ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި ހިނގުމަކީ އެންމެ ފަސޭހަ އަދި އެންމެ ފައިދާހުރި އެއް މަގު ކަމުގައި ޒަމާނުއްސުރެ ބެލެވިފައިވެއެވެ.
މިއީ އެއްވެސް ޚާއްސަ އާލާތެއް ބޭނުން ނުކޮށް، ހަށިގަނޑުގެ ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމަށާއި، ހިތުގެ ދުޅަހެޔޮކަމަށާއި، ލޭގައި ހުންނަ ހަކުރުގެ މިންވަރު އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދޭ ކަމެކެވެ.
ނަމަވެސް، ދާދިފަހުން ކުރެވުނު ދިރާސާއަކުން ދައްކާގޮތުގައި، ދުވާލުގެ އެކި ވަގުތުތަކަށް ބަހާލައިގެން ކުރާ މަދު ސްކޮޓްސްތަކަކުން، ކެއުމަށްފަހު ލޭގައި ހުންނަ ހަކުރުގެ މިންވަރު ކޮންޓްރޯލް ކުރުމަށް މާ ބޮޑު އެހީއެއް ލިބެއެވެ. މިއީ ހައިރާން ކުރުވަނިވި ހޯދުމެކެވެ.

މީހަކު ސްކޮޓްސް ހަދަނީ -- ފޮޓޯ/ ވިމެންސްހެލްތު
ގަވާއިދުން ސްކޮޓްސް ހެދުމުން ލޭގައި ހުންނަ ހަކުރުގެ މިންވަރު ކޮންޓްރޯލް ކުރުމަށް، މެދުނުކެނޑި 30 މިނެޓު ހިނގުމަށްވުރެ %40 އިތުރަށް ބާރުއަޅައިދޭ ކަމަށް ދިރާސާވެރިން ބުނެއެވެ.
މީގެ ދެ އަހަރު ކުރިން "އިށީނދެގެން ތިބޭ ވަގުތުތައް މެދުކަނޑާލައި މަސްތަކުގެ ހަރަކާތްތެރިކަން އިތުރުކުރުމުން ހަކުރުބަލީގެ ކޮންޓްރޯލް ރަނގަޅުވުން" މި ސުރުޚީގެ ދަށުން ކުރިއަށްގެންދިޔަ ދިރާސާއަކުން ދައްކާގޮތުގައި، ކޮންމެ 45 މިނެޓަކުން 10 ސްކޮޓްސް ހެދުމަކީ، އެއްފަހަރާ 30 މިނެޓު ހިނގުމަށްވުރެ، ކެއުމަށްފަހު ލޭގައި ހަކުރު މަތިވުން ދަށްކުރުމަށް މާ ފައިދާހުރި ގޮތެކެވެ.
މި ދިރާސާގައި ބަރުދަން އިތުރު 18 ފިރިހެނުން ބައިވެރިކޮށް، ހަތަރު ގޮތަކަށް އެ މީހުންގެ ހަރަކާތްތެރިކަން ބެލުނެވެ. އެއީ، މެދުނުކެނޑި އިށީނދެގެން ތިބުން، އެއްފަހަރާ 30 މިނެޓު ހިނގުން، ކޮންމެ 45 މިނެޓަކުން ކުޑަކޮށް ހިނގާލުން، އަދި ކޮންމެ 45 މިނެޓަކުން ސްކޮޓްސް ހެދުމެވެ.
މި ހޯދުންތަކުން ދެއްކި ގޮތުގައި، އެއްވެސް ހަރަކާތެއް ނެތި އިށީނދެގެން ތިބުމަށްވުރެ ކޮންމެ ކަހަލަ ހަރަކާތެއް ކުރި ނަމަވެސް ސިއްހަތަށް އެކަމުން ފައިދާކުރެއެވެ. އެހެންނަމަވެސް، އެއްފަހަރާ ކަސްރަތު ކުރުމަށްވުރެ، ގަވާއިދުން ހަރަކާތްތެރިވެ އިށީނދެގެން ތިބޭ ވަގުތުތައް މެދުކަނޑާލުމުން ލޭގެ ހަކުރު ކޮންޓްރޯލް ކުރުމަށް ބޮޑު ބަދަލެއް އާދެއެވެ.

ހިނގުމަކީ އެންމެ ފަސޭހައިން ކުރެވޭ ކަސްރަތަށް ވާއިރު, އޭގެ ސަބަބުން ހަށިގަނޑުގެ މެޓަބޮލިޒަމް ހަލުވިކޮށްދިނުމަށް އެހީތެރިވެދޭ--ފޮޓޯ/އެންޑީޓީވީ
ގިނަ ވަގުތު އިށީނދެގެން ތިބުމަކީ ލޭގެ ހަކުރު ހިފެހެއްޓުމަށް ހަށިގަނޑަށް އޮންނަ ގާބިލިއްޔަތު ދަށްކޮށްދޭ ކަމެކެވެ. ދުވާލުގެ އެކި ވަގުތުތަކުގައި ކުޑަ ވަގުތުކޮޅަކަށް ހަރަކާތްތެރިވުމުން، ހަށިގަނޑުގެ ބޮޑެތި މަސްތައް ހޭލައްވައިލެވެއެވެ.
މީގެ ސަބަބުން، ހަމައެކަނި އެއް ވަގުތެއްގައި ކުރާ ކަސްރަތަށް ބަރޯސާވުމުގެ ބަދަލުގައި، މުޅި ދުވާލު ލޭގައި ހުންނަ ހަކުރު ދަމައިގަތުމަށް މަސްތަކަށް ފުރުސަތު ލިބެއެވެ.
ހިނގުމަކީ އެންމެ ފަސޭހައިން ކުރެވޭ ކަސްރަތަށް ވާއިރު، އޭގެ ސިއްހީ ފައިދާތަކުގެ ތެރޭގައި، ބަރުދަން ކޮންޓްރޯލް ކުރުމަށް އެހީތެރިވުން، ހަށިގަނޑުގެ މެޓަބޮލިޒަމް ހަލުވިކޮށްދިނުން، ކާބޯހައިޑްރޭޓްސް އާއި ސަރުބީ އަންދާ މިންވަރު ހަމަހިފެހެއްޓުން، ބަނޑުހައިވުމާ ގުޅޭ ހޯމޯންތައް ރެގިއުލޭޓް ކުރުން އަދި ހިތުގެ ދުޅަހެޔޮކަމާއި މެޓަބޮލިކް ސިއްހަތު ރަނގަޅުކުރުން ހިމެނެއެވެ.
ގަވާއިދުން ސްކޮޓްސް ހެދުމުން ލިބޭ ފައިދާތަކުގެތެރޭ، ހަށިގަނޑުގެ ތިރީބައިގެ ވަރުގަދަކަން އިތުރުކުރުމާއި ހިފެހެއްޓުން، ފަލަމަސްގަނޑު ފަދަ ބޮޑެތި މަސްތައް ހަރަކާތްތެރި ކުރުވުން، ހަށިގަނޑުގެ ބެލެންސް ހިފެހެއްޓުމާއި، ވެއްޓުމުގެ ފުރުސަތު ކުޑަކޮށްދިނުން އަދި ކަށީގެ ވަރުގަދަކަން އިތުރުކޮށްދިނުން ހިމެނެއެވެ.