ދޮޅު ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ޢަލްޔާ ޝަރްސާ ނަޞީރު، އޭނާއާއެކު ހައްޔަރުކޮށްފައިވާ އާމިނަތު ރޫނާގެ މައްޗަށް ގްރޫމް ކުރުމުގެ ތުހުމަތުކޮށްފިއެވެ.
ރާއްޖެއަށް ވައިގެ މަގުން މިދިޔަ އޭޕްރިލް މަހުގެ 17ވަނަ ދުވަހު މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި އެންމެ ފުރަތަމަ ހައްޔަރުކުރީ ޢަލްޔާއެވެ. ޢަލްޔާ އެއާޕޯޓުން ހައްޔަރުކުރީ ރާއްޖެ އައިސް ކަސްޓަމްސްއިން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރުމުންނެވެ. އެއަށްފަހު، ހަމަ އެ ރޭގެ ވަގުތެއްގައި ރޫނާ ހައްޔަރުކުރީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހުޅުމާލޭގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.
އެ ދެ މީހުންގެ ބަންދު މުރާޖައާކުރުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޢަލްޔާގެ ފަރާތުން ބުނީ، އޭނާއަކީ ނަފުސާނީ ހާލަތު ހުރިގޮތުން އަމިއްލަ ނަފުސު ނުރައްކަލަށް ހުށަހެޅުނު މީހެއް ކަމަށާއި، ރޫނާއާ ދިމާވީ އެކަމާ ގުޅިގެން ފަރުވާ ހޯދުމުގެ ތެރެއިން ކަމަށެވެ.
ޢަލްޔާގެ ފަރާތުން ތުހުމަތުކުރީ، ރޫނާ އޭނާ ގްރޫމްކޮށް ކުށްކުރަން ބޭނުންކުރި ކަމަށާއި، އެކަމަށް ޓަކައި އޭނާ ރާއްޖޭން ބޭރަށް ފޮނުވަމުން ދިޔަ ކަމަށެވެ.
ރޫނާގެ ފަރާތުން ބުނީ، އޭނާ ބަންދުގައި ހުރީ އެކަހެރިކޮށް، ފާޚާނާވެސް ނުހުންނަ ގޮޅިއެއްގައި ކަމަށެވެ. ނަފުސާނީ ހާލަތު އިތުރަށް ދަށްވަމުންދާ ކަމަށް ބުނެ، އެކަށީގެންވާ ފަރުވާއެއް ދިނުމަށް ރޫނާގެ ފަރާތުން ކޯޓުގައިވަނީ އެދިފައެވެ.
ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި، އެ މަސްތުވާތަކެތި އެތެރެކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީ ރޫނާއެވެ.
އެ މަސްތުވާތަކެތީގެ މައްސަލައިގައި ފުރަތަމަ ކޯޓުން ނެރުނު ބަންދު އަމުރުގައި ބުނެފައިވަނީ، އެ ދެ މީހުންގެ އަތުން ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 1.8 ކިލޯ ހުރިކަމަށެވެ. ނަމަވެސް ފަހުން ނެރުނު އަމުރެއްގައިވާ ގޮތުން އެ ތަކެތީގެ ބަރުދަނަކީ 1.5 ކިލޯއެވެ.
މަސްތުވާތަކެއްޗާ ގުޅުންހުރި ކުށްތަކާއި އެކަމުގެ އަދަބުތައް ތަފުސީލުކޮށް ބަޔާންކޮށްފައިވާ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައިވާ ގޮތުން، މަސްތުވާތަކެތި އެތެރެކުރުމާއި ބޭރުކުރުމަކީ ބޮޑު ކުށެކެވެ. މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 104 ވަނަ މާއްދާގެ ދަށުން، އެއްވެސް ބާވަތެއްގެ މަސްތުވާ އެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުން ނުވަތަ ރާއްޖެއިން ބޭރުކުރުމަކީ ކުށެކެވެ.
އޭގެ އަދަބަކީ އުމުރަށް ޖަލަށްލުމާއެކު އެއްލައްކަ ރުފިޔާއާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމެވެ.