ފަތުރުވެރިކަމުގެ އޮފް ސީޒަނާ ދިމާކޮށް ބޭންކުތަކަށް, މަރުކަޒީ ބޭންކު (އެމްއެމްއޭ)އިން ޑޮލަރު ދޫކުރާ މިންވަރު 25 އިންސައްތައަށް އިތުރުކޮށްފިއެވެ.
އެމްއެމްއޭއިން ބުނީ، އަންނަ އާދިއްތަ ދުވަހުން ފެށިގެން ކުރިއަށް އޮތް ތިން މަހުގެ ކޮންމެ ހަފްތާއަކު ބޭންކުތަކަށް ޑޮލަރު ވިއްކާ މިންވަރު މިހާރަށްވުރެ 25 އިންސައްތަ އިތުރު ކުރަން ނިންމާފައިވާ ކަމަށެވެ.
މިގޮތުން، އެ ބަދަލު ގެންނަން ނިންމީ ފަތުރުވެރިކަމުން ލިބޭ ބޭރު ފައިސާގެ މިންވަރު ދަށްވާ ދުވަސްވަރެއްގައި، ރާއްޖޭން ބޭރަށް ފޮނުވަން ޖެހޭ ފައިސާގެ ޑިމާންޑު އެއްވަރެއްގައި ހުރުމުން ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ކަމަށް އެ ބެންކުން ބުނެއެވެ.
މިއީ ބޭންކިން ނިޒާމުގެ ތެރޭގައި އޮތް ބޭރު ފައިސާގެ ދަތިކަން ކުޑަކުރުމަށާއި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ޑޮލަރު ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމަށް އެޅި ވަގުތީ ފިޔަވަޅެއްކަން އެމްއެމްއޭއިން ފާހަގަކުރިއެވެ.

އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު: އޮފް ސީޒަނަށް، ބޭންކުތަކަށް އެމްއެމްއޭއިން ޑޮލަރު ދޫކުރާ މިންވަރު 25 ޕަސެންޓު ވަނީ އިތުރުކޮށްފައި -- ފޮޓޯ/ އެމްއެމްއޭ
މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލައި، އެމްއެމްއޭއިން ބުނި ގޮތުގައި، މިދިޔަ ފަސްމަހު ވިޔަފާރިތަކާއި އާންމުންގެ އެކި ބޭނުންތަކަށް ބޭންކުތައް މެދުވެރިކޮށް ވިއްކާފައިވާ ޑޮލަރު 72 އިންސައްތަ އިތުރެވެ.
މިގޮތުން، ބޭރު ފައިސާގެ ޑިމާންޑު އެންމެ ބޮޑަށް އިތުރުވެފައިވާ އެއް ދާއިރާއަކީ ބޭސްފަރުވާއާއި ތައުލީމަށް ރާއްޖޭން ބޭރަށް ކުރާ ދަތުރުތަކަށް ކަމަށް އެ ބެންކުން ބުނެފައިވެއެވެ.
އެ ބެންކުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ ފަސް މަހު ބޭސްފަރުވާއާއި ތައުލީމަށް ބޭންކުތައް މެދުވެރިކޮށް ޑޮލަރު ވިއްކި މިންވަރު ވަނީ، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 78 އިންސައްތަ އިތުރުވެފައެވެ.
ބެންކުތަކަށް ދޫކުރާ ޑޮލަރު މިންވަރު އިތުރުކުރިއިރު، ރާއްޖެއަށް އެތެރެވާ ބޭރު ފައިސާގެ މިންވަރު ދަށެވެ. އެހެންވެ، ޑޮލަރެއްގެ އަގު އުފުލި، 20 ރުފިޔާއިން މަތީގައި ހުންނަތާ އެތައް ދުވަހެއް ވެއްޖެއެވެ.
އޭގެއިތުރަށް، ގައުމީ ބޭންކު ބީއެމްއެލްއަށް ލިބޭ ޑޮލަރަށްވުރެ، ޑޮލަރުގެ ޑިމާންޑް ބޮޑުވުމުގެ ސަބަބުން، މިދިޔަ މަހުން ފެށިގެން ދިވެހި ރުފިޔާ ކާޑުތަކުން ރާއްޖޭން ބޭރުގެ އީ-ކޮމާސް އަދި އޮންލައިން މުއާމަލާތްތައް ކުރުމަށް ބީއެމްއެލްއިން ވަނީ ލިމިޓުތަކެއް ކަނޑައަޅައިފައެވެ.
އެކަމަކު، މި މަސް ނިމުމުގެ ކުރިން ޑޮލަރުގެ ލިމިޓަށް ލުޔެއް ދޭނެކަން އެ ބެންކުން ވަނީ ހާމަކޮށްފައެވެ.