އަތޮޅު ކައުންސިލްތަކުން ގެއްލުނު ވަޒީފާތަކަކީ ސިވިލްސާވިސްގައި ގެންގުޅޭ މިންގަނޑުތަކުގެ ތެރެއިން ގެއްލުނު ވަޒީފާތައް ކަމަށާއި ޖުމްލަ ގޮތެއްގައި އަތޮޅު ކައުންސިލުތަކުން މާ ގިނަ ވަޒީފާތަކެއް ނުގެއްލޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އެފަދައިން ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަތޮޅު ކައުންސިލްތައް އުވާލުމުން އެތަނުގައި މަސައްކަތްކުރި ބައެއް މުއައްޒަފުންގެ ވަޒީފާ ގެއްލިފައިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުން އަންނަ ވަގުތެއްގައެވެ،
އެ ފަރާތްތަކަށް ދެރަގޮތެއް ވިޔަނުދިނުމަށް ސަރުކާރުން އަޅައިފައިވާ ފިޔަވަޅުތަކާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވަނީ އަތޮޅު ކައުންސިލްތައް އުވިގެން ދިޔައިރު ޖުމްލަކޮށް މުވައްޒަފުންގެ ވަޒީފާ ނުގެއްލޭކަމަށް ވިދާޅުވެފައެވެ.
ނަމަވެސް އެ ތަންތަނުގައި މަސައްކަތްކުރާ އެސްޖީންގެ ފަދަ މަގާމުތަކުގައި ތިބި ބޭފުޅުންގެ ވަޒީފާ ގެއްލިފައިހުރެދާނެ ކަމަށާއި އެއީ ސިވިލް ސާވިސްއިން ގެންގުޅޭ މިންގަނޑުގެ ދަށުން ގެއްލިފައިވާ ވަޒީފާތައް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މުއައްސަސާއެއް އުވިގެންދާއިރު އެ މުއައްސަސާއެއްގެ ޕީއެސް ނުވަތަ އެސްޖީއަކަށް ނުވަތަ ޒިންމާދާރު ވެރިޔާއަކަށް ހުންނަ ފަރާތުގެ މަގާމަކީ އުވޭ މަގާމެއް ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބިފަ އޮންނަނީ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު
ރައީސް ވިދާޅުވީ އަތޮޅު ކައުންސިލްތަކުގެ އޮފީސްތައް މިހާރު ބަދަލުކުރެވިފައިވަނީ އެ އަތޮޅެއްގައި އެކި ކަހަލަ ޚިދުމަތްތައް ދިނުމަށް ކަނޑައެޅިފައިވާ އޮފީހަކަަށް ކަމަށެވެ. އަދި އެ ޚިދުމަތްތައް ދިނުމުގައި އެ ތަންތަނުގެ މުއައްޒަފުން މިހާރު ވެސް އެ އޮފީސްތަކުގައި މަސައްކަތްކުރާ ކަމަށާއި މުއައްޒަފުންގެ މުސާރަ ވެސް ކުޑަވެފައިނުވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު: ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ: ރައީސް އޮފީސް
އެހެންކަމުން ސަރުކާރުން މަސައްކަތްކުރަނީ އެ އޮފީސްތައް އެއްވެސް ތަފާތުކުރުމެއްނެތި، މުއައްޒަފުންގެ އަދަދުވެސް މަދުކުރުމެއްނެތި ހިންގުމަށް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ނަމަވެސް ކައުންސިލްތައް އުވުނެއްކަމަކު އަތޮޅުގައި ވެރިކަންކުރާ ރަށްތަކުގައި ހުރި މުދާ އަތޮޅުގެ ރައްޔިތުން އަތުން ނުނަގާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މިސާލަކަށް އަތޮޅު ގެ، އަތޮޅުގެ އަކީވެސް ހަމަ އެ އަތޮޅުގެ މިލްކެއް. އެ ތަންތަނެއް ނަގާ އެހެން އެއްވެސް ފަރާތަކަށް ނުވެސް ދޭވޭނެ. އެ ތަންތަން ބަލަހައްޓަން އަޅުގަނޑުމެން ފިނޭންސް މިނިސްޓްރީއިން ކުރަންޖެހޭ މަސައްކަތް ކުރާނެ. ހަމަ އަތޮޅު ރައްޔިތުންގެ ފައިސާ އެއީ. އަތޮޅު ފިހާރަތަކުން ލިބޭ ފައިސާއަކީ ވެސް އެ އަތޮޅުގެ ރައްޔިތުންގެ ފައިސާ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު
ރައީސް ވަނީ އުވިގެން ދިޔައީ އަތޮޅު ކައުންސިލްގެ ގޮތުގައި އޮތް ކައުންސިލް އެކަނި ކަމަށާއި ނަމަވެސް އެ އޮފީހުން ދެމުންދިޔަ ޚިދުމަތްތައް ލާމަރުކަޒީކޮށް މިހާރު ވެސް ދެމުންދާ ކަމަށެވެ.
އަތޮޅު ކައުންސިލުތައް އުވާލަން ގާނޫނުއަސާސީއަށް ގެނައި އިސްލާހުތައް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގުކުރެއްވީ ނިމުނު 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހެވެ.
އެއަށްފަހު އަތޮޅު ކައުންސިލްތައް އުވާލައި ލޯކަލް ގަވަމެންޓް އޮތޯރެޓީ އެލްޖީއޭއިން އަތޮޅުތަކުގައި ގާއިމްކުރާ އޮފީސްތަކަށް ސިޔާސީ ވެރިން ނުލައްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވީ ނިމުނު މޭމަހުގެ 22 ވަނަ ދުވަހުގައެވެ.
އޭރުވެސް ސަރުކާރުން ވަނީ އެ އޮފީސްތަކުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ މުސާރައާއި މަގާމުތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ވިދާޅުވެފައެވެ.