ޕީއެންސީގެ 2028 ވަނަ އަހަރުގެ ރިޔާސީ ކެނޑިޑޭޓަކީ ޕާޓީގެ ރައީސް އަދި މިހާރުގެ ރައީސް ޑރ. މުޙައްމަދު މުއިއްޒު ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ސައީދު މިފަދައިން ވިދާޅުވީ އިދިކޮޅަށް ރައްދުދެއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ސައީދު ވަނީ ޕީއެންސީގެ މެންބަރުންނާއި ލީޑާޝިޕާއި ޕާލިމެންޓްރީ ގުރޫޕުގެ އިތުރުން ޕާޓީގައި ހަރަކާތްތެރިވާ ހުރިހާ ބޭފުޅުންގެ ވެސް އޮތީ އެއް ވިސްނުމެއް ކަމަށް ވިދާޅުވެފައެވެ. އަދި އެއީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނު ދިވެހި ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދެވުން ކަމަށް ސައީދު ވިދާޅުވިއެވެ.
އެގޮތުން އެމަނިކުފާނުގެ ފަހަތްޕުޅުގައި ރާއްޖެއަށް ހަމަޖެހުމާއި ތަރައްގީގެ އިތުރުން ކުރިއެރުން ގެނައުމަށް ކުރައްވާ މިތްނެތް މަސައްކަތްޕުޅުގައި ބައިވެރިވެ، އެ އަމާޒުތައް ހާސިލްކުރުމުގައި ހަވާލުކުރެެއްވި ކޮންމެ މަސައްކަތެއްގައި ކާމިޔާބުކަމާއެކު ނަތީޖާ ނެރެން މަސައްކަތް ކުރައްވާނެ ކަމަށް ސައީދު ވިދާޅުވިއެވެ.
ސައީދު ވަނީ އެ ކަންކަން "ހަޖަމުކުރަން" ދަތިވާ އިދިކޮޅު ބައެއް ފަރާތްތަކަށް، ޕީއެންސީގެ 2028ގެ ރިޔާސީ ކެންޑިޑޭޓަކީ ވެސް ހަމަ ރައީސް ޑރ. މުޙައްމަދު މުއިއްޒު ކަމަށް ވިދާޅުވެފައެވެ. އަދި ޕާޓީގެ އެތެރޭގެ އިންތިޚާބަކުން ވެސް އެކަމަކަށް ބަދަލެއް ނާންނަ ކަމަށާއި ރައީސް މުއިއްޒުގެ ލީޑާޝިޕުގައި ޕާޓީ ބޮޑުވެ، އިތުރަށް ވަރުގަދަވެ މުހިންމު ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ.
ސައީދު ވަނީ ރާއްޖޭގެ އެންމެ މެންބަރުން ގިނަ ޕާޓީއަށް އެ ޕާޓީ ވެފައިވާ ކަމަށާއި ކުރު މުއްދަތަކުން އެންމެ ގިނަ އިންތިޚާބު ކާމިޔާބުކުރި ޕާޓީއަށް އެ ޕާޓީ ވެފައިވާއިރު، މަޖިލީހުގެ އެންމެ ބޮޑު ސުޕަމެޖޯރިޓީ ހޯދި ޕާޓީއަށް ވެސް އެ ޕާޓީވެފައިވާ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން އެންމެ ގިނަ ދަރަނި ދައްކައިދީ، އެންމެ ގިނަ ބިން ހިއްކައިދީ، އެއްފަހަރާ އެންމެ ގިނަ މަޝްރޫއު މުޅި ރާއްޖޭގައި ހިންގައިދޭ ސަރުކާރަށް ވެސް އެންމެ ދެ އަހަރާއި ހަ މަހުން ވެއްޖެކަމަށް ވިދާޅުވެ ސައީދު ވަނީ ރައީސް މުއިއްޒުގެ ގާބިލް ލީޑާޝިޕް މިވަރުން ޔަގީންވެ ކަށަވަރުވެފައިވާ ކަމަށެވެ.
އޭނާ ވަނީ ރާއްޖެއަށް މިވަގުތުވެސް އޮތް ސިޔާސީ އެންމެ ބޮޑު ގޮންޖެހުމަކީ ރަނގަޅު އިދިކޮޅު ޕާޓީއެއް ނެތުންކަމަށާއި އިދިކޮޅު ލީޑަރުންގެ ތެރޭގައި މިހާރު އުފެދިފައިވާ ކޯލިޝަންގައި ވެރިއެއް ނުފެންނަ ކަމަށް ވިދާޅުވެފައެވެ. އަދި ފެންނަމުން ދަނީ ޗޮކުންދާ މަންޒަރު ކަމަށާއި އިދިކޮޅުގައި މިހާރު އޮތީ ނަފްރަތާއި ކެހިވެރިކަން ކަމަށް ސައީދު ވިދާޅުވިއެވެ.