އެއާޕޯޓު މައްސަލަ: މާވަށު ރައްޔިތުން އިހުތިޖާޖަށް ނުކުންނައިރު އެ ރަށު ޕީއެންސީ ގޮފީގެ ޕެޓިޝަނެއް ރައީސަށް

ރައީސް ޑރ. މުޙައްމަދު މުއިއްޒު ލ. މާވަރަށް ވަޑައިގަތުމުން މަރުހަބާ ކިޔުން: އެއާޕޯޓު މައްސަލައިގައި މާވަށު ރައްޔިތުން އިހުތިޖާޖަށް ނިކުންނަނީ -- ސަން ފޮޓޯ: އަމަން ލަތީފް

ލ. އަތޮޅުގައި އަޅާ ދެވަނަ އެއާޕޯޓު ސަރުކާރުން ލ. އިސްދޫގައި އަޅާގޮތަށް ނިންމުމާ ގުޅިގެން، އެ އަތޮޅު މާވަށުގެ ރައްޔިތުން މިއަދު އިހުތިޖާޖުކުރަން ނިންމައިފިއެވެ.

ލ. އަތޮޅުގައި ދެވަނަ އެއާޕޯޓެއް ލ. އިސްދޫ ކަލައިދޫގައި އެޅުމަށް ސަރުކާރުން ނިންމީ މިދިޔަ ބުރާސްފަތި ދުވަހެވެވެ. އެކަން ހާމަކޮށްފައި ވަނީ މިނިސްޓްރީ އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން އާންމުކޮށްފައިވާ ވީޑިއޯއެއްގައެވެ.

އެ ވީޑިއޯގައި އިސްދޫ ކަލައިދޫއަކީ ރާއްޖޭގެ އެންމެ ބިން ބޮޑު ރަށްތަކުގެ ތެރެއިން އެއް ރަށް ކަމަށްވާއިރު، އެ ރަށަކީ އާބާދީ އެއްފަސްކުރުމާއި ތަރައްގީގެ ފުރުސަތުތައް ފުޅާ ދާއިރާއެއްގައި އޮތް ރަށެއް ކަމަށް ބުނެފައި ވެއެވެ.

https://sun.mv/223858

އެ އަތޮޅުގައި ދެވަނަ އެއާޕޯޓެއް ތަރައްގީކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވައުދުވެވަޑައިގަތީ 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހު މާވަށަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައެވެ.

އިސްދޫ ކަލައިދޫގައި އެއާޕޯޓު ތަރައްގީކުރުމަށް ނިންމުމުން މާވަށު ރައްޔިތުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މާވަށު ޕީއެންސީ ގުރޫޕުގެ ފަރާތުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ރައީސަށް ޕެޓިޝަނެއް ހުށަހެޅުމަށް ނިންމާފައެވެ.

އެ ޕެޓިޝަނުގައި ވަނީ ލ. އަތޮޅުގައި ވަކިން އޮންނަ މާވަށަކީ ތާރީޚީ ގޮތުންނާއި ޖިއޯގްރަފީ ގޮތުން ދަތުރުފަތުރާއި އަސާސީ ޚިދުމަތްތައް ހޯދުމުގައި އެންމެ ބޮޑު ތަކުލީފެއް އުފުލަން ޖެހިފައިވާ ރަށް ކަމަށް ބުނެފައެވެ. އަދި އެ ރަށުގެ ރައްޔިތުން ބާކީވެފައި ތިބި ތިބުން ނިމުމަކަށް ގެނެސްދޭނެ ހަމައެކަނި ވެރިއަކީ ރައީސް މުއިއްޒު ކަމަށް ބުނެފައިވެއެވެ. ނަމަވެސް އެއާޕޯޓު އިސްދޫ ކަލައިދޫގައި އެޅުމަށް ސަރުކާރުން ނިންމި ދުވަހަކީ އެ ރަށުގެ ރައްޔިތުންގެ އުންމީދުތައް ފުނޑުފުނޑުވެ، މުޅި ރަށް މާޔޫސްކަމުގެ ތެރެއަށް ވައްޓާލި 'ކަޅު ދުވަހެއް' ކަމަށް ޕެޓިޝަނުގައި ވަނީ ބުނެފައެވެ. އަދި އެ ޕެޓިޝަނަކީ މުޅި މާވަށު ރައްޔިތުންގެ އެއްބާރުލުމާއެކު ރައީސްގެ ސަމާލުކަމަށް ހުށަހަޅާ ރަސްމީ އާދޭހެއް ކަމަށް ވަނީ ބުނެފައެވެ.

ހަމައެއާއެކު އެ ޕެޓިޝަން ހުށަހަޅާ މުހިންމު ސަބަބުތަކުގެ ތެރޭގައި ހިމެނެނީ ރައީސްގެ ރިޔާސީ ވައުދުފުޅާ ޚިލާފުވުމާއި، ދަތުރުފަތުރުގެ ވޭނީ ތަކުލީފު އުފުލަން ޖެހުމުގެ އިތުރުން އެހެން ހުރިހާ ތަރައްގީއަކަށްވުރެ ބޮޑަށް އެ ރަށުގެ ރައްޔިތުން އެއާޕޯޓު ބޭނުން ވުމެވެ.

ސިޔާސީ ގޮތުން ލިބިދާނެ ގެއްލުމުގެ ގޮތުގައި ޕެޓިޝަނުގައި ބުނެފައި ވަނީ، މާވަށަކީ ނިމިދިޔަ ރިޔާސީ އިންތިޚާބުގައި މުޅި ރާއްޖެއިން ދެވަނައަށް އެންމެ ބޮޑު އިންސައްތައެއްގެ ވޯޓު ރައީސަށް ދިން ދާއިރާ ކަމަށެވެ. އަދި އެ ރަށަކީ މިފަހަރުގެ ކައުންސިލް ގޮނޑިތަކާއި ރިފަރެންޑަމްގައި ވެސް ރައީސްގެ އެދުމަށް ބޮޑުތަނުން 'އާނއެކޭ' ބުނި ރަށެއް ކަމަށާއި އެ ރަށުގެ ރައްޔިތުން ސަރުކާރު ޕްރޮމޯޓް ކުރީ އެއާޕޯޓުގެ ބޭނުމުގައި ކަމަށް ވެސް އެ ޕެޓިޝަންގައި ވަނީ ބުނެފައެވެ.

ނަމަވެސް މި ލިބުނު މާޔޫސްކަމުގެ ސަބަބުން ރަށުގެ ސިޔާސީ މަސްރަހު ގަޑުބަޑުވެ، ރަށުގެ ކޮމިއުނިޓީ ގުރޫޕުތަކުގައި އާންމު މެމްބަރުން ނުރުހުން ފާޅުކުރަމުންދާ ކަމަށް ޕެޓިޝަނުގައި ވަނީ ފާހަގަކޮށްފައެވެ.

މިކަމާ ގުޅުވައި 'ސަން' އިން ސުވާލުކުރުމުން މާވަށު ކައުންސިލް މެމްބަރު އަޙްމަދު އަޒްމީލް ވިދާޅުވީ، އެއާޕޯޓުގެ މައްސަލައިގައި އެ ރަށުގެ ޕީއެންސީ ގުރޫޕުގެ ފަރާތުން ރައީސަށް ޕެޓިޝަނެއް ހުށަހަޅަން ނިންމާފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ ޕެޓިޝަނަށް ސޮއިހަމަކުރުމުގެ މަސައްކަތް ކަމަށެވެ. އަދި ކައުންސިލުން މި މައްސަލައިގައި ވަކި ކޮޅަކަށް ނުޖެހޭ ކަމަށާއި މި މައްސަލައިގައި ކައުންސިލުން އޮތީ ހަނު ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އަޒްމީލް ވަނީ މި މައްސަލައިގައި ކަންބޮޑުވުން ފާޅުކުރުމަށް ރަށު ރައްޔިތުންގެ ފަރާތުން މިއަދުގެ ހަވީރު 16:30ގައި މާވަށު ބަނދަރު ސަރަހައްދުގައި އިހުތިޖާޖު ކުރުމަށް ވެސް ނިންމާފައިވާ ކަމަށެވެ. މާވަށުގައި އެއާޕޯޓު އަޅައި ދޭނެ ފަދަ ގޮތަކަށް ރައީސް އެ ރަށަށް ވަޑައިގެން ވާހަކަދެއްކުމަށްފަހު ނިންމުން ބަދަލުކުރެއްވުމުން ރަށުގެ ރައްޔިތުން އެކަމާ ވަރަށް ބޮޑަށް މާޔޫސްވެފައި ތިބިކަމަށް އަޒްމީލް ވިދާޅުވިއެވެ.

ލ. އަތޮޅަކީ ގުދުރަތީ ގޮތުން މުއްސަނދި އަދި ތާރީޚީ ގޮތުން ފާހަގަކޮށްލެވޭ އަތޮޅެކެވެ. މިހާރު އެ އަތޮޅުގައި އޮޕަރޭޓް ކުރަމުންދަނީ ލ. ކައްދޫ އެއާޕޯޓު އެކަންޏެވެ.

ލ. އަތޮޅުގައި ތަރައްގީކުރާ ދެވަނަ އެއާޕޯޓު އިސްދޫ ކަލައިދޫގައި އެޅުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، މާވަށު ރައްޔިތުންނާއި އެ ރަށުގެ ޕީއެންސީ ގޮފިން ވަނީ ކަންބޮޑުވުން ފާޅުކޮށް ރައީސުލްޖުމްހޫރިއްޔާއަށް ޕެޓިޝަނެއް ހުށަހެޅުމަށް ނިންމާފައެވެ. މާވަށު ރައްޔިތުން ދެކޭ ގޮތުގައި މިއީ ރައީސް އެ ރަށަށް ކުރެއްވި ދަތުރުފުޅެއްގައި ވެވަޑައިގެންނެވި ވައުދުފުޅަކާ ޚިލާފަށް ނިންމެވި ނިންމެވުމެކެވެ. އެހެންކަމުން އެއާޕޯޓު އެހެން ރަށެއްގައި އެޅުމަށް ނިންމި ދުވަހަކީ މާވަށު ރައްޔިތުންގެ އުންމީދުތައް ފުނޑުފުނޑުވެގެންދިޔަ ކަޅު ދުވަހެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ. މާވަށަކީ ދަތުރުފަތުރުގެ ގޮތުން އެކަހެރިކޮށް އޮންނަ، އަދި އަސާސީ ޚިދުމަތްތައް ހޯދުމަށް ބޮޑެތި ތަކުލީފުތަކެއް އުފުލަންޖެހިފައިވާ ރަށެކެވެ. މީގެ އިތުރުން، އެ ރަށަކީ ނިމިދިޔަ ރިޔާސީ އިންތިޚާބުގައި މުޅި ރާއްޖެއިން ދެވަނައަށް އެންމެ ބޮޑު ތާއީދެއް ރައީސަށް ދިން ދާއިރާ ކަމަށްވާއިރު، އެ ރަށުގެ ރައްޔިތުން ސަރުކާރަށް ތާއީދުކުރީ އެއާޕޯޓުގެ އުންމީދުގައެވެ. މި މައްސަލައިގައި ރަށު ކައުންސިލުން ހަނު އޮތް ނަމަވެސް، ރައްޔިތުންގެ ނުރުހުން ފާޅުކުރުމުގެ ގޮތުން މިއަދު ހަވީރު އެ ރަށު ބަނދަރު ސަރަހައްދުގައި ވަރުގަދަ އިހުތިޖާޖެއް ކުރުމަށް ވަނީ ރާވާފައެވެ.

  • ސަރުކާރުން ނިންމާފައިވަނީ ލ. އަތޮޅުގެ ދެވަނަ އެއާޕޯޓު އިސްދޫ ކަލައިދޫގައި ތަރައްގީކުރުމަށެވެ.
  • މާވަށު ޕީއެންސީ ގޮފިން އިސްނަގައިގެން، ރައްޔިތުންގެ ކަންބޮޑުވުންތައް ހިމަނައި ރައީސަށް ހުށަހެޅުމަށް ޕެޓިޝަނެއްގައި ސޮއިކުރަން ވަނީ ފަށާފައެވެ.
  • މާވަށަކީ ދަތުރުފަތުރުކުރުމުގައި ބޮޑެތި ދަތިތަކެއް ހުރި ރަށަކަށްވުމާއެކު، އެއާޕޯޓަކީ އެ ރަށަށް ނުހަނު ބޭނުންތެރި ތަރައްގީގެ މަޝްރޫއެއްކަން ޕެޓިޝަނުގައި ފާހަގަކޮށްފައިވެއެވެ.
  • ރިޔާސީ އިންތިޚާބުގައި ރައީސަށް ބޮޑު ތާއީދެއް ދިން ނަމަވެސް، މި ނިންމުމުގެ ސަބަބުން ރައްޔިތުން މާޔޫސްވެފައިވާކަން ވަނީ ހާމަކޮށްފައެވެ.
  • ރައްޔިތުންގެ ނުރުހުމާއި ކަންބޮޑުވުންތައް ފާޅުކުރުމަށް މާވަށު ބަނދަރު ސަރަހައްދުގައި އިހުތިޖާޖެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
comment ކޮމެންޓް