އަންނަ އަހަރުގެ ކައުންސިލް ބްލޮކް ގްރާންޓަށް 2.5 ބިލިއަން ރުފިޔާ، ފިނޭންސް މިނިސްޓްރީން ކަނޑައަޅައިފިއެވެ.
ކައުންސިލްތަކަށް އެންމެ ފުރަތަމަ ބްލޮކް ގްރާންޓް ދޫކުރަން ފެށީ 2020ވަނަ އަހަރެވެ. އެގޮތުން، ބްލޮކް ގްރާންޓްގެ ގޮތުގައި ކައުންސިލްތަކަށް ދެނީ ދައުލަތުގެ އާމްދަނީގެ ފަސް އިންސައްތައެވެ. މިދިޔަ އަހަރު ކައުންސިލްތަކަށް ބްލޮކް ގްރާންޓަށް 2.15 ބިލިއަން ރުފިޔާ ދޫކުރިއިރު، އޭގެ ކުރީ އަހަރު 2.25 ބިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.
ކައުންސިލްތަކަށް ބްލޮކް ގްރާންޓް ދޫކުރަނީ ރައްޔިތުން ބޭނުންވާ ކަންކަމަށް އިންވެސްޓުކޮށް، ކައުންސިލްތަކަށް އާމްދަނީ ހޯދުމަށާއި، ރައްޔިތުންނަށް މުނިސިޕަލް ޚިދުމަތް ފޯރުކޮށްދިނުމަށެވެ.
ފިނޭންސް މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ވަނީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގެ ދަށުން އެ މިނިސްޓްރީން ދައުލަތުގެ އަހަރީ ބަޖެޓު ތައްޔާރުކޮށް، ބަޖެޓު އެކުލަވައިލެވޭ މާލީ އަހަރު ފެށުމުގެ ދެ މަސް ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖެހޭ ކަމަށެވެ. އަދި އެ މަސައްކަތުގެ ދަށުން ކައުންސިލްތަކުން މެދުރާސްތާ ބަޖެޓު ތައްޔާރުކޮށް މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު -- ފޮޓޯ: ރައީސް އޮފީސް
އެއާއެކު ބަޖެޓާ ގުޅޭ މައުލޫމާތުތައް ހިއްސާކުރާނީ މިނިސްޓްރީގެ ސާކިއުލާގައި ކަނޑައަޅާފައިވާ ފޯމެޓުތަކާ އެއްގޮތަށް ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އަދި ކައުންސިލްތަކުން ބަޖެޓު ތައްޔާރުކުރާއިރު ހިމަނަންޖެހޭ ކަންތައްތަކަކީ:
- ދައުލަތުން ބްލޮކް ގްރާންޓްގެ ގޮތުގައި ދޭ ހިލޭ އެހީ
- ސަރުކާރުގެ އިދާރާތަކުން ކޮންޑިޝަނަލް ގްރާންޓްގެ ގޮތުގައި ދޭ ހިލޭ އެހީ
- ކައުންސިލްތަކުގެ ޓްރަސްޓް ފަންޑް
- ކައުންސިލްތަކަށް ލިބޭ އިތުރު އާމްދަނީ
ފިނޭންސް މިނިސްޓްރީން ބުނީ ބްލޮކް ގްރާންޓްގެ ގޮތުގައި ދޭ ހިލޭ އެހީގެ ބަޖެޓު ތައްޔާރުކުރަން ވާނީ އަންނަ އަހަރުން ފެށިގެން 2029 ވަނަ އަހަރަށް ކައުންސިލްތަކަށް ބްލޮކް ގްރާންޓްގެ ގޮތުގައި ދިނުމަށް ކަނޑައެޅޭނެ ކަމަށް އެ މިނިސްޓްރީން ލަފާކުރާ އަދަދުތަކަށް ވުރެ ބޮޑު ނުވާނެ ގޮތަކަށް ކަމަށެވެ. ނަމަވެސް ކައުންސިލްތަކުން ބަޖެޓު ފައިނަލް ކުރާނީ ގާނޫނުގައިވާ ގޮތުގެ މަތިން އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓު ފާސްކުރުމުން، އެ ބަޖެޓުގައިވާ އަދަދުތަކަށް ރިއާޔަތްކޮށްގެން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އެހެންކަމުން ހުރިހާ ކައުންސިލްތަކުން ވެސް މިނިސްޓްރީގެ ސާކިއުލާއާ އެއްގޮތްވާ ގޮތުގެ މަތިން އަންނަ އަހަރުން 2029 ގެ ނިޔަލަށް ލަފާކުރާ ބަޖެޓު، ސެޕްޓެމްބަރު 18، 2026 ގެ ކުރިން މިނިސްޓްރީއަށް ހުށަހެޅުމަށް ފިނޭންސް މިނިސްޓްރީން ވަނީ އެދިފައެވެ.
މި އަހަރުގެ ފުރަތަމަ ދެ މަސް ތެރޭ އެކަނި ވެސް ސަރުކާރުން ކައުންސިލްތަކަށް 422.7 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު މިއީ 18 އިންސައްތައިގެ އިތުރުވުމެކެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރި ގޮތުގައި އެއީ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ސަރުކާރުން ކުރި ކަމެކެވެ.
ދައުލަތުގެ އެހެން އިދާރާތަކަށް އަހަރަކު ކަނޑައަޅާ ބަޖެޓުން ފައިސާ ބާކީވި ނަމަވެސް، އެ އަހަރެއް ނިމުމުން އެ ފައިސާއެއް އަލުން ނުލިބޭނެއެވެ. ނަމަވެސް ކައުންސިލްތަކަށް ލިބޭ ބްލޮކް ގްރާންޓުން ބާކީ ހުންނަ ފައިސާ ރައްކާ ކުރެވޭނެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒާއި ވެރިކަން ކުރާ ޕާޓީއަށް ނިސްބަތްވާ ބައެއް ބޭފުޅުން މީގެ ކުރިން ވަނީ، ކައުންސިލްތަކަށް ފައިސާ ދޫކުރާ ގޮތާއި އެ ފައިސާ ބޭނުންކުރާ ގޮތާ ގުޅޭ ގޮތުން ނުރުހުން ފާޅުކުރައްވައިފައެވެ.
މިދިޔަ އަހަރުގެ އޮގަސްޓު މަހު ރައީސް ވަނީ، ކައުންސިލްތަކުގެ ހުރިހާ މެންބަރުން ހިމެނޭ ގޮތަށް، ބައެއް ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުން ވެސް އެއްވެސް ފައިދާއެއް ނުވާނެ ފަދަ ތަޖުރިބާ ދަތުރުތައް ކުރާކަން ފާހަގަކުރައްވައިފައެވެ. އަދި އެއްވެސް ރަށެއްގެ ރައްޔިތަކަށް ނޫނީ އަތޮޅެއްގެ ރައްޔިތަކަށް ފައިދާ ނުވާނޭ ގޮތަށް ބޭރު ގައުމުތަކަަށް ކުރާ އެފަދަ ދަތުރުތަކާ ގުޅޭ ގޮތުން އެ މަނިކުފާނު ނުރުހުން ފާޅުކުރެއްވިއެވެ.
މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި މިހާރު ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ނާޒިމް އެކި ފަހަރު މަތިން، އާމްދަނީގެ ފަސް އިންސައްތަ ކައުންސިލްތަކަށް ބޮލްކް ގްރާންޓްގެ ގޮތުގައި ދޭންޖެހޭ ގޮތަށް އޮތް އޮތުމަކީ މައްސަލައެއް ކަމަށް ވިދާޅުވެފައިވެއެވެ. އެގޮތުން އާމްދަނީ އިތުރުވާ ވަރަކަށް ކައުންސިލްތަކަށް ދޭން ޖެހޭ ފައިސާ އިތުރުވާ ކަމަށާއި ނަމަވެސް ކައުންސިލްތަކަށް ޚަރަދު ނުކުރެވި، ބޭންކްގައި 'ގަނޑުވެފައި' ގިނަ އަދަދަކަށް ފައިސާ ހުންނަކަން އޭނާ ފާހަގަކުރައްވައިފައިވެއެވެ.