އީފާސް ބޭނުންކުރުމުގައި ހުރި ގޮންޖެހުންތައް ޕީއެންއެފުން، އިލެކްޝަންސް ކޮމިޝަން (އީސީ)އާ މިއަދު ހިއްސާކޮށްފިއެވެ.
އެ ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ޕީއެންއެފުގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވީ، ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމުގައި އީފާސް ބޭނުންކުރަން ޖެހުމުން ގިނަ ދަތިތަކެއް ކުރިމަތިވަމުން އަންނަ ކަމަށެވެ.
މިގޮތުން، އަތޮޅުތެރޭގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހުން އީފާސް މެދުވެރިކޮށް މުއާމަލާތް ކުރާއިރު، ފޯނު ނަމްބަރާއި އީމެއިލް ދިމާނުވުން ފަދަ ދަތިތައް ދިމާވާކަން މަލީހު ފާހަގަކުރެއްވިއެވެ.
އެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އީސީއާއި ހޯމް މިނިސްޓްރީއާއި ލޯކަލް ގަވަނަންސް އޮތޯރިޓީ (އެލްޖީއޭ) ގުޅިގެން މަސައްކަތް ކުރުމަށް ޕީއެންއެފުން ވަނީ ގޮވާލައިފައެވެ.

ޕީއެންއެފުގެ މެންބަރުންނާ އީސީން ބައްދަލުކުރަނީ: އެ ބައްދަލުވުމުގައި ޕީއެންއެފުން ވަނީ، އީފާސް ބޭނުންކުރުމުގައި ހުރި ގޮންޖެހުންތައް އީސީއާ ހިއްސާކޮށްފައި --- ފޮޓޯ/ އީސީ
މަލީހް އިތުރަށް ވިދާޅުވީ، ނިމިދިޔަ ކައުންސިލް އިންތިޚާބުގައި އީފާސްގެ ސަބަބުން ގިނަ ބައެއްގެ އިންތިޚާބީ ހައްގުތައް ގެއްލުނު ކަމަށެވެ.
އޭނާ ވިދާޅުވީ، އެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރާނެ ކަމާއި ސަރުކާރުގެ ނުފޫޒަށް ތަބާވެގެން ކަންކަން ނުކުރާނެ ކަމުގެ ޔަގީންކަން އީސީގެ މެންބަރުން ދެއްވި ކަމަށެވެ.
ފާހަގަކުރެވޭ ގޮތުގައި، ކައުންސިލް އިންތިޚާބުގައި ކެންޑިޑެންސީ ހުށަހަޅަން އީފާސް ބޭނުން ކުރަން ޖެހުމާއި މިނިވަން ކެންޑިޑޭޓުންގެ ތާއިދު ހޯދަން އީފާސް މެދުވެރިކޮށް ފޯމު ފުރަން ޖެހޭތީ ހައި ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅިއެވެ. އެކަމަކު، އެ މައްސަލަ ބަލައިނުގަތުމަށް އޭރު ކޯޓުން ވަނީ ނިންމާފައެވެ.