމުންގެ ބަޔަކު މީހަކު ހިފަހައްޓައިގެން ތިއްބާ ފެނިގެން ފުލުހުން ވަނީ އެ މީހާ ބެލުމުގެ ދަށަށް ގެނެސްފައެވެ.
މި މީހާގެ މައްޗަށް ތުހުމަތު ކުރެވެނީ ސައިކަލެއް ވައްޓާލައި، ނިރޮޅުމަގުގައި ޕާކުކޮށްފައި އޮތް ފަސް ކާރަކަށް އެކި ވަރުގެ ގެއްލުން ދީފައިވާ ކަމަށެވެ. މި އަމަލު ހިންގި ސަބަބެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.
ހުސައިން ލައިޒު އަދުނާނުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާ 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.