ވެނެޒުއޭލާއަށް އައި ބިންހެލުމުގެ އަސަރު 6.8 މިލިއަން މީހުންނަށް ކުރާނެ: އދ

ވެނެޒުއޭލާއަށް އައި ބިންހެލުމުގައި ހާލުގައި ޖެހިފައިވާ ބައެއް: ބިންހެލުމުގެ އަސަރު ގާތްގަޑަކަށް 6.8 މިލިއަން މީހުންނަށް ކުރާނެ ކަމަށް އދ އިން ލަފާކުރޭ -- ފޮޓޯ/ ރޮއިޓާސް

ވެނެޒުއެލާއަށް މިދިޔަ ބުދަ ދުވަހު އައި ބާރުގަދަ ދެ ބިންހެލުމުގެ އަސަރު ގާތްގަނޑަކަށް ހަތް މިލިއަން މީހުންނަށް ކުރާނެ ކަމަށް އދ އިން ލަފާކޮށްފިއެވެ.

އެ ބިންހެލުންތަކުގައި ގާތްގަނޑަކަށް 1،000 މީހުން މަރުވެ ލައްކައެއްހާ މީހުން ގެއްލިފައިވާ ކަމަށް ވެސް ލަފާކޮށްފައިވެއެވެ.

"ޖޫން މަހުގެ 24 ވަނަ ދުވަހު ވެނެޒުއެލާއަށް އައި ބިންހެލުމުގެ އަސަރު 6.76 މިލިއަން މީހުންނަށް ކޮށްފާނެ،" އދ ގެ އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ މައިގްރޭޝަނުން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ވެއެވެ.

ބިންހެލުމުގެ އަސަރު ހަމައެކަނި ވެރިރަށް ކަރަކާސްއިން ވެސް ދެ މިލިއަނަށް މީހުންނަށް ކުރާނެ ކަމަށް ލަފާކޮށްފައިވެއެެވެ.

ފަންސާސް ހާހަށްވުރެ ގިނަ މީހުން ގެއްލިފައި

އދ ގެ އެހީގެ ވެރިޔާ ޓޮމް ފްލެޗާ ވިދާޅުވި ގޮތުގައި ބިންހެލުމާ ގުޅިގެން ވެެނެޒުއޭލާއިން 50،000 އަށް ވުރެ ގިނަ މީހުން ވަނީ ގެއްލިފައެވެ.

އައިއޯއެމްއިން ބުނީ މައިކްރޮސޮފްޓް އޭއައި ފޯ ގުޑް ލެބާ ގުޅިގެން ހެދި ސެޓެލައިޓް މެޕިން އެނަލިސިސްއެއް ކަމަށާއި އެ އެނަލިސްސްއިން ދައްކާ ގޮތުގައި ކެޓިއާ ލާ މާ ޓައުންގެ 31.5 ޕަސެންޓް އިމާރާތްތަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ.

ވެނެޒުއެލާގެ ލާ ގުއައިރާގެ އިމާރާތެއްގެ ދަށުން ސަލާމަތްކުރި މީހެއް -- ފޮޓޯ/ އޭޕީ

މިފަދަ އެސެސްމަންޓްތަކުގެ ސަބަބުން އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް އެންމެ ބޮޑަށް އަސަރުކުރާ ކޮމިއުނިޓީތައް ދެނެގަނެ، ގްރައުންޑް އެސެސްމަންޓްތައް ކުރިއަށްދާއިރު ވެސް ފުރާނަ ސަލާމަތް ކުރުމަށް އެހީތެރިކަން ފޯރުކޮށްދޭ ތަންތަނަށް އިސްކަންދިނުމަށް އެހީތެރިވެދެމުން އަންނަ ކަމަށް އެ އައިއޯއެމް އިން ބުނެއެވެ.

"އައިއޯއެމް ދަނީ ހަލުވިކަމާއެކު ސްކޭލް އަޕް ކުރަމުން. ޕްރީޕޮޒިޝަންޑް ރިލީފް އައިޓަމްސް މިހާރު ވެސް ފޮނުވަމުން އެބަދޭ. އަދި ސަރުކާރާއި ޕާޓްނަރުންނާ ގުޅިގެން ކުއްލި ހިޔާވަހިކަމާއި ކޮންމެހެން ބޭނުންވާ ސާމާނާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން މިދަނީ،" އައިއޯއެމްގެ ވެރިޔާ އެމީ ޕޯޕް ވިދާޅުވިއެވެ.

ބިންހެލުންތަކުގެ ކުރިން ވެސް އިންސާނީ ދަތިކަން ކުރިމަތިވެފައިވާ އެ ގައުމުގައި ގެދޮރު ދޫކުރަން މަޖޫބުރުވާ މީހުންގެ އަދަދު އިތުރުވާނެކަމުގެ ޔަގީންކަން ޕޯޕް ދެއްވިއެވެ. އަދި ކުރިއަށް އޮތް ދަތި ދުވަސްތަކާއި މަސްތަކުގައި ފުރާނަ ސަލާމަތް ކުރުމަށް އެހީތެރިކަން ފޯރުކޮށްދީ، ވެނެޒުއެލާގެ ރައްޔިތުންނަށް އެހީތެރިވެދިނުމުން އަވަސް ހައްލު ދިނުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ބިންހެލުމުގައި އަނިޔާވި މީހުންނަށް ފަރުވާދެނީ -- ފޮޓޯ/ ރޮއިޓާސް

މީޑިއަ ރިޕޯޓުތައް ބުނާ ގޮތުން، ފުރަތަމަ އައިސްފައިވަނީ ރިކްޓާ މިންގަނޑުން 7.2 ގެ ބާރުމިނުގެ ބިންހެލުމެކެވެ. އަދި އޭގެ ސިކުންތުކޮޅެއް ފަހުން 7.5 ގެ ބާރުމިނުގެ ދެވަނަ ބިންހެލުމެއް އައިސްފައި ވެއެވެ. ޔޫއެސްޖީއެސް އިން ހާމަކޮށްފައިވާ ގޮތުގައި ފުރަތަމަ ބިންހެލުން އުފެދިފައި ވަނީ ބިމުގެ 20.3 ކިލޯމީޓަރު އަޑިންނެވެ. އަދި ދެވަނަ ބިންހެލުން އުފެދިފައި ވަނީ 10 ކިލޯމީޓަރު އަޑިންނެވެ. ބިންހެލުން އައިސްފައިވަނީ ބުދަ ދުވަހުގެ ހަވީރު 6:04 ހާއިރު ކަމަށްވުމާއި، އެ ދުވަހަކީ ރަސްމީ ބަންދު ދުވަހަކަށް ވުމުން ގިނަ ބަޔަކު ތިބީ ގޭގައެވެ.

މި ބިންހެލުންތަކުގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ ވެރިރަށް ކަރާކަސްގެ އިތުރުން އައްސޭރިފަށުގެ ސަހަރެއް ކަމަށްވާ ލަ ގުއައިރާ އަށާއި މޮރޮން އަށެވެ. މީގެ އިތުރުން ޓްރުހިޔޯ، ޔަރަކުއީ، ކަރަބޯބޯ، އަރާގުއާ އަދި މިރާންޑާ ސްޓޭޓަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

ވެނެޒުއޭލާއަށް ޖޫން މަހުގެ 24 ވަނަ ދުވަހު އައި ބާރުގަދަ ދެ ބިންހެލުމެއްގެ ސަބަބުން އެ ގައުމުގެ 6.8 މިލިއަން މީހުންނަށް އޭގެ ނޭދެވޭ އަސަރު ކުރާނެކަމަށް އދގެ އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ މައިގްރޭޝަން (އައިއޯއެމް) އިން ވަނީ ލަފާކޮށްފައެވެ. ރިކްޓަރ މިންގަނޑުން 7.2 އަދި 7.5 ގެ ބާރުމިނުގައި އައި މި ދެ ބިންހެލުން އައިސްފައިވަނީ ގާތްގަނޑަކަށް އެއް ވަގުތެއްގައެވެ. ރަސްމީ ބަންދު ދުވަހެއްގައި މި ކާރިސާ ކުރިމަތިވުމުގެ ސަބަބުން ގިނަ ބަޔަކު ގޭގައި ތިބުމާއެކު، އާންމުންނަށް ލިބުނު ގެއްލުންތައް ވަނީ އިންތިހާއަށް ބޮޑުވެފައެވެ. މި ކާރިސާގައި މިހާތަނަށް 1000 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، 50،000 އަށްވުރެ ގިނަ މީހުން ވަނީ ގެއްލިފައެވެ. އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ވެރިރަށް ކަރާކަސްގެ އިތުރުން ލަ ގުއައިރާ އަދި މޮރޮން ފަދަ އައްސޭރިފަށުގެ ސަރަހައްދުތަކަށެވެ. މީހުން ސަލާމަތްކުރުމާއި ކުއްލި އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް އދގެ އިދާރާތަކުންނާއި ސަރުކާރުން ގުޅިގެން މިހާރު ދަނީ ހަލުވިކަމާއެކު ކުރިއަށް ގެންދަމުންނެވެ. އަދި ގެދޮރު ގެއްލިފައިވާ ފަރާތްތަކަށް ކުއްލި ހިޔާވަހިކަމާއި ޒަރޫރީ ސާމާނު ފޯރުކޮށްދިނުމުގެ މަސައްކަތް ވަނީ ފުޅާކޮށްފައެވެ. މި ބިންހެލުންތަކުގެ ކުރިންވެސް ވެނެޒުއޭލާއަށް ވަނީ އިންސާނީ އެތައް ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ. އައިއޯއެމްގެ އިސްވެރިޔާ އެމީ ޕޯޕް ފާހަގަކުރެއްވި ގޮތުގައި، މި ކާރިސާއާ ގުޅިގެން ގެދޮރު ދޫކޮށް ދާން މަޖުބޫރުވާ މީހުންގެ އަދަދު އިތުރުވެގެންދާނެއެވެ. އެހެންކަމުން، ކުރިއަށް އޮތް ދަތި ދުވަސްތަކުގައި ފުރާނަ ސަލާމަތްކުރުމަށް އެހީތެރިކަން ފޯރުކޮށްދީ، ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އަވަސް ހައްލެއް ހޯދައިދިނުމަކީ މިވަގުތު އެންމެ އިސްކަންދޭންޖެހޭ ކަންތައް ކަމުގައި އދއިން ވަނީ ކަނޑައަޅާފައެވެ.

  • ޖޫން 24 ވަނަ ދުވަހު ވެނެޒުއޭލާއަށް އައި ބާރުގަދަ ދެ ބިންހެލުމުގެ އަސަރު 6.8 މިލިއަން މީހުންނަށް ވަނީ ކޮށްފައެވެ.
  • މި ކާރިސާގައި 1000 މީހުން މަރުވެ، 50،000 އަށްވުރެ ގިނަ މީހުން ގެއްލިފައިވާކަމަށް އދއިން ވަނީ ހާމަކޮށްފައެވެ.
  • ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ވެރިރަށް ކަރާކަސްއާއި އައްސޭރިފަށުގެ ސަރަހައްދުތަކަށެވެ.
  • ސެޓެލައިޓް މެޕިންގ އެނަލިސިސްއިން ދައްކާ ގޮތުގައި ބައެއް އަވަށްތަކުގެ 31.5 އިންސައްތަ އިމާރާތްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
  • އައިއޯއެމް ފަދަ ބައިނަލްއަގުވާމީ އިދާރާތަކުން ދަނީ ކުއްލި ހިޔާވަހިކަމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް ހަލުވިކަމާއެކު މަސައްކަތް ކުރަމުންނެވެ.
comment ކޮމެންޓް