ޑޮލަރުގެ އަގު ދަށްނުވަނީ ދަރަނި އަލުން އެކުލަވާލުމުގެ ޕްރޮގްރާމެއް ނެތި ޚަރަދުކުރާ މިންވަރު ދައްނުވާތީ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެެވެ.
ޑޮލަރުގެ އަގު ދަށް ނުވަނީ ކީއްވެތޯ، ކުރީގެ ދެ ރައީސުން، މުހައްމަދު ނަޝީދާއި އިބްރާހިމް މުހައްމަދު ޞާލިހުގެ އަރިހުގައި ސުވާލުކުރަން ފެނިވަޑައިގަންނަވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވަނީ ވިދާޅުވެފައެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ސައީދު ވަނީ ރާއްޖެ ދަރަނިވެރިވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް މި ގައުމުގެ އިގުތިސާދަކީ އިތުބާރު އޮތް އިގުތިސާދެއްގެ ގޮތުގައި ގާއިމުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތެއް ކަމަށާއި އެކަމަކީ ރައީސް ޞާލިހަށް ނުވި ކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖެ ދަރުވާލީ ޞާލިހު ކަމަށް މިނިސްޓަރު ވަނީ ތުހުމަތުކުރައްވާފައެވެ.
ނަޝީދު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ޑޮލަރުގެ އަގު ދަށް ނުވަނީ ދަރަނި އަލުން އެކުލަވާލުމުގެ ރަނގަޅު ޕްރޮގްރާމެއް ނެތުމުގެ އިތުރުން ޑޮލަރު ޚަރަދުކުރާ މިންވަރު ދައްނުވާތީ ކަމަށެވެ.
މި ސަރުކާރު ވެރިކަމަށް އައީ ޑޮލަރުގެ މައްސަލަ ހައްލުކޮށް، ކަޅުބާޒާރު ނިމުމަކަށް ގެންނާނެ ކަމުގެ ވައުދާއެކުގައެވެ. ނަމަވެސް ސަރުކާރަށް ދެ އަހަރު ފުރި ތިން އަހަރާ ގާތްވަމުން އަންނައިރުވެސް ޑޮލަރުގެ މައްސަލައަށް ހައްލެއް ނުލިބި، އާންމުން ދަނީ ޑޮލަރު ލިބުން ދަތިވުމުގެ ޝަކުވާ ކުރަމުންނެވެ.
މީގެ އިތުރުން އިންފްލޭޝަން މަތިވެ ތަކެތީގެ އަގު އަތްނުފޯރާ ފަށަށް ދިއުމުގެ ކަންބޮޑުވުން ވެސް ރައްޔިތުން ދަނީ ފާޅުކުރަމުންނެވެ.