މި ސަރުކާރުން މޯލްޑިވްސް 2.0 ބިލު ނުވަތަ ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލު ހުށަހަޅައި މަސައްކަތްކުރަން މި އުޅެނީ ނިޒާމުގެ ތެރެއިން ކުރާ ވައްކަންތައް ހުއްޓުވަން ކަމަށާއި، އިންސާނުންގެ ދައުރު މަސައްކަތްތަކުގައި މަދުކުރުމުން ވައްކަންވެސް މަދުވާނެ ކަމަށް، ވެރިކަންކުރާ ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު މިއަދު ވިދާޅުވެއްޖެއެވެ.
ސަރުކާރު ފަރާތުން ގައްދޫ ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު ޢަލީ ހުށަހެޅުއްވި ބިލަށް ބަހުސްކުރައްވަމުން ޝުޖާޢު ވަނީ އޭނާގެ ކުރިން ވާހަކަދެއްކެވި ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު ޢަބްދުލްޣަފޫރު މޫސާ (ގަޕޯ)ގެ ވާހަކަތަކަށް ރައްދު ދެއްވައިފައެވެ.
ގަޕޯ ވަނީ މި ބިލް ސަރުކާރުން ހުށަހެޅީ އީވޯޓިންއަށް ގޮސް, ވޯޓް އޮޅުވާލުމަށް ކަމަށް ތުހުމަތު ކުރައްވައިފައެވެ.
އެކަމަށް ރައްދު ދެއްވަމުން ޝުޖާޢު ވިދާޅުވީ ބިލުގެ މަގުސަދުގައި އީވޯޓިންއާ ގުޅޭ ވާހަކައެއް ނެތް ކަމަށެވެ.
"މި ގާނޫނުގެ އެއްވެސް ތަނެއްގައި އީވޯޓިންއާ ގުޅޭ ވާހަކައެއް ނެތް، އިތުރުފުޅު އެ ހައްދަވަނީ،" ޝުޖާޢު ވިދާޅުވިއެވެ.
ނިޒާމުގެ ތެރެއިން ވައްކަމެއް ކުރެވޭނެ ދޮރު ބަންދުކުރަންޏާ ވަރަށް އަސަރުކުރާނެ މި ބޭފުޅުންނަށް، ޚާއްސަކޮށް މިފަދަ މުހިއްމު ބިލެއް، ޑިޖިޓަލް ޓްރާންސްފޮމޭޝަން މި ބިލުން މައިގަނޑު ގޮތެއްގައި މި އުޅެނީ ދިވެހިރާއްޖޭގައި ކުރާ ވައްކަންތައް ހުއްޓުވަން،ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު
ހުޅުމާލޭ ދާއިރާގެ ކައުންސިލަރުކަންވެސް ކުރެއްވި ޝުޖާޢު ވިދާޅުވީ، ޑިޖިޓަލް ޓްރާންސްފޮމޭޝަން ނުވަތަ ޚިދުމަތްތައް ޑިޖިޓަލްކުރުމުގެ މަސައްކަތް ފެށުނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރު ކަމަށެވެ.
ޝުޖާޢު ވިދާޅުވީ، މީގެ 10 އަހަރުކުރިން ބޭނުންކުރަމުން އައި ސީޑީއާއި ޕެންޑްރައިވް ފަދަ ބައެއް ވަސީލަތްތައް މިހާރު ނެތެމުންދާ ކަމަށެވެ.
"އިއްޒަތްތެރި ރައީސް، އިންސާނުންގެ ދައުރު މަދުކުރަންޖެހެނީ ޕްރޮކިއުމަންޓް ނިޒާމުގައި، އިންސާނުންގެ ދައުރު މަދުކުރީމާ ވައްކަމުގެ ދައުރު މަދުވެގެން ދާނެ،" އޭނާ ވިދާޅުވިއެވެ.
މި ގާނޫނުގެ ސަބަބުން ކޮރަޕްޝަނާއި ފަސާދަ ރާއްޖޭން ނެތިގެން ދާނެ ކަމަށްވެސް ޝުޖާޢު ވިދާޅުވިއެވެ.
ސަރުކާރު ފަރާތުން ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލު ހުށަހެޅި މަގުސަދު ކަމަށް ބަޔާންކޮށްފައިވަނީ، އިތުބާރުހިފޭ، ސަލާމަތްތެރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލްކޮށް ފޯރުކޮށްދެވޭނެ ޑިޖިޓަލް ގަވަނަންސްގެ ނިޒާމެއް ގާއިމުކުރުމަށާއި، މޯލްޑިވްސް 2.0 ގެ ކަންކަން ވިލަރެސްކުރުމަށްޓަކައި "މޯލްޑިވްސް ޑިޖިޓަލް ސާވިސް"ގެ ނަމުގައި އިދާރާއެއް އުފެއްދުމަށެވެ.